ޗާގޯސް މައްސަލައިގައި ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަީފް ވިދާޅުވީ، ރާއްޖެއާ އިންވެގެން އޮންނަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ހޯދުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ލޯ އޮފް ދަ ސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން ކުރިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް މި ސަރުކާރުން ބަދަލުކޮށްފައިވާކަން އިޓްލޮސް އިން 28 އޭޕްރީލް 2023 ވަނަ ދުވަހު ނެރެފައިވާ ބަޔާނުން ދޭހަވާ ކަމަށެވެ.
"ރާއްޖެއާ ދެކޮލަށް އިޓްލޮސްއިން މޮރިޝަސްއަށް ހުށަހަޅާފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައިގައި ސަރުކާރުން ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތް ކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އަދި މިކަމާބެހޭ ގޮތުން ރައްޔިތުންނަށް އެއްވެސް ކަމެއް ހާމަކުރުމެއް ނެތި، އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެއްވެސްކަމެއް ހިއްސާކުރުމެއްނެތި ސިއްރު ސިޓީއަކުން ފޯޅަވަހީގެ ސިޔާދަތީ ބާރު ހިނގާ ގައުމަކީ މޮރިޝަސް ކަމަށް މި ސަރުކާރުން ގަބޫލުކުރާކަން ރައީސުލްޖުމްހޫރިއްޔާ އިބޫ މޮރިޝަސްއަށް އަންގާފައިވާ ކަމަށްވެސް ޝަރީފް ތުހުމަތު ކުރެއްވިއެވެ.
އެއީ އިއާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބުނު ކަމަކަށް ވާތީ މޮރިޝަސައަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށާއި އަދި އެ ސިޓީ ފޮނުވަން ޖެހިވަޑައިގެންނެވި ސަބަބުތައް ރައްޔިތުންނަށް ހާމަކުރުމަށް މި ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، ފެންނަ ކަމަށް ވޯޓުދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 18 މެންބަރުންނެވެ. އަދި އެ ކުއްލި މައްސަލަ ބަލައިނުގަތުމަށް 33 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު