ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ މީހުންނަށް ލިބޭ ގޮތަށް، ހުޅުމާލޭގެ ސްމާޓް ޕާކިންގެ 23 ޖާގަ ދޫކުރަން އާބަންކޯ އިން ހުޅުވާލައިފި އެވެ.
އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ތަރައްގީކޮށްފައިވާ ސްމާޓް ޕާކިން ހުންނާނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯނުގައެވެ. މިއީ ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެވެ. ހަމައެކަނި ކާރު ޕާކު ކުރެވޭ މި ސްމާޓް ޕާކިންގައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ކެެމެރާވެސް ވަނީ ހަރުކޮށްފަ އެވެ.
މި ސްމާޓް ޕާކިން ޒޯނުން 23 ޖާގައެއް ކުއްޔަށް ދިނުމަށް ނިންމައި އާބަންކޯ އިން ވަނީ އިއްޔެ އިއުލާނުކޮށްފަ އެވެ. އެއިލުނާގައި ވާ ގޮތުން ސްމާޓް ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އެގޮތުން 23 ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާއިރު މަހު ކުލީގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތުން ހުށަހަޅާ އަގެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ތިން އަހަރު ދުވަހަށް ބަހާލައިގެން ކުލި ދެއްކުމަށް ހަމަޖެހިފައިވީ ނަމަވެސް، ތިން އަހަރު ދުވަހުގެ ކުލި އެއްފަހަރާ ދައްކާނަމަ ހަތް ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. ޕާކިންގެ ޖާގަ ހަވާލުކުރާ ދުވަހުން ފަށައިގެން ކުލި ހިނގަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އާބަންކޯގެ އިއުލާނުގައި ބުނީ ޕާކިން ޖާގަ ބޭނުންވާ މީހުންނަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތެއްގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ ވެސް ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
އާބަންކޯ އިން ބުނިގޮތުގައި، ބީލަން ފެށޭ އަގަކީ 1،500ރ. އެވެ. އަދި އެ ޖާގަތައް ލިބޭނީ ޕޮއިންޓް ދޭ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެންމެ މަތިން ޕޮއިންޓް ހޯދާ މީހުންނަށް ކަމަށް އާބަންކޯ އިން ބުންޏެވެ.
• އެންމެ މަތިން އަގު ހުށަހަޅާ މީހުންނަށް 80 ޕޮއިންޓް.
• ކުރިން ހުޅުވާލި ބީލަން ކާމިޔާބު ކޮށްފައިވާ މީހުންނާއި ފިތުރޯނު މަގުގައި ދިރިއުޅޭ މީހުންނަށް 20 ޕޮއިންޓް.
އާބަންކޯ އިން ބުނީ މި ޕާކިން ޖާގަތައް ދެނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ޕާކިން ޒޯނަށް ކުރިމަތިލާ ފަރާތަކީ ހުޅުމާލެއިން މިހާރު ވެސް ޕާކިން ޖާގައެއް ކުއްޔަށް ނަގާފައި އޮތް މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މި ޖާގަތަކަށް ހޮވޭ 23 މީހުންގެ އިތުރުން 10 މީހަކު ވެއިޓްލިސްޓް ކުރާނެ ކަމަށް ވެސް އާންބަކޯގެ އިއުލާނުގައިވެ އެވެ.
އޭގެ އިތުރުންވެސް ޕާކިން ޖާގަތައް ކުއްޔަށް ނަގާ މީހުން އެތަން ސަބްލީސް ކުރުމާއި ރަޖިސްޓަރީ ކުރާ އުޅަނދު ނޫން އެހެން އުޅަނދުތައް އެ ތަނުގައި ޕާކުކުރުން މަނާ ވާނެ ކަމަށާއި އެ މީހެއްގެ ނަމުގައިވާ އެހެން އުޅަނދެއް ޕާކުކުރަން ބޭނުންވާ ނަމަ، އެކަމުގެ ހުއްދައަށް އެދެން ޖެހޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ. އަދި އެ ޖާގަތަކުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހުއްދަ ނުވަތަ ގަރާޖު ސިޓީ ދޫނުކުރެވޭނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު