Close
ޚަބަރު

12 މެންބަރުން ވަކިވުމާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ ދިރުމުގައި ހިމެނިވަޑައިގަންނަވާ 12 މަޖިލިސް މެންބަރުން އެމްޑީޕީން އިސްތިއުފާދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް އޮތް ސުޕަ މެޖޯރިޓީ ގެއްލިއްޖެއެވެ.

އެންމެ ފަހުން ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ލިބުނު ކާމިޔާބާއެކު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 68 އަށް އަރައިފައެވެ.

ދެން މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ، އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންނާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ތިން މެމްބަރުންނާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތިިން މެމްބަރުންނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދެ މެމްބަރުންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ދެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހަތަރު މެމްބަރުންނެވެ.

ނަމަވެސް މަޖިލީހުގެ 12 މެންބަރުން މިއަދު އެމްޑީޕީން ވަކިވުމާ ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 56 އަށް ތިރިވެފައެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ މެންބަރުންނާއި އަމިއްލަ މެންބަރުން ނުހިމަނައި، ސަރުކާރާ ދެކޮޅު ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި 15 މެންބަރުން މަޖިލީހުގައި ތިއްބަވާނެއެވެ.

މަޖިލީހުގައި މެންބަރުން އެތުރިފައިވާގޮތަށް އައި މި ބަދަލާއެކު މަޖިލީހުގެ އޮއިވަރު ބަދަލުވެންދާ އިރު، ރައީސް ސޯލިހުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.

އެއީ އެމްޑީޕީން ވަކިވި 12 މެންބަރުން މަޖިލީހުގައި މަސައްކަތްކުރާނީ ސަރުކާރާ ދެކޮޅަށް ކަމަށް ޔަގީންވާ އިރު، އިދިކޮޅު ޕާޓީތަކުގެ 15 މެންބަރުންނާއެކު އެ އަދަދު 27 އަށް އަަރާނެއެވެ. އަދި އަމިއްލަ ގިނަ މެންބަރުންނަކީވެސް އާންމު ގޮތެއްގައި ސަރުކާރާ ދެކޮޅަށް މަޖިލީހުގައި މަސައްކަތްކުރާ ބަޔަކަށް ވާއިރު، އެ މެންބަރުން ހިމެނިއްޖެ ނަމަ އެމްޑީޕީން ވަކިކުރި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ މެންބަރުންގެ އަދަދު 32 އަށް އަރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މާދަމާ ފަށާ އިރު، މި އައި ބަދަލުތަކާއެކު މަޖިލިސް ތަޅުމުގައި ވާދަވެރިކަން ބޮޑުވެ، ބަހުސްތައް އިހުނަށްވުރެ ހޫނުވެގެންދާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟