ތުރުކީގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއްބުރަކުން ނެރެވޭގޮތެއް ނުވިއެވެ. ނަތީޖާ ނެރުމަށްޓަކައި ނުވަތަ ރައީސަކު ހޮވުމަށްޓަކައި ވޯޓުގެ ދެވަނަ ބުރަކަށް ދާން މަޖުބޫރުވެއްޖެއެވެ. އެހެންވީމާ ތުރުކީގެ ރައްޔިތުން އަނެއްކާވެސް މިމަހު އަށާވީސްވަނަ ދުވަހު އަލުން ބަލުން ވޯޓުލާން ނުކުންނާނެއެވެ. އެބުރުގައި ވާދަކުރައްވާނީ ދެބޭފުޅެކެވެ. މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނާއި އިލްމާނީ ފިކުރުގެ ކެންޑިޑޭޓް ކަމާލް ކަލުޗްޑަރޯލޫއެވެ. އެހެންނަމަވެސް ކުރިއަށްއޮތް ދެ ހަފުތާއެއްހައި ދުވަހު އެންމެންވެސް ވާހަކަ ދައްކާނީ އަދި އެހެން ބޭފުޅަކާމެދުގައެވެ. އެއީ ވަތަނީ ފިކުރު ތަމްސީލު ކުރައްވާ ސިނާން އޮގާނެވެ. އެއީ ފުރަތަމަ ބުރުން ފޭލްވެވަޑައިގެންނެވި ކެންޑިޑޭޓެވެ. ލިބިވަޑައިގަތީ އެންމެ ފަސް ޕަސެންޓެވެ.
އެންމެ ފަސް ޕަސަންޓާއެކު ފުރަތަމަ ބުރުން ފޭލްވިޔަސް ދެވަނަ ބުރުގައި ގޮތްނިންމުމުގެ ބާރު ލިބެނީ އޭނާއަށެވެ. ދެވަނަ ބުރުގައި އެއްވެސް ބޭފުޅަކަށް ކުރިހޯއްދެވެންއޮތީ އޮގާންގެ އެހީތެރިކަމާއެކުގައެވެ. ނަތީޖާ ނެރެވެންއޮތީ އޭނާގެ ފަސް ޕަސަންޓް ލިބިގެންނެވެ. އެހެންވީމާ އޭނާއާއި އޭނާގެ ސަޕޯޓަރުންގެ މުހިއްމުކަން ބޮޑުވީއެވެ. އޭނާ ޚިޔާރުކުރައްވާނެ ކޮޅަކާމެދު ބަހުސްކުރުން ގިނަވީއެވެ. އުމުރުފުޅުން 55 އަހަރުވީ ސިނާން އޮގާނަކީ އޭޓީއޭ އިއްތިހާދުގެ ފަރާތުން ރިޔާސީ އިންތިޚާބަށް ނެރުނު ކެންޑިޑޭޓެވެ. މި އިއްތިހާދު އެކުލެވިގެންވަނީ ހަތަރު ޕާޓީއެއްގެ މައްޗަށެވެ. އެއީ ވިކްޓަރީ ޕާޓީ، ޖަސްޓިސް ޕާޓީ، މައި ކަންޓްރީ ޕާޓީ އަދި ޓާރކީ އެލަޔަންސް ޕާޓީއެވެ. ރިޔާސީ އިންތިިޚާބުގެ ދެވަނަބުރުގައި ވަކިކޮޅެއް އޮގާން ނަންގަވާނީ މި ޕާޓީތަކުގެ މަޝްވަރާ ހޯއްދަވައިގެންނެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވަކިކޮޅެއް އިޚުތިޔާރުކުރުމާމެދު އޮގާން ވިދާޅުވެފައިވަނީ މިހެންނެވެ. މިވަގުތު އަހަރެމެން ސަޕޯޓްކުރާނީ އޭނާއަށޭ، މީނާއަށޭ ބުނެ ވާހަކަ ދައްކާކަށް ނެތީމެވެ. މަޝްވަރާޔަށް ދެބައިމީހުންވެސް އަންނަންވީއެވެ. އެކަމަކު އެއްކަމެއް ހަނދާނުގައި ބަހައްޓަންވާނެއެވެ. ޓެރަރިޒަމްގެ އަމަލުތަކާއި ދުރަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ ބަޔަކު އަހަރެމެންނާ ހަމަޔަށް އައިސްގެން ނުވާނެއެވެ. ޓެރަރިޒަމޭ، ޓެރަރިސްޓުންނޭ އެވިދާޅުވަނީ ކޮންބަޔަކަށް ބާވައެވެ. އޮގާން އިޝާރާތް ކުރައްވަނީ ކުރުދީންނަށެވެ. ވަކިން ޚާއްސަކޮށް ވަކިވެގަތުމުގެ ފިކުރަށް ތާއީދުކުރާ ކުރުދީންނަށެވެ. އެވިދާޅުވަނީ އެފަދަ މީހުންނާއި ދުރުހެލިވެގަތުމުގެ ވިސްނުމެއް ނެތީވިއްޔާ އުރުދުޣާނަކަސް އަދި ކަލުޗްޑަރޯލޫއަކަސް ތިމަންނަޔާ ހަމައަށް އައިސްގެން ނުވާނޭ ވާހަކައެވެ.
އޮގާން އެވިދާޅުވަނީ ވަރަށްވެސް ބޮޑު ވާހަކަފުޅެކެވެ. އޮގާން ފަދައިން ތުރުކީގެ ވަތަނީ ފިކުރުގެ އެންމެންވެސް ގަބޫލުކުރަނީ އުރުދުޣާނާއި ކަލުޗްޑަރޯލޫވެސް އެތިއްބެވީ ޓެރަރިޒަމަށް ވާގިވެރިވާ އަދި ތާއީދުކުރާ ކުރުދީ ޕާޓީތަކާ ގުޅިވަޑައިގެން ކަމުގައެވެ. މީގެ އެއްމިސާލަކީ ކަލުޗްޑަރޯލޫއަށް ތާއީދުކުރާ ކުރުދީ ޕާޓީއެއްކަމަށްވާ ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީއެވެ. މި ޕާޓީއަކީ ވަކިވެގަތުމުގެ ހަރަކާތް ހިންގާ ކުރުދީންގެ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ޕީކޭކޭގެ ވަރަށް ގާތް ބައެކެވެ. އޮގާންވެސް އަދި ވަތަނީ ފިކުރުގެ އެންމެންވެސް ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީއާމެދު ދެކެނީ މިގޮތަށެވެ. ޓެރަރިޒަމަށް ވާގިވެރިވާ ބައެއްގެ ގޮތުގައެވެ. މިސަބަބަށްޓަކައި އޮގާންގެ ބައިވެރިންނަށް ކަލުޗްޑޮރޯލޫގެ ފަޅިއަށް އެހާފަސޭހައިން އެރޭކަށެއް ނެތެވެ.
ރައީސް އުރުދުޣާންވެސް އެހުންނެވީ ހަމަ މިހާލަތުގައެވެ. ކުރުދީ ޖަމާއަތެއް ކަމަށްވާ ހުދާޕަރަކީ އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީއާ އިއްތިހާދުވެފައިވާ ޖަމާއަތަކެވެ. އެއީ ކުރުދީންގެ އެންމެބޮޑު ދީނީ ޖަމާއަތްވެސްމެއެވެ. ހުދާޕަރަށް ނިސްބަތްވާ ތިން ބޭފުޅަކު ވަނީ އުރުދުޣާންގެ ޕާޓީގެ ޓިކެޓްގައި މިފަހަރު ޕާލަމެންޓަށްވެސް އިންތިޚާބުވެފައެވެ. މިދެންނެވި ހުދާޕަރަކީ ތަންކޮޅެއް ކުރީގައި ވަރުގަދަ ގެރިއްލާ ހަރަކާތްތަކެއް ހިންގި ކުރުދީންގެ ހިޒްބު ﷲ ޖަމާއަތާއި ގުޅުންއޮތް ބައެކެވެ. އޮގާންގެ ސަޕޯޓަރުން ގަބޫލުކުރާގޮތުގައި ފޭރާން ބަދަލުކުރިއަސް ހުދާޕަރުގެ އަސްލު ބަދަލެއް ނުވާނެއެވެ. ޓެރަރިޒަމްގެ ހިޔަނިން ނެއްޓޭނެ ގޮތެއްވެސް ނޯންނާނެއެވެ. މިސަބަބަށްޓަކައި އުރުދުޣާނަށް ތާއީދުކޮށް އޭނާގެ ފަޅިއަށް އެރުމަކީވެސް އޮގާނަށް ފަސޭހަކަމަކަށް ނުވެއެވެ.
ތުރުކީގެ ކުރުދިސްތާން ވަކިކުރުމަށް ޕީކޭކޭއިން ހަގުރާމަ ކުރަމުންދާތާ 39 އަހަރު ވެއްޖެއެވެ. ޕީކޭކޭއަށް ނިސްބަތް ނުވިއަސް ކުރުދީންގެ ހަމަ ކޮންމެ މީހަކީ ޕީކޭކޭއަށް ހަމްދަރުދީވާ މީހެކެވެ. ތުރުކީގެ އިތުރަށް އެމެރިކާއާއި ހުޅަނގު ޔޫރަޕުގެ ގިނަ ގައުމުތަކުން ޕީކޭކޭ ލިސްޓްކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. މިއީ ހުއްޖަތަކަށް ބަލައިގެން އެންމެހައި ކުރުދީންނަކީ ޓެރަރިޒަމަށް ތާއީދުކުރާ ބައެއް ކަމަށް ނިންމައި އެމީހުން ތިބި ފަޅިއަކަށް އަރަން އޮގާނަށް އެއްބަސްނުވެވޭނަމަ ދެން އޭނާއަށް އެރޭނެ ފަޅިއެއް ނެތެވެ. ތާއީދުކުރެވޭނެ ކެންޑިޑޭޓަކުވެސް ނެތެވެ. އޭގެ މާނަޔަކީ އެތަނުން ބޭފުޅަކު ނޮހޮވުމެއް ނޫނެވެ. މެއި އަށާވީސްވަނަ ދުވަހު އޭގެތެރެއިން ކޮންމެވެސް އެއްބޭފުޅަކު ހޮވޭނެއެވެ. އޮގާނާއި އޭނާގެ ނެޝަނަލިސްޓް ސަަޕޯޓަރުން ވޯޓު ދިނަސް ނުދިނަސް އެކަން އެގޮތަށް ހިނގާނެއެވެ.