އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފްވަމުންދާތީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފަށް، ޕާޓީން ވަކި ކުރުމުގެ ކުރީން ފަހުގެ އިންޒާރު ދީފިއެވެ.
ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެފައިވާ މައްސަލާގައި އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް އެދި އެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުންނެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުގެ މެމްބަރަކު ނަންނުޖެހުމަށް އެދި 'ވަން' އަށް ވިދާޅުވީ، އެ މައްސަލައާމެދު ފިޔަވަޅުއަޅާ ކޮމިޓީން މަޝްވަރާ ކުރުމަށްފަހު ފަހުގެ އިންޒާރެއްގެ ގޮތުގައި އެ މެންބަރުންނަށް ނަސޭހަތް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ނަސޭހަތް ދިނުމުންވެސް އެކަން ތަކުރާރުކުރާ ނަމަ އަދަބެއްގެ ގޮތުން ޕާޓީން ވަކިކުރުމުގެ ފިޔަވަޅު އެޅިދާނެ ކަމަށް އެ މެންބަރުންނަން އެންގުމަށް ކޮމިޓީން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިނާ ހިލާފުވުން އެމްޑީޕީން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ފުރަތަމަ ފިޔަވަޅަކަށް ހިމެނެނީ ނަސޭހަތް ދިނުމެވެ. އޭގެ ފަހުގައި ނަސޭހަތްދިނުމަށްފަހު މާފަން އެދެން އެންގުމެވެ. އެއަށްފަހުވެސް އިސްލާހު ނުވެއްޖެނަމަ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލުން ހިމެނެއެވެ.
އަދި އޭގެ ފަހުންވެސް އިސްލާހު ނުވެއްޖެ ނަމަ. ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުން ހިމެނެއެވެ. އަދި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުމުންވެސް އިސްލާހު ނުވެއްޖެނަމަ ފަހު ފިޔަވަޅަކަށް އޮންނަނީ ޕާޓީން ވަކިކުރުމެވެ.
އެ ހަތަރު މެންބަރުންނަށް އިންޒާރު ދީފައިވާއިރު، ހަރުކަށި ފިޔަވަޅުތަކަކާ އެކު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް މިއަދު ވަނީ ޕާޓީން ވަކިކޮށްފައެވެ.
އަލީ އާޒިމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ މެންބަރު ކަމުން ވަކިކުރުމާއި އެއް އަހަރު ދުވަސް ފާއިތުވުމަށްފަހު، އޭނާގެ މެންބަރުކަން ޕާޓީން ގަބޫލުކުރާނީ، މެންބަރަކަށް ވުމަށް އެދޭ ފޯމާ އެކު މުޅިން އަލަށް އެ ޕާޓީއަށް ވަނުމަށް އެދޭ ސައްހަ 100 މެންބަރުންގެ ފޯމު ހުށަހެޅުމުން ކަމަށްވެސް ޝަރުތުކޮށްފައިވެއެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވުމާއި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރި ނުވެވޭ ގޮތަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓެއް އަލީ އާޒިމަކަށް ނުލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު