Close
ދުނިޔެ

އާ ރަށެއް ހިއްކައިގެން ގަތަރުގެ އަމީރަށްޓަކައި 190 މިލިޔަން ޑޮލަރުގެ އާ ގަނޑުވަރެއް ބިނާކުރަނީ

ގަތަރުގެ އަމީރު ޝައިޚު ތަމީމު ބިން ހަމަދު ހުންނެވުމަށްޓަކައި މުޅިން އައު ޝާހީ ގަނޑުވަރެއް ބިނާކުރުމުގެ މަޝްރޫއެއް ގަތަރުން ފަށައިފިއެވެ. މިއީ ގަތަރުގެ ވެރިރަށް ދޯހާގެ އައްސޭރިން ދޮޅުލައްކަ އަކަމީޓަރުގެ އައުރަށެއް ހިއްކައިގެން 190 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ބިނާކުރުމަށް ހަމަޖެހިފައިވާ 18 ބުރީގެ ގަނޑުވަރެކެވެ.

މި ގަނޑުވަރު އެމެރިކާގެ ވައިޓްހައުސްއަށްވުރެ ވިހިގުނަ ބޮޑުވާނެއެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް ބިނާކުރެވިފައިނުވާވަރުގެ ފުރިހަމަ ޒަމާނީ އޮފީސް އިމާރާތަކަށްވެސްވާނެއެވެ. މުޅިއެކު ބާރަ ކޮލަމާއި 18 ބުރީގެ މައްޗަށް ފަރުމާކުރެވޭ މި ގަނޑުވަރުން ރަމްޒުކޮށްދޭނީ ގަތަރުގެ ގައުމީ ދުވަހެވެ. އެއީ ބާރަވަނަ މައްސަރުގެ އަށާރަވަނަ ދުވަހެވެ.

އައު ގަނޑުވަރުގައި ތަރިއެއްގެ ސިފަޔަށް ފަރުމާކުރެވޭ ހެލިޕެޑެއްވެސް އޮންނާނެއެވެ. އަދި ކޮންމެ ދިމާލަކަށް ނުކުތަސް ގަތަރުގެ ވަށައިގެން އުޑުމައްޗާއި މަލަމަތި ވަރަށް ސައުފުކޮށް ފެންނަން އޮންނާނެއެވެ. އައު ގަނޑުވަރެއް ބިނާކުރަނީ ގަތަރު މިނިވަންވީއްސުރެ މިހާތަނަށް އަމީރު ބޭނުންކުރައްވަމުން ގެންދަވާ އަމީރީ ދީވާން މިހާރުގެ ބޭނުންތަކަށް ކުޑަކަމަށް ފެނިގެންނެވެ. ގަތަރުގެ އަމީރު މިހާރު ހުންނަވާ އަމީރީ ދީވާނަކީ އުސްމާނީ ޚިލާފަތުގެ ޒަމާނުގައި މީލާދީން އަށާރަވަނަ ސައްތައިގެ ތެރޭގައި ބިނާކުރެވުނު ކިއްލާއެކެވެ. އެކިދުވަސްވަރު ވަރަށްބޮޑަށް އައުކުރެވި ބޮޑުވެސް ކުރެވިފައިވެއެވެ.

ގަތަރުގެ އަމީރަކަށް މިވަގުތު ހުންނެވީ އުމުރުފުޅުން 42 އަހަރުވީ ތަމީމެވެ. އޭނާއަށް ތަޚުތު ލިބިވަޑައިގަތީ 2013 ވަނަ އަހަރުއެވެ. ގަތަރުގެ ޝާހީ އާއިލާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާއެވެ. އެ މުއްސަނދިކަމުގެ މިންވަރު 335 ބިލިޔަން ޑޮލަރަށްވުރެ ކުޑަނޫންކަމަށް އަންދާޒާކުރެވިފައިވެއެވެ. ގަތަރުގެ އަމީރަށް ޚާއްސަކުރެވިފައިވާ ރަސްމީ މަތިންދާބޯޓުގެ އަގުވެސް 600 މިލިޔަން ޑޮލަރަށްވުރެ މައްޗެވެ. އަމީރުގެ އަމިއްލަފުޅު ގަނޑުވަރުތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ަެއެބަހުއްޓެވެ.