Close
ޓެކްނޮލޮޖީ

މެކް ކޮމްޕިއުޓަރަށް 25 އަހަރު، ސްޓީވް ޖޮބްސްގެ ހިތްވަރުން އެޕަލް ކުންފުނި ސަލާމަތްކުރި ގޮތް

އާދަމް ނަސީރު

މީގެ 25 އަހަރު ކުރިން 1998 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ސްޓީވް ޖޮބްސް އައިމެކް ނުވަތަ އެޕަލް ކޮމްޕިއުޓަރު އިއުލާން ކުރިއިރު، ވިންޑޯސް އޮޕަރޭޓިން ސިސްޓަމުން ހިންގާ ކޮމްޕިއުޓަރު ތަކުގެ ނުފޫޒު އޮތީ އެމެރިކާގެ އިތުރުން ދުނިޔޭގެ ހަތަރު ބައްރުގައި ގަދަވެފައެވެ. އެޕަލް ކުންފުނީގެ އެތެރެއިންނާއި ބޭރުންވެސް ގިނަ ބަޔަކު ހީކުރީ ސްޓީވް ޖޮބްސްގެ މި އުފެއްދުން ނާކާމިޔާބު ވާނެ ކަމަށެވެ. އެހެން ނަމަވެސް އެޕަލްގެ އައިމެކް ކޮމްޕިއުޓަރު ގިނަ ބައެއްގެ ހިތް ފަތަހަ ކުރިއެވެ. މި އުފެއްދުމަށް ރަނގަޅު ކާމިޔާބީއެއް ނުލިބުނު ނަމަ މިހާރު އަހަރެމެން މިދެކޭ އައިފޯނާއި އެޕަލް ސްޓޯރާއި އެޕަލް ވެސް ވުޖޫދުގައި ނެތީހެވެ.

މިއަހަރު އަހަރެމެން މި ބޭނުން ކުރާ އެޕަލްގެ އެކިއެކި ކޮމްޕިއުޓަރާއި ލެޕްޓޮޕްތަކަކީ 1998 ވަނަ އަހަރު އިއުލާނުކުރި އަސްލު އައިމެކް އާއި އެކި ގޮތްގޮތުން މިހާރު ވަރަށް ބޮޑަށް ތަފާތު އުފެއްދުން ތަކެކެވެ. މިއަދުގެ އައިމެކް އަކީ ވަރަށްވެސް ތުނި، ސްލީކް ޑިޒައިނެކެވެ. އެކަމަކު 1998 ގެ އަހަރު ނެރެނީ ފަލަ އަދި ބޯޅައެއްގެ ސިފައިގައި ހުރި ކޮމްޕިއުޓަރެއް ނަމަވެސް މިއަދުވެސް މި ބޭނުން ކުރަނީ މީގެ 25 އަހަރު ކުރީގައި އުފެދުނު އައިމެކްގެ ދަރިންނެވެ. އައިމެކް އަކީ ގިނަ ބަޔަކަށް ފުރިހަމަ އޯލްއިން ވަން ކޮމްޕިއުޓަރަކަށް ވާއިރު، އެއް ފޮށިގަނޑެއްގައި ޑިސްޕްލޭ އާއި އެކު ކޮމްޕިއުޓަރުގެ ބައިތައް ވަކި ނުވެ ބެހެއްޓިފައިވެ އެވެ. މާނައަކީ މޮނިޓަރާ އެކު ކޮމްޕިއުޓަރުގެ މައިގަނޑު ގުޅިފައިވުމެވެ.

މައިކްރޮސޮފްޓުން އުފެއްދި ވިންޑޯސްއިން އެއިރު ހިންގި ކޮމްޕިއުޓަރު ތަކަކީ ވަކިން ސީޕީޔޫ އަދި މޮނިޓަރާއި އިތުރު ސާމާނު ކަރަންޓު ވާ (ކޭބަލް) އަޅައިގެން ގުޅަން ޖެހޭ ގޮތަށް ހުންނަ ކޮމްޕިއުޓަރު ތަކަށް ވުމުން އެޕަލްއިން ނެރުނު އައިމެކް މާ ބޮޑަށްވެސް ތަފާތުވެފައި ގިނަ ބަޔަކަށް ކަމުދިޔައެވެ.

ދުނިޔޭގެ ފުރަތަމަ އޯލް އިން ވަން (ކޮންޕިއުޓަރު)

1990 ގެ އަހަރުތަކުގައި ގިނަ މީހުން ބޭނުން ކުރި ކޮމްޕިއުޓަރު ތަކަކީ ސީޕީޔޫ ފޮށިގަނޑު ވަކިން ހުންނަ އަދި މޮނިޓަރާ އެކު ގިނަ ވާ (ކޭބަލް) ތަކެއް ބޭނުންކުރާ އެއްޗެކެވެ. އެކަމަކު އައިމެކް 1998 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިޔާގައި ދައްކާލުމުން މިފަދަ ޑިޒައިނެއްގެ އުނި ސިފަތަކުގެ ވާހަކަ ފެތުރުނެވެ. ބައެއް މީހުންނަށް ކޮމްޕިއުޓަރަކަށްވެސް ނުވިއެވެ. އެގޮތުން އައިމެކްގެ 15 އިންޗީގެ ސްކްރީން ބޭނުންކުރުމުގައި މީހުން ދެކޭ ގޮތާއި ހިފައުި ގެންގުޅުމުގައި ހުރި ކަންބޮޑުވުމާއި މިނޫންވެސް ގިނަ ވާހަކަތަކެއް އޭރު ދެއްކިއެވެ. ދެތިން އަހަރު ވަންދެން ގޭގޭގެ ސިޓިން ރޫމްތަކުގައި ހުންނަ ބޯޅައެއްގެ ގޮތުގައިވެސް ދުށް ބަޔަކު އުޅުނެވެ. ނަމަވެސް ސިފަ މަޑުމަޑުން ގެއްލި ގިނަ ބައެއްގެ ލޯބި ލިބޭ އުފެއްދުމަކަށް އައިމެކް ވިއެވެ. މިހާރުގެ ބޮޑެތި އިސްކުރީން ތަކާއި އަޅައި ކިޔާނަމަ އޭރު ލިބެން ހުރި ހަމަ އެކަނި ސައިޒް ކަމަށްވާ 15 އިންޗީގެ އައިމެކް ކޮމްޕިއުޓަރުގެ އާދަޔާޚިލާފުކަމުން މާގިނަ ދުވަހެއް ނުވެ ވައިގައި ހިފިއެވެ.

އެޕަލް ކޮމްޕިއުޓަރުތަކުން ފެނުނު އެންމެ ޝައުގުވެރި އެއްޗަކީ ކޮމްޕިއުޓަރުގެ ބައްޓަމާއި އުފެއްދުމުގައި ބޭނުން ކުރި އޯލްއިން ވަން ކޮންސެޕްޓް އެކަންޏެއް ނޫނެވެ. ހޯދިފައިވާ ގިނަ މައުލޫމާތުން މިހާރު އެނގިފައިވާ ގޮތުގައި މުޅި ކޮމްޕިއުޓަރު އިންޑަސްޓްރީއަށް އެޕަލް ކޮމްޕިއުޓަރުގެ ނުފޫޒު ވަދެގެން ދިޔައީ އޮޕަރޭޓިން ސިސްޓަމްގެ ފަސޭހަ ކަމާއި ރައްކާތެރިކަމުގެ ވާހަކަވެސް ހިމެނިގެންނެވެ. މިހުރިހާ ކަމެއް ވެސް ސީދާ ގޮސް ގުޅެނީ 1980 ގެ އަހަރުތަކުގައި މެކިންޓޮޝްގެ ނަމުގައި ސްޓީވް ޖޮބްސް ކުރި ހިތްދަތި ތަޖުރިބާ އަށެވެ. އޭރުވެސް ސްޓީވް ޖޮބްސް ބޭނުންވީ އައިމެކް ކޮމްޕިއުޓަރާއެކު މެކް އޯއެސް އަދި ތަފާތު އެޕްލިކޭޝްންތައް ނެރުމަށެވެ. ނަމަވެސް އެކަން ހާސިލުނުވެ ސްޓީވް ޖޮބްސްއަށް އެޕަލް ކުންފުނިވެސް ގެއްލުނެވެ.

މި ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭނީ ބިލް ގޭޓްސް އަސް

މަޝްހޫރު މައިކްރޮސޮފްޓް ވިންޑޯސް އިން ހިންގާ ކޮމްޕިއުޓަރު ތަކުގެ ނުފޫޒު ދުނިޔޭގައި ފެތުރި ކޮމްޕިއުޓަރެކޭ ބުނެފި ނަމަ ބިލް ގޭޓްސްގެ ނަން އާދެއެވެ. އެހެން ކަމުން އެޕަލް ކުންފުނީގެ ވެރިއެއްގެ ގޮތުގައި ހުރެ ސްޓީވް ޖޮބްސް އުފެއްދި އައިމެކްއަށް ބިލްގޭޓްސްގެ މަލާމާތް އޭރު ރައްދުވެގެން ދިޔައެވެ. ނަމަވެސް 2000 ވަނަ އަހަރުގެ ކުރީކޮޅުގައި އެޕަލް ކުންފުނީގެ ކޮމްޕިއުޓަރު އެމެރިކާގެ ހަފޮޅުގެ ތެރެއިން ބޭރުވެ ދުނިޔޭގެ ގިނަ ގައުމުތަކާ ހަމައަށް ފޯރިއެވެ. ސްޓީވް ޖޮބްސް އާއި ބިލް ގޭޓްސްގެ ޚިޔާލުތައް އެކުލެވޭ ދެ ވައްތަރެއްގެ އޮޕަރޭޓިން ސިސްޓަމް އަދި ދެ މީހުންގެ ވިސްނުމާއި ފިކުރަށް ފެތިގެން ތަފާތު ދެ ވައްތަރުގެ ކޮމްޕިއުޓަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތެވެ.

ބިލް ގޭޓްސްގެ ނަޒަރުގައި އައިމެކް ތަފާތު ނަމަވެސް މީހުން ބޭނުން ކުރަން އެހާ ފަސޭހައެއް ނޫނެވެ. ރައްޓެހި ގޮތެއް އެޕަލް ކޮމްޕިއުޓަރުތަކުގައި ނެތެވެ. އެހެން ނަމަވެސް ވިންޑޯސް ވަރަށް ގިނަ މީހުންނަށް ފަސޭހަވާނެ ކަމަށާއި މާ ބޮޑު ދަތިކަމެއް ނެެތި މާގިނަ ކިޔެވުމަކާ ނުލައި ދަސްވާނެ ކަމަށް ނިންމިއެވެ. އެހެން ނަމަވެސް އެޕަލްއިން ޓެކްނޮލޮޖީއަށް މާ ކުޅަދާނަކަން ދައްކައިދީ ރީތި ބައްޓަމަށް ކޮމްޕިއުޓަރު ފައްތައި އިންޓަނެޓް ބޭނުން ކުރުމުގައި ވެސް ރައްކާތެރިކަން ހިމަނައި ވަރުގަދަ އަވަސް ކޮމްޕިއުޓަރުތައް ނެރެން ފެށި އެވެ. މި އައިމެކް ގަބޫލުކުރަން ދަތި ފޮނި އެއްޗަކަށް ވެގެން ދިޔައީ ސްޓީވް ޖޮބްސްގެ ވަރުގަދަ ސިޔާސަތުގެ ސަބަބުން ކަމަށް އެންމެ ރަނގަޅަށް އެނގޭނީ އެންމެ ވާދަވެރި ބިލްގޭޓްސްއަށް ކަމަށް ގިނަ ބަޔަކު ދެކެވެ.

އޭރުވެސް އަގުބޮޑު 1299 ޑޮލަރަށް ވިއްކި މި އުފެއްދުމަކީ މިއަދު އަހަރެމެން މިދެކޭ އެޕަލް ކުންފުނީގެ އޭރުގެ މައިގަނޑު ވިޔަފާރިއެވެ.

ޒަމާން ބަދަލުވެ އަޕަލް ކުންފުނީގެ ވިޔަފާރި މިއަދު ބަދަލުވެފައި ވަނީ އައިފޯނުން ލިބޭ ބޮޑު އާމްދަނީގެ މައްޗަށެވެ. އެހެ ނަމަވެސް އެޕަލް އައިފޯނާއި އެޕަލްގެ ގިނަ އުފެއްދުންތަކުގެ އަސްލު ފެށިގެން އައީ މީގެ 25 އަހަރު ކުރިން އުފެއްދި އެޕަލް ކޮމްޕިއުޓަރުގެ ކާމިޔާބީގެ މަތީގައެވެ. އައިމެކްގެ ނަމުގައި ނެރުނު އެ ކޮމްޕިއުޓަރު ވައިގައި ނުހިފި ނަމަ މިއަދު އެޕަލް ކުންފުނި ވުޖޫދުގައި އޮންނާނެ ކަމަށް އެއްވެސް މީހެކު ގަބޫލެއް ނުކުރެއެވެ.

ދެވަނަ ފަހަރަށް ސްޓީވް ޖޮބްސް އެޕަލް ކުންފުނީގެ ހިންގުމާ ހަވާލުވެ ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ އެޕަލް ކުންފުނީގެ ހުރިހާވެސް މީހަކީ ފައުންޑާ މެންބަރު، މިހާރު މިދުނިޔެއާ ވަކިވެފައިވާ ސްޓީވް ޖޮބްސްގެ އާދަޔާ ހިލާފު ސިކުނޑީގެ މޮޅުކަމެވެ.