އިންޑިއާގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2023ގެ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލުން ރާއްޖޭގެ އަހްޔާރު އަހުމަދު ހާލިދާއި ފާތިމަތު ދީމާ އަލީގެ ޕެއާ ޖާގަ ހޯދައިފިއެވެ.
ދީމާއާއި އަހްޔާރު ފައިނަލުން ފުރުސަތު ހޯދީ މެއިން ޑްރޯގައި އިއްޔެ ކުޅުނު މެޗުގައި ނޭޕާލްގެ ސުޖަން ގަދާލްއާއި ރާއީ ބިޔަންކާގެ ޕެއާ ބަލިކޮށްގެންނެވެ. ސީދާ ތިން ސެޓުން ދީމާއާއި އަހްޔާރުގެ ޕެއާއިން މެޗުން މޮޅުވި އިރު، އެ ޕެއާއިން މިއަދު ފައިނަލްގައި ނުކުންނާނީ އިންޑިއާގެ ވަރުގަދަ ޖަލިން ޕަޔާސްއާއި ގޯރުޕާޑޭ ޔަޝާސްވީނީގެ ޕެއާއާ ދެކޮޅަށެވެ.
މިފަހަރުގެ ސަރަހައްދީ ޖޫނިއާ ޓީޓީ މުބާރާތް، މި މަހުގެ 14-17 އަށް އިންޑިއާގެ އަރުނާޗަލް ސްޓޭޓުގެ އިޓާނަގަރުގައި އޮންނަ އިރު، ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލެވެ.
ރާއްޖެއިން ވާދަކުރާ ޖޫނިއާ ޓީމްގައި ހިމެނެނީ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އަދި އައިޝަތު ޒާރާ ސާހިލެވެ. މި ކުޅުންތެރިންގެ ތެރެއިން ދިމާ، މާލާކް އަދި މިޝްކާ ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް ސަރަހައްދީ ޖޫނިއާ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އެ މުބާރާތުގައިވެސް ދީމާ ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދި އިރު، އޭގެ ކުރިން ދީމާ ވަނީ ޖޫނިއާ މުބާރާތުން ރަން މެޑަލްވެސް ރާއްޖެއަށް ގެނެސްދީފައެވެ.
ޖޫނިއާ ފިރިހެން ޓީމްގައި ހިމެނެނީ އަހްޔާރާއި މުހައްމަދު ތާބިން ސުޖާއު، ޒީކް ހަސަން ލަތީފް އަދި އުމެއިރު މުހައްމަދު މުއިއްޒެވެ. އަންހެން ކެޑޭޓް ޓީމްގައި ހިމެނެނީ މިޝްކާ، ޒާރާ އަދި އައިޝަތު އަލްސާ ނާފިޒެވެ. ފިރިހެން ކެޑޭޓް ޓީމްގައި ހިމެނެނީ އުމެއިރު، އޯން އިބްރާހިމް ލަތީފު އަދި މުހައްމަދު ޒާއިމް އަހުމަދެވެ.
ޖޫނިއާ ޓީމް އިވެންޓްތައްވެސް އިއްޔެ ކުރިއަށް ގެންގޮސްފައިވާ އިރު، ދެވަނަ ރަނަރަޕްގެ މަގާމު ލިބި ރާއްޖޭގެ ޖޫނިއާ ދެޓީމަށްވެސް ވަނީ ލޯ މެޑަލް ކަށަވަރުވެފައެވެ.
އިއްޔެ ކުޅުނު 19 އަހަރުން ދަށުގެ ޓީމް އިވެންޓްގައި ރާއްޖެއިން ސްރީ ލަންކާއާއި ބަންގްލަދޭޝް އަދި ނޭޕާލް އަތުން ބަލިވި ނަމަވެސް، ނޭޕާލާއި ލަންކާއަށް ރަނގަޅު ފައިޓެއް ދިނެވެ. އެ ދެމެޗުންވެސް ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ.
އަންހެން 19 އަހަރުން ދަށުގެ ޓީމް އިވެންޓްގައި ރާއްޖެއިން ލަންކާއާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އަތުންވެސް ބަލިވެފައިވާ އިރު، ޖޫނިއާ މުބާރާތުން މެޑަލް ކަށަވަރު ވަނީ މުބާރާތުގެ އުސޫލު އޮންނަ ގޮތުންނެވެ.
ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުން ލަންކާއާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އަދި ނޭޕާލް އަތުންވެސް ބަލިވެފައިވާ އިރު، ފިރިހެން ޓީމުވެސް ޓީމު އިވެންޓުންވީ ބައްޔެވެ.
ރާއްޖޭގެ ޓީމުގެ ކޯޗަކީ ސްރީ ލަންކާގެ އަޝާން އަޝްވިދާ އެވެ. މެނޭޖަރުގެ ގޮތުގައި ސީނިއާ ކުޅުންތެރިޔާ މުހައްމަދު މުންތިފް އަހުމަދު ބައިވެރިވާއިރު، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވެސް ޓީމާ އެކު ބައިވެރިވަމުން ދެއެވެ. އޭގެ އިތުރުން މިފަހަރުގެ މުބާރާތުގެ މެޗުތަކުގައި ރާއްޖޭގެ އަމްޕަޔަރު މުހައްމަދު ޔާމީން ދަނީ މެޗުތަކުގައި އަމްޕަޔަރުކަން ކުރަމުންނެވެ.