އިސްލާމީ ދުނިޔޭގެ އެންމެ މުހިއްމު އެއްގައުމުކަމަށްވާ ތުރުކީގައި މިއަދު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ވަނީ ފަށައިފައެވެ. ހަމައެކަނި ރައީސަކު ހޮވުމުގެ ވޯޓެއް ނޫނެވެ. ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވުމުގެ ވޯޓުވެސް ރިޔާސީ އިންތިޚާބުގެ ވޯޓާއި އެކުއެކީގައި މިއަދު ކުރިއަށްދާނެއެވެ. ރައީސްވެސް އަދި ގާނޫންހަދާ މަޖިލީސްވެސް އިންތިޚާބުކުރަނީ ފަސްއަހަރުގެ ދައުރަކަށެވެ. މިއަދު ކުރިއަށްދަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމެވެ. ދެވަނަ ބުރަކަށް ނުގޮސް މިއަދުވެސް ރައީސަކު ހޮވުން އެކަށީގެންވެއެވެ. މިބުރުގައި ވޯޓުގެ ފަންސާސް އިންސައްތައަށްވުރެ މަތިން ހޯއްދަވާ ބޭފުޅަކު ރިޔާސަތަށް ހޮވޭނެއެވެ. އެވަރަށް ނުހޯއްދެވިއްޖެނަމަ މިމަހުގެ އަށާވީސްވަނަ ދުވަހު އިންތިޚާބުގެ ދެވަނަބުރެއް ބާއްވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރެއް ބާއްވަން ޖެހިއްޖެނަމަ އެބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ދެބޭފުޅެކެވެ. ގާނޫނުހަދާ މަޖިލީހަށް މިއަދު ހޮވާނީ 600 މެންބަރުންނެވެ. މި ދެ އިންތިޚާބުގެ ވޯޓުލުން މިއަދު ފެށުނު ކަމަށްވިޔަސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގައުމުން ބޭރުގައި ދިރިއުޅޭ މީހުން ވަނީ މާކުރިން ވޯޓުލައިފައެވެ. ގައުމުން ބޭރުގައި ދެމިލިޔަނެއްހައި މީހުން ވޯޓުދީފައިވާއިރު އޭގެތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ޖަރުމަނީގައި ދިރިއުޅޭ މީހުންނެވެ. މި ވޯޓުތައްވެސް ގުނާނީ މިއަދު އެތެރޭގައި ވޯޓުދޭ މީހުންގެ ވޯޓާއެކުގައެވެ. މި ދެ އިންތިޚާބުގައިވެސް ލަފާކުރުންތަކާއި ހިސާބުޖެހުންތައް މަނަލެވެ. މީޑިއާއަށް ރިޕޯޓްކުރެވޭނީ ނަތީޖާތައް ލިބެންފެށުމުން އެނަތީޖާތަކެވެ. ނަތީޖާތައް ލިބެންފަށާނީ ތުރުކީގަޑިން މިރޭ ނުވައެއްގެ ފަހުންނެވެ.

ކުރިންވެސް ލަފާކުރެވިފައިވާ ގޮތަށް ރިޔާސީ އިންތިޚާބަކީ ދެ އަހުގެ ރޭހެކެވެ. އެއްބޭފުޅަކީ މިހާރުވެސް ހުންނެވި ރައީސް ރަޖަބު ތައްޔިބު އުރުދުޣާނެވެ. އަނެއްބޭފުޅަކީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް ކަމާލް ކޮލުޗްޑަރޯލޫއެވެ. މި ދެބޭފުޅުންނާ ވާދަކުރައްވާ ތިންވަނަ ކެންޑިޑޭޓަކީ އެންސެސްޓްރަލް އެލަޔަންސްގެ ކެންޑިޑޭޓް ސިނާން އޮގާނެވެ. ކެންޑިޑޭޓުންގެ ރޭހުގައި ހުސްވި ހަފުތާގެ ބުރާސްފަތިދުވަހާ ހަމަޔަށް ހަތަރުވަނަ ކެންޑިޑޭޓަކުވެސް ހުންނެވިއެވެ. އެއީ ހޯމްލެންޑް ޕާޓީގެ ލީޑަރު މުހައްރަމް އިންޗޭއެވެ. ރިޔާސީ ރޭހުން އޭނާ ވަކިވެވަޑައިގެންނެވީ އަބުރުކަތިލުމުގެ ވަރުގަދަ ކެމްޕޭނެއް ސަރުކާރުން ކުރިއަށް ގެންދާކަމަށް ތުހުމަތު ކުރެއްވުމަށްފަހުގައެވެ. ރިޔާސީ އިންތިޚާބުން އެޕާޓީ ވަކިވިޔަސް މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ވާދަކުރެއެވެ. ވަރަށް ވާންވެސް ކުރާނޭކަމަށް ވަނީ ހީކުރެވިފައެވެ.

ވޯޓުލުން ފެށުމަށްފަހު ނަތީޖާ ނުކުންނާނޭގޮތަކާމެދު ވާހަކަ ދައްކައި އެކިކަހަލަ ތަހުލީލުތައް ހިންގުން މަނާވިޔަސް އިއްޔެއާ ހަމައަށް އެއްކުރެވުނު ޚިޔާލު ހޯދުންތަކުން ދައްކަނީ ރައީސް އުރުދުޣާންގެ މައްޗަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް ކޮލުޗްޑަރޯލޫ ކުރިހޯއްދަވާނޭ ކަމަށެވެ. މާބޮޑު ފަރަގަކުން ނޫނެވެ. ކުޑަކުޑަ ފަރަގަކުންނެވެ. ހޯމްލެންޑް ޕާޓީއަކީވެސް ވަރުގަދަ ބޮޑު ޕާޓީއަކަށްވެފައި އެ ޕާޓީގެ ލީޑަރު މުހައްރަމް އިންޗޭ މިރޭހުން ވަކިވެވަޑައިގެންނެވުމަކީ އިދިކޮޅު މައި ކެންޑިޑޭޓް ކޮލުޗްޑަރޯލޫއަށް ލިބިވަޑައިގެންނެވި އެޑްވާންޓޭޖެކެވެ. ހޯމްލެންޑު ޕާޓީގެ ސަޕޯޓަރުންނަކީ ކޮންމެ ގޮތެއްވިޔަސް ރައީސް އުރުދުޣާނަށް ވޯޓުދޭނޭ ބައެއް ނޫނެވެ. އެހުރިހާ ވޯޓެއް މިހާރު ދާނީ ކޮލުޗްޑަރޯލޫއަށެވެ. އޭނާ ކުރިހޯއްދަވާނޭކަމަށް ހީކުރެވޭ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

ތުރުކީގެ އަވަށްޓެރިންގެ ތެރެއިން ގިނަބަޔަކު ބޭނުންވަނީ ރައީސް އުރުދުޣާން ވެރިކަމުގެ އައު ދައުރަކަށް ނުހޮވުމެވެ. ޚާއްސަގޮތެއްގައި ހުޅަނގު ޔޫރަޕުގެ ހުރިހައި ގައުމަކާއި އެމެރިކާގެ އެދުމަކީ އެއީއެވެ. އަނެއްކޮޅުން ރަޝިޔާގެ އެދުމަކީ އުރުދުޣާނަށް އައު ދައުރެއް ލިބިވަޑައިގަތުމެވެ. އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކުންވެސް އެދޭކަމަށް ފެންނަނީ އެގޮތެވެ. އެހެންވީމާ މި އިންތިޚާބަށް މުޅިދުނިޔޭގެ ނަޒަރުވަނީ ސީދާވެފައެވެ. އުރުދުޣާން ވެރިކަމުގައި ހުންނަވާތާ ވިހި އަހަރުވެއްޖެއޭ، ތުރުކީގެ ސެކިއުލަރ ނިޒާމު މުޅިން ބަދަލު ކުރައްވައިފިޔޭ، ސިޔާސަތާއި ދީން މަސްހުނިކުރައްވައިފިޔޭ، ޑިމޮކްެރަސީ ހީނަރުވެ ޚުދުމުޚުތާރުކަން ފެތުރިއްޖެޔޭ ބުނެ ހުޅަނގުގެ ގައުމުތަކުން ދައްކާ ވާހަކަތަކުގެ ފަހަތުގައިއޮތް ބޭނުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ތުރުކީ ދަތުރުކުރަމުންދާ އަމިއްލަ ވަންތަ މިސްރާބު ކަސިޔާރުކޮށްލުމެވެ.

ކޮލުޗްޑަރޯލޫގެ ކާމިޔާބީއަކީ ހުޅަނގަށް ފަހި ސިޔާސަތެއްގެ ފެށުންކަމަށް ބައެއް މީހުން ގަބޫލުކުރިއަސް އަނެއްބަޔަކު ބުނާގޮތުގައި ތުރުކީ މިހާރުއޮތް ހިސާބުން ދެން ޔޫޓާރނެއް ނެގުން ފަސޭހައެއް ނުވާނެއެވެ. އަދި ތުރުކީގެ އަންހެންވެރިންގެ ބޮލުން ބުރުގާ ބޭލުންވެސް ފަސޭހައެއް ނުވާނެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ މާބޮޑު ފަރަގެއްނެތި ބަލިވެއްޖެނަމަ އެ ނާކާމިޔާބީ އުރުދުޣާން ގަބޫލު ކުރައްވައިފާނެ ބާވައެވެ. އިންތިޚާބުގެ ނަތީޖާ އެހާފަސޭހައިން ގަބޫލުކުރައްވައިފާނެ ބާވައެވެ. ތަފާތު ބޮޑުނޫންކަމަށްވަނީވިއްޔާ އިންތިޚާބުގެ އައުވޯޓުލުމެއް ބޭއްވުން އެކަށީގެންވެއެވެ. ދާދިފަހުން އިސްތަންބޯލްގެ މުނިސިޕަލް އިންތިޚާބުގައި އެމަންޒަރު ވަނީ ފެނިފައެވެ. ޔަގީންވާ އެއްޗަކީ ނުފޮރޮޅާ އެންމެ ގާކޮޅެއްވެސް އުރުދުޣާން ނުބާއްވަވާނޭ ކަމެވެ. ވެރިކަމަކީ ދެން އެކަހަލަ އެއްޗަކީއެވެ.