ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދެންމެ އެ މައްސަލަ އަނބުރާ އެ ގެންދިޔައީ، ނޭނގެކޮން ސަބަބަކާ ހުރެ ކަމެއް،"

ވަން އަށް އެނގިފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން އެ މައްސަލަ އަނބުރާ ގެންދިޔައީ އިތުރަށް އިސްލާހު ކުރުމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރިޝަސް ދެމެދު އިން ވަކިކުރި މައްސަލައިގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތުގައެވެ.

ހަމަ އެ ތުހުމަތުތަކާއެކު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެމްޑީޕީގެ ރައީސް ނަޝީދުގެ "ފިކުރުގެ ދިރުން" ގެ މެންބަރުންގެ ބައިވެރިވުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

ނަމަވެސް ޝާހިދުގެ މައްސަލަ ހުށަހެޅުމަށް، "ފިކުރުގެ ދިރުން" ގެ އެއްވެސް މެމްބަރަކު ސޮއިކުރައްވާފައެއް ނުވެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑީޑޭޓް ގާސިމް އިބްރާހިމް ވެސް ސޮއިކުރައްވާފައެއް ނުވެއެވެ.

ނަމަވެސް އެ ޕާޓީގެ ޕީޖީ މެންބަރު ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިން އާއެކު އެމްއެންޕީގެ މެންބަރުން ވެސް ވަނީ ސޮއިކުރައްވައިފައެވެ.

އެ މެމްބަރުން ހިމެނޭގޮތުން ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 13 މެމްބަރުންގެ ސޮޔާއެކުގައެވެ.

ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ވަޒީރުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކުގައެވެ.

އެފަދަ މައްސަލައެއް މަޖިލީހަށް ވެއްދުމާއެކު، މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެއެވެ. އަދި ބަހުސްގައި އަނގަބަހުންނާއި ލިއުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ދެ ގަޑިއިރުގެ ބަހުސަކަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަަމަށް ފާސް ކުރެވޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުން އެމީހެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށްގެންނެވެ.