Close
ޚަބަރު

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހު 31ގައި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ, އަހަރީ އާންމު ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭގަނޑު 8:30 ގައި, ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. އެ ޖަލްސާގައި އޮންލައިންކޮށް, މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް އަދި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.

އެސްޓީއޯއިން ބުނީ, އަހަރީ އާންމު ޖަލްސާގައި ޕްރޮކްސީގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުން portal.sto.mv މެދުވެރިކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30ގެ ކުރިން ޖަލްސާއަށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. އެ ޕޯޓަލްއަށް އެސްޓީއޯގެ ވެބްސައިޓުގައި ހޮސްޓްކޮށްފައިވާ agm.sto.mv ވެބް ޕޭޖުންވެސް ލޮގްއިން ކުރެވޭނެއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި އަހަރުގެ އޭޕްރިލް 24 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

އެ ޖަލްސާގައި މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހެޅުމާއި އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތައް ހުށަހެޅުމާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ އިއުލާން ކުރުމުގެ އިތުރުން މި އަހަރަށް އައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވުމާއި ކުރިއަށް އޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރުމުގެ އިތުރުން ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯދުން ޖަވާބުދިނުން އޮންނާނެއެވެ.