ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ ސިޔާސީ ބޭނުމަކަށް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯދަ ލޯ އޮފް ސީ (އިޓްލޮސް) އެޕްރީލް މަހުގެ 28 ވަނަ ދުވަހު ރާއްޖެ އާއި މޮރިޝަސްގެ މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް ކުރި ހުކުމާ ގުޅިގެން އެމްއާރްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަ ނަމަވެސް އުނިކަމެއް ލިބޭނެ އެއްވެސް ކަމަކަށް އެ ޕާޓީން ތާއިދު ނުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބޭނެ ފަދަ ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުމެއް ބަދަލުކުރަން ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ ހައްގުގައި އެ މައްސަލަ އިސްތިއުނާފުކޮށް ދިވެހިންގެ މަސްލަހަތައް އިންސާފުވެރި އުސޫލަކުން ކަނޑުގެ ސަރަހައްދު ބަހަން ޖެހޭ ކަމަށް އެމްއާރްއެމުން ބުންޏެވެ. އިމުގެ މައްސަލަ ކަނޑައެޅުން ފަދަ މުހިންމު މައްސަލައެއް، ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ބޭނުން ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމަށް އެމްއާރްއެމުން ބުންޏެވެ.

"ވަކި ބަޔަކު ސިޔާސީ މަގުސަދު ހާސިލުކުރުމަށް ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލޭގޮތަށް ކަނޑު ވިއްކާލުން ފަދަ ސާބިތު ނުހިފޭ ވާހަކަ ދެއްކުމުން މިކަމަށް ރައްޔިތުންދޭ އަހަމިއްޔަތު ކުޑަވެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މައްސަލަ ކާމިޔާބުކުރުމަށް އުނދަގޫ ވާނެކަމަށްވެސް އެމްއާރްއެމުން ގަބޫލުކުރަމެވެ،" އެމްއާރްއެމުން ބުންޏެވެ.

މި މައްސަލައަކީ ސިޔާސީ މައްސަލައަކަށް ނުވާ އިރު، އެފަދަ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެމްއާރްއެމުން ވަނީ ގޮވާލައިފައެވެ.

ރާއްޖޭގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖެއަށް 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ގޮތުގައި ލިބިފައިވާ ކަމަށް އެމްއާރްއެމުން ބުންޏެވެ. އަދި މީގެ ކުރިން އެ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ކަމަށް އެމްއާރްއެމުން ބުންޏެވެ.

ނަމަވެސް 2019 ވަނަ އަހަރު ރާއްޖޭއިން މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު އެ ސިޔާސަތު ބަދަލުކޮށް ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެމްއާރްއެމުން ބުންޏެވެ.

އެ ސިޓީގެ ހަގީގަތް ރައްޔިތުންނަށް ނޭނގުމަކީ އެކަމުގައި އަޑިނޭނގޭ ކަންތައްތަކެއް ހިނގާފައިވުން ކަމަށް ބެލެވޭނެ ކަމަށާއި އަދި އިމުގެ މައްސަލައިގައި ސަރުކާރުން މަޖިލީހުގެ ބަހެއް ނުހޯދުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްއާރްއެމުން ބުންޏެވެ.

އެމްއާރްއެމުން ބުނީ ރާއްޖެ އާއި ޗާގޯސްގެ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ކަމަށްބުނެ ބޯޑަރު ކަނޑައެޅުމަށް އެދި މޮރިޝަސްއިން ހުށަހެޅި ގޮތަށް ނިމިފައިވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށް ނުދެކޭ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އެމްއާރްއެމުން ބުންޏެވެ.