ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ 55 ޕަސަންޓު ހަރަދުކޮށްފިއެވެ.
ދައުލަތުން މިއަހަރަށް ކަނޑައަޅާފައިވާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެންސްޕާއަށް ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެންސްޕާއިން ވަނީ އޭގެ ތެރެއިން އެއްް ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ އެންސްޕާ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދަައްކާގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް އެންސްޕާއިން ހަރަދުކުރީ 784 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އެ މުއްދަތުގައި ހަރަދުކުރި މިންވަރު ވަނީ 216 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.
އެންސްޕާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހުސްވެފައިވާ އިރު, ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓުގެ 82 ޕަސެންޓުވެސް މިހާރު ވަނީ ހުސްވެފައެވެ.
މިދިޔަ އަހަރަށް ބަލާއިރުވެސް އަހަރު ނުނިމެނީސް އާސަންދައާއި އެންސްޕާއަށް ކަނޑައެޅި ބަޖެޓު ހުސްވެ އިތުރަށްވެސް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އެންސްޕާއަށް 1.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި ނަމަވެސް އަހަރު ނިމުނު އިރު އެންސްޕާއިން ޖުމުލަ 2.5 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެންސްޕާއިން އާންމު ގޮތެއްގައި ހަރަދު ކުރާ ކަންތައްތަކުގެ ތެރޭގައި އާސަންދައިން ކަަވަރު ނުކުރާ ބޭސްފަރުވާގެ ހިދުމަތްތަކަށާއި ފަގީރު ހާލަތުގައި ދިިރިއުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު