މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަމުން ދަނިކޮށް އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރީއާއިން މިދިޔަ މަހު ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބާޖް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެރިޓްރީއާ އަކީ އެފްރިކާގެ އިރުއުތުރުގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ.

އެރިޓްރީއާ އިން ހިފަހައްޓާފައިވަނީ 2019 ވަނަ އަހަރު އެފްއެސްއެމުން މިސްރުގެ ކުންފުންޏަކަށް ބަންނަން ހަވާލުވި ހަތަރު ބާޖުގެ ތެރެއިން ދެ ބާޖެވެ. އޭގެ ތެރެއިން ދެ ބާޖް މީގެ ކުރިން ވަނީ ރާއްޖެ ގެނެސްފައެވެ. އެރިޓްރީއާ އިން އެ ދެ ބޯޓް ހިފަހައްޓާފައި ވަނީ ހުއްދަ ނުހޯދައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެގައުމަށް ބަނދުރުކުރުމާ ގުޅިގެންނެވެ. އޭރު އެ ދެ ބާޖުގައި ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއަކު ތިއްބެވެ.

"ވަން" އާ ވާހަކަ ދައްކަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ އެ ދެ ބާޖު ރާއްޖެ އަންނަން ދަތުރުކުރަމުން ދަނިކޮށް އެއް ބޯޓުގެ ހުންގާނު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ދަތުރުކުރަމުން އައީވެސް މެނުއަލް ކޮށް ކަމަށެވެ. އަދި އެރިޓްރީއާއަށް ދެ ބާޖުވެސް ބަނދަރުކުރަން ނިންމީ އެދުވަސްވަރު މޫސުން ގޯސްވުމުން ކަމަށާއި އެރިޓްރީއާގެ ބަނދަރަށް ވަންނަން ދެ ބޯޓުގެ ކެޕްޓަނުން ނިންމައި އެގައުމުގެ ޕޯޓާ މުއާސަލާތްކޮށް ހުއްދަ ހޯދުމުގެ މަސައްކަތް ކުރި ކަމަށްވެސް ގަސަމް ވިދާޅުވިއެވެ.

"މިދެންނެވި ކަންތަކާ ހުރެ އެމެޖަންސީކޮށް އެތަނަށް ވަނީ. ދެ ބޯޓުގައިވެސް ތިބޭނީ ތަޖުރިބާކާރު އިންޓަނޭޝަނަލް ކެޕްޓަނުން. އެބޭފުޅުންނަށްވެސް އެނގޭ އޮތޯރިޓީތަކުން ހުއްދަ ނަގަން ޖެހޭކަން. ހުއްދަ ހޯދަން އެބޭފުޅުން އެ ޕޯޓަށް ގުޅަން މަސައްކަތްވެސް ކުރި. އެކަމަކު މިއީ ކުޑަބޯޓުތައް ވީމަ ބޮޑެތި ބޯޓުފަހަރުގަ ހުންނަ ކަހަލަ ވަސީލަތްތަކެއް ނުހުންނާނެ. އެހެންވެ ޕޯޓަށް ގުޅޭގޮތް ނުވެ ހުއްޓައި ވަނީ. އެހެންވެ އެގައުމުގެ ސަލާމަތީ ބާރުތަކުން ބަލަމުންދާ ކަންކަން ބަލަމުން އެދަނީ،" ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ ބޯޓުތައް ހިފެހެއްޓި ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީން އެ ބާޖުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދެ ބާޖުގެ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި އެ ގައުމުން ބާޖުތައް ފުރަން ހުއްދަ ދޭތާ 12 ވަރަކަށް ދުވަސްތެރޭ ރާއްޖެ އަންނާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް އިތުރަށް ވިދާޅުވީ މި ދެ ބާޖަކީވެސް ރާއްޖޭގެ ރަށްތަކަށް ތެޔޮ ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެފްއެސްއެމްގެ ފްލީޓަށް އިތުރުކުރަން ގެންނަ މުޅިން އާ ދެ ބާޖު ކަމަށެވެ. އަދި އެއިން ކޮންމެ ބާޖެއްގައިވެސް 250،000 ލީޓަރުގެ ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް ވިދާޅުވިއެވެ.