Close
ޓެކްނޮލޮޖީ

ބޮޑެތި ހުރިހާ ޓެކް ކުންފުނިތަކުން މުވައްޒަފުން މަދުކުރިނަމަވެސް އެޕަލްއިން އެންމެ މީހަކުވެސް ނުކަނޑާ

އާދަމް ނަސީރު

ކޮވިޑްގެ އާލަމީ ވަބާއިން ދުނިޔެއަށް ކުރިމަތިކުރި އިގްތިސާދީ ކާރިސާ ވަރަށްވެސް ބޮޑެވެ. ހާއްސަކޮށް ޓެކްނޮލޮޖީގެ ދުނިޔޭގަ ނަން މަޝްހޫރު ހުރިހާ ކުންފުނިތަކުން އެތައް ހާސް ވަޒީފާތަކެއް މަދު ކުރިއެވެ. ކޮވިޑާއެކު ޓެކް އިންޑަސްޓްރީގައި ވަޒީފާއިން ވަކިކުރުމުގެ ތޫފާނެއް ވަނީ ކުރިމަތިވެފަ އެވެ. ޓެކް ކުންފުނި ތަކުގައި ބޮޑުތި މުސާރަ ތަކުގައި ތިބި ގިނަ ބަޔަކު ވަޒީފާއިން ކަނޑާލުން އެމީހުން ދެކެނީ ބޮޑު އަނިޔާއެއް ލިބި ގޮތް ހުސްވުން ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގޫގުލް އިން 12،000 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އެމަޒޯން އިން މަދުކުރި އަދަދު 27،000 އަށް އަރައެވެ. މަޝްހޫރު މައިކްރޮސޮފްޓް، އަދި ފޭސްބުކު ހިންގާ މެޓާއިން ވެސް ވަނީ 10،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. މި ހުރިހާ ބޮޑެތި ކުންފުނިތަކުން އާދަޔާ ހިލާފަށް ގިނަ އަަދަދެއްގެ ވަޒީފާ މަދުކުރުމުން އިގްތިސާދީ ކާރިސާގެ އަސަރު ކިތަންމެހާވެސް ސާފުވެއެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބޭ ކަމެއް އެބައޮތެވެ. ޓެކްނޮލޮޖީގެ މައިތަނބު ނުވަތަ ދުނިޔޭގެ އެެންމެ ބޮޑު ކުންފުނި ކަމަށް ގިނަ ބަޔަކު އެއްބަސްވާ އެޕަލް ކުންފުނިން ރަސްމީކޮށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާތީއެވެ. އެހެން ކުންފުނިތަކުން ހާހުން ވަޒީފާތަކުން މީހުން ކެނޑިއިރު އެޕަލް ކުންފުނިން އެންމެ މީހަކުވެސް ވަޒީފާއިން ވަކި ކޮށްފައި ނުވާތީ އެއީ ގިނަ ބަޔަކަަށް ބޮޑު ސުވާލެކެވެ.

ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި އެޕަލްގެ ސީއީއޯ ޓިމް ކޫކް ވަނީ ވަޒީފާއިން ވަކިކުރުމުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. ކުކް ފާހަގަ ކުރެއްވި ކަމަކީ މީހުން ވަޒީފާއިން ކެނޑުމަކީ ވިޔަފާރި ސަލާމަތް ކުރުމަށް އޭނާ ކުރައްވާނެ އެންމެ ފަހުގެ ކަންތައް ކަމަށާއި ވަޒީފާއަކުން މީހަކު ވަކިކުރުމުގެ ބަދަލުގައި އެނޫން ހުރިހާ ކަމެއް ކޮށްގެންވެސް ވަޒީފާ ދަމަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން އަންނަކަމަށެވެ. އެހެން ކަމުން އެޕަލް ކުންފުނިން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމަކީ މިވަގުތު ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށް" ކޫކް ވިދާޅުވި އެވެ.

ކޫކް ވިދާޅުވީ އެޕަލްގައި މިވަގުތު އިތުރު ވަޒީފާތަކަށް މީހުން ނެގުން ވެސް ހުއްޓާނުލާ ކަމަށާއި ވަޒީފާތައް ފްރީޒް ކުރުމެއްވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ވަޒީފާއަކަށް މީހުން ނެގުމުގައި އިންތިހާއަށް ވިސްނުންތެރިކަމާއެކު އަމަލު ކުރާ އެޕަލް އަކީ މީހުން ވަޒީފާއަށް ނެގުމުގައި ވަރަށް ފުރިހަމަ އުސޫލްތަކެއް ވެސް ގެންގުޅޭ ގެންގުޅޭ ކުންފުންޏެކެވެ.

އެޕަލް އިން ބުނީ ޚަރަދު ބޮޑުވާ އަދި ބޭކާރު ޚަރަދު ހިނގާ ކަންކަން ދެނެގަނެ އެ ހުރިހާ ކަމެއް ރަނގަޅު ކުރަމުން އަންނަ ކަމަށާއި، އެކަމުން ވަޒީފާތައް ސަލާމަތް ކުރެވޭނެ އިތުރު އެތައް ގޮތެއް ހޯދަމުން އަންނަ ކަމަށެވެ.

އެޕަލް އިން މުވައްޒަފުން ވަކި ނުކުރާ އަނެއް ސަބަބަކީ އެހެން ބޮޑެތި ޓެކް ކުންފުނިތަކާ ހިލާފަށް އެއްފަހަރާ އެހާ ގިނަ މީހުން ވަޒީފާއަށް ނަގާފައި ނުވުމެވެ. 2019-2022 އާ ދެމެދު އެމަޒޯން، މެޓާ ފަދަ ކުންފުނިތަކުން އެއްފަހަރާ ގިނަބަޔަކު ވަޒީފާއަށް ނެގި ނަމަވެސް އެޕަލް ކުންފުނިން އޮޕަރޭޝަންތައް ބޮޑުކުރަން ޖެހޭ ހާލަތުގައިވެސް މުވައްޒަފަހުން ނަގަނީ ވިސްނުންތެރިކަމާއި އެކު ވަޒީފާއަށް ކޮންމެހެން ބޭނުންވާ އަދަދަށެވެ.