އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ބޮޑު ބައެއްގައި އެއްވަނަ ދަމަހައްޓަމުން ދިޔަ އާސެނަލުން ލީގު ތަށްޓަށް ކުރަމުންދިޔަ އުންމީދުތަކަށް ބޮޑެތި ހުރަސްތަކެއް އެޅިއްޖެއެވެ.

އާސެނަލުން 2003-04 ވަނަ އަހަރުގެ ސީޒަނަށްފަހު ޕްރިމިއާ ލީގު ތަށްޓަކަށް ކުރަމުންދާ އިންތިޒާރަށް ހުރަސްތަކެއް ކުރިމަތިވީ އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅު ނުވެވި ދިއުމުންނެވެ. އޭގެ ތެރެއިން ތިން މެޗުން އާސެނަލް އެއްވަރުވި އިރު، ދެ ބައްޔާ ކުރިމަތިލާން ޖެހިފައިވެއެވެ. މިރޭ އާސެނަލުން އަމިއްލަ ދަނޑުގައި ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ބްރައިޓަނުން މިރޭ އާސެނަލް ބަލިކޮށް ހޯދި މޮޅާއެކު އެޓީމުން ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ކުޅުމަށް ކުރާ އުންމީދަށް ދިރުން އާކޮށްފައެވެ. ލީގުގައި ބްރައިޓަނުން ކުޅުނު 34 މެޗުން އެޓީމަށް 58 ޕޮއިންޓް ލިބިފައިވާ އިރު، ހަތްވަނައިގައި އޮތް ޓޮޓެންހަމަށް 36 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން 62 ޕޮއިންޓް ލިބިފައިވެއެވެ.

އާސެނަލް މިހާރު ތާވަލުގެ ދެވަނައިގައި 36 މެޗުން 81 ޕޮއިންޓާއެކު އޮތް އިރު، ސިޓީ އެއްވަނައިގައި އޮތީ 35 މެޗުން 85 ޕޮއިންޓާއެކުގައެވެ. ސިޓީއަށް ލީގުގައި ބާކީ ތިން މެޗު އޮތް އިރު، އޭގެ ތެރެއިން އެއް މެޗުން މޮޅުވެގެންވެސް ތަށި ޔަގީންކުރެވޭނެއެވެ. ސިޓީން މަސައްކަތް ކުރަމުންދަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދުމަށެވެ.

ލީގުގެ އުންމީދެއް ދަމަހައްޓަން އާސެނަލުން މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާކުރީ އާސެނަލުންނެވެ. ލެއާންޑްރޯ ޓްރޮސާޑްގެ ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ބުކަޔޯ ސަކާއަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފަށް ބްރައިޓަން ނުކުތީ ތަފާތު ރޫހެއްގައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ހޫލިއޯ އެންސީސޯ ޖެހި ގޯލުން ލީޑު ނަގައި ބްރައިޓަން އިތުރު ދެ ގޯލުވެސް ޖެހިއެވެ. 88 ވަނަ މިނެޓުގައި ބްރައިޓަންގެ ދެވަނަ ގޯލު ބަދަލަކަށް ނުކުތް ޑެނިޒް އުންޑޭވް ޖެހީ އާސެނަލް ގޯލްކީޕަރު އާރޮން ރަމްސްޑޭލް ބޯމަތިން ބޯޅަ، ގޯލަށް އޮއްސާލައިގެންނެވެ. އަދި ބްރައިޓަންގެ ތިންވަނަ ގޯލު، މެޗުގެ 96 ވަނަ މިނެޓުގައި ޖެހީ ޕާވިސް އެސްޓޫޕިނަންއެވެ.