ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރު ވިއްކުމަށް ރަޝިޔާ އާއި އީރާން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އަންނަ ހަފުތާތެރޭގައި އެސްޔޫ-35 މަރުކާގެ ހަނގުރާމަމަތީ ޖެޓުތަކުގެ ފުރަތަމަ ޝިޕްމަންޓު އީރާނަށް ފޮނުވާނޭ ކަމަށް އީރާނުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
ރަޝިޔާއިން އީރާނަށް ވިއްކުމަށް އެއްބަސްވެފައިވަނީ އެސްޔޫ-35 މަރުކާގެ ސައުވީސް ޖެޓެވެ. މިއީ އަޑަށްވުރެ ބާރަށް އުދުހެވޭ އަދި ވަޔާއި އެއްގަމުގެ އަމާޒުތަކަށް މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާ ދުނިޔޭގެ އެންމެ ޒަމާނީ އެއްޖެޓެވެ. މިވައްތަރުގެ ޖެޓް އީރާނަށް ލިބުނަ ނުދިނުމަށްޓަކައި އެމެރިކާ އާއި އިޒްރޭލުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އައިސްފައިވެއެވެ.
އީރާނުގެ ވައިގެ ސިފައިން މައިގަނޑުގޮތެއްގައި މިހާރުވެސް ބޭނުންކުރަނީ ރަޝިޔާގެ މަތިންދާބޯޓުތަކެވެ. އެހެންނަމަވެސް އެސްޔޫ-35 ކަހަލަ ޒަމާނީ ޖެޓެއް އޭގެތެރެޔަކު ނުހިމެނެއެވެ. މި ޖެޓް ލިބުނީމާ އީރާނުގެ ވައިގެ ދިފާއީ ކެރިފޯރުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
ހަނގުރާމަމަތީ ޖެޓުގެ އިތުރަށް ވައިގެ ދިފާއާބެހޭ ޒަމާނީ އެހެން ސިސްޓަމްތަކާއި މިސައިލްވެސް މިބުރުގައި އީރާނަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިތަކެތި ފޮނުވުން އަވަސްކުރީ ޔުކްރޭނުގެ ހަނގުރާމައިގައި އީރާނުގެ މަދަދަށް ރަޝިޔާގެ ބަރޯސާކުރުންވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އުފެއްދުންތަކުގެ ތެރެއިން ޔުކްރޭނުގައި ރަޝިޔާއިން އެންމެ ބޮޑަށް ބޭނުންކުރާ އެއްޗަކީ ޑްރޯނެވެ. މިއީ ޔުކްރޭނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމުގައި އެންމެ ކާމިޔާބު ހަތިޔާރެވެ.