އެމްޑީޕީ ތެރޭގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި، "ފިކުރުގެ ދިރުން" އަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއެކު އެ ޕާޓީގެ ބައެއް އިސް ބޭފުޅުން މިއަދު ވަނީ ޕާޓީން ވަކިވެފައެވެ.
އެ މެންބަރުން ޕާޓީން ވަކިވެފައި މިވަނީ، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބަވައި ޕާޓީގެ އަސާސީ ގަވާއިދާ ތަކުރާރުކޮށް ހިލާފުވެ ވަޑައިގެން އަމިއްލަ ޕާޓީ އިސްވެ އޮތް ވެރިކަމާއި، އަދި އަމިއްލަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާ ދެކޮޅަށް ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ މައްސަލައިގައި ފިޔަވަޅު އަޅަން ފެށުމުންނެވެ.
ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ސިޔާސަތުތަކާއި، އެ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ހިލާފަށް އެ މެންބަރުން ވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވައިފައެވެ.
އެކަމުގެ ސަބަބުުން ފިޔަވަޅު އަޅާނެ ކަމުގެ އެތައް އިންޒާރުތަކެއްވެސް އެ މެންބަރުންނަށް ޕާޓީން ދިނެވެ. އެ މައްސަލައިގައި ޕާޓީން ފުރަތަމަ ފިޔަވަޅު އެެޅީ އެ ޕާޓިގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމަށެވެ. ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކަކާއެކު އަލީ އާޒިމް އިއްޔެ ވަނީ ޕާޓީން ވަކިކޮށްފައެވެ.
އަލީ އާޒިމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، އެ އެއް އަހަރު ދުވަސް ފާއިތުވުމަށްފަހު، އޭނާގެ މެންބަރުކަން ޕާޓީން ގަބޫލު ކުރާނީ، މެންބަރަކަށް ވުމަށް އެދޭ ފޯމާއެކު، މުޅިން އަލަށް އެ ޕާޓީއަށް ވަނުމަށް އެދޭ ސައްހަ 100 މެންބަރުންގެ ފޯމު ހުށަހެޅުމުން ކަމަށް ވެސް ވަނީ ޝަރުތުކޮށްފައެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވުމާއި، ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރި ނުވެވޭގޮތަށް ވެސް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓެއް އަލީ އާޒިމަކަށް ނުލިބޭނެއެވެ.
އޭގެ އިތުުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފަށް، ޕާޓީން ވަކި ކުރުމުގެ ކުރީން ފަހުގެ އިންޒާރު އިއްޔެ ވަނީ ދީފައެވެ.
އެ ފިޔަވަޅުތަކާ ގުޅިގެން މަޖިލީހުގެ 12 މެންބަރުންނާއެކު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީން މިއަދު ވަނީ ވަކިވެފައެވެ. އެ ހުރިހާ ބޭފުޅުންނަކީވެެސް ރައީސް ނަޝީދުގެ ފިކުރުގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނެވެ.
ރައީސް ނަޝީދު ފިކުރުގެ ދިރުން އުފެއްދެވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބާ ގުޅިގެން، ފާޅުގައި ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތްކުރެއްވުމަށެވެ. އެގޮތުން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ގޮފިތައް އުފައްދަވައި، އެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުރުމަަށް ރައީސް ނަޝިދު ގޮވައިލެއްވިއެވެ.
އެމަނިކުފާނުގެ މަގުސަދެއް ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އޭރު ބުނަމުންދިޔައީ، އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވައި، އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކުރެއްވުމެވެ. އަސްލު މަގުސަދަކީ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަނބުރައިލުން ކަމަށްވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވިއެވެ.
ނަމަވެސް އެވަރުގެ ތާއީދެއް ފިކުރުގެ ދިރުމަކަށް ނުލިބުނެވެ. ގޮފި ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ގޮތްޕެއް ރަޖިސްޓްރީކުރަން ހުށަހަޅައިފިނަމަ ރަޖިސްޓްރީ ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވި ނަމަވެސް މިހާތަނަށް އެފަދަ ގޮތްޕެއް ރަޖިސްޓްރީކުރަން ހުށަހަޅައިފައެއް ނުވެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ވިދާޅުވީ، ފިކުރުގެ ދިރުމުގެ ބޭފުޅުން އެމްޑީޕީން ވަކިވީ، ޕާޓީތެރޭގައި ތިއްބަވައިގެން ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަކުރެވޭނެ ގޮތެއް ފަހި ނުކޮށްދެވުމާއި، އިދިކޮޅު ކެނޑިޑޭޓުންނަށް ފިކުރުގެ ދިރުމުން ހުށަހެޅި ޝަރުތުތަކަށް އެ ފަރާތްތަކާއެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ.
ފިކުރުގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމާއެކު ތިން ބުރަށް މަޝްވަރާތައް ކުރިއަށްގެންދިޔަ ނަމަވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީންވެސް އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.
އެންމެ ބޮޑު ސަބަބެއް ކަމަށް މައުލޫމާތު ލިބެނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުން އެންމެ މުހިއްމު ޝަރުތެއްގެ ގޮތުގައި ހިމަނާފައިވުމެވެ.
"ވަން"އާ ވާހަދެއްކެވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރަކު ވިދާޅުވީ، ފިކުރުގެ ދިރުމުގައި ހަރަކާތްތެރިވާ ގިނަ މެންބަރުންތަކެއް މިއަދު އެމްޑީޕީން ވަކިވީ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ނަޝީދަށް ހޯދައިދިނުމެވެ. އެއީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތް ފުޅާކޮށް، ރިޔާސީ ރޭހަށް ނުކުތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ، ރައީސް ސޯލިހާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށެވެ.