ދުނިޔޭގެ ގައުމުތަކުގެ ފައިސާގެ އަގު ނުވަތަ ބާރު މިނެކިރުމަށް ބޭނުންކުރާ ތިލަފަތަކީ އެކްސްޗޭންޖް ރޭޓެވެ. ދުނިޔޭގެ ކަރަންސީ އެކްސްޗޭންޖްގައި ރަސްކަންކުރާ ފައިސާއަކީ އެމެރިކާ ޑޮލަރެވެ. އެމެރިކާ ޑޮލަރަަށް ނިސްބަތްކޮށްފައި ފައިސާއެއްގެ އަގު މަތިނަމަ އެއީ ވަރަށް ބާރުގަދަ އަދި އަގުހުރި ފައިސާއެކެވެ. އެމެރިކާ ޑޮލަރަށް ނިސްބަތް ކޮށްފައި އަގުދަށް ފައިސާއެއްވިއްޔާ އެއީ ދެރަވަރު ފައިސާއެކެވެ.
މި އުސޫލަށް ފައްތައިގެން ބެލީމާ ދުނިޔޭގެ އެންމެ އަގުހުރި ފައިސާއަކީ މިވަގުތު ކުވޭތު ދީނާރެވެ. ކުވޭތުގެ އެއްދީނާރަކީ 3.26 ޑޮލަރެވެ. ދެވަނައަށް އެންމެ އަގުހުރި ފައިސާޔަކީ ބަހުރޭނު ދީނާރެވެ. ބަހުރޭނުގެ އެއްދީނާރަކީ 2.65 ޑޮލަރެވެ. މި ލިސްޓުގެ ތިންވަނަ ލިބެނީވެސް ގަލްފުގެ އަރަބި ގައުމެއްގެ ފައިސާއަށެވެ. އޮމާނުގެ އެއްރިޔާލަކީ 2.60 ޑޮލަރެވެ.
ދުނިޔޭގައި ހަތަރުވަނައަށް އެންމެ އަގުހުރި ފައިސާޔަކީ ޖޯޑަންގެ ދީނާރެވެ. ޖޯޑަންގެ އެއްދީނާރަކީ 1.41 ޑޮލަރެވެ. އިނގިރޭސިވިލާތުގެ ޕައުންޑަށް ލިބެނީ ލިސްޓުގެ ފަސްވަނައެވެ. އެއްޕައުންޑަކީ 1.20 ޑޮލަރެވެ. ކޭމަން އައިލެންޑްސްގެ ޑޮލަރާއި ޖިބްރޯލްޓަރގެ ޕައުންޑަށްވުރެ ފަހަތަށް އަންނަނީ ސުވިޒަރލެންޑުގެ ފްރޭންކާއި ޔޫރަޕުގެ އިއްތިހާދުގެ ޔޫރޯއެވެ. މި ދެ ފައިސާގެ އަގު އެއްވަރެވެ. އެއްޔޫރޯއަކީ 1.07 ޑޮލަރެވެ.
ލިސްޓުގެ ދިހަވަނަ ލިބެނީ އެމެރިކާ ޑޮލަރަށެވެ. ޑޮލަރަކީ ދުނިޔޭގައި އެންމެ ގިނައިން ޓްރޭޑް ކުރެވޭ ފައިސާއެވެ. ދުނިޔޭގެ އެންމެ ގިނަބަޔަކު ބަރޯސާވާ ރިޒާރވް ކަރަންސީއަކީވެސް ޑޮލަރެވެ. އެމެރިކާގެ އިތުރުން ޕެނަމާއާއި އިކުއެޑޯރާއި ޒިމްބާބުވޭގައިވެސް ރަސްމީކޮށް ބޭނުންކުރެވޭ ގައުމީ ފައިސާއަކީ ޑޮލަރެވެ. އެމެރިކާގައި ޑޮލަރު ޖަހަން ފެށީ މީލާދީން ސަތާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައެވެ.