ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަ ނުކޮށް، ގާތް ގާތުގައި މެޗުތަކަށް ނުކުންނަން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އޭގެ އަސަރު ކުރާ ކަމަށާއި، ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނެރޭ ފުރަތަމަ 11 އަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަތުވެދާނެ ކަމަށް ބުރު ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ބުރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނުކުތީ ނިމިދިޔަ ޕްރެސިޑެންޓްސް ކަޕަށެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ބުރުން ގޮސްފައިވާ އިރު، ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި ކްލަބު އީގަލްސް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

"ޓީމަށް މި ދިމާވާ މައްސަލައަކީ ޕްރި ސީޒަނެއް ނެތި، ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ދިމާވާ މައްސަލަ. ކުރިއަށް އޮތް މެޗަށް ނުކުންނައިރުވެސް އެ މައްސަލަތައް އެބަހުރި. ފަހަރެއްގަ އެންމެ އެކަށީގެންވާ ފުރަތަމަ 11 (މިއަދުގެ) މެޗަށް ނުނެރެވިދާނެ. އެހެންނަމަވެސް ހަމަ އިދިކޮޅު ޓީމުގެ ކުޅުމާއި ވައްޓަފާޅިއަށް ބަލާފައި އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުވަމުން މިދަނީ،" މިއަދު ޓީސީއާ ދެކޮޅަށް ނުކުންނަ މެޗާ ގުޅޭ ގޮތުން ނިޒާމްބެ އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.

މީގެ ކުރިން ޕްރެސިޑެންޓްސް ކަޕްގައި ބުރާއި ޓީސީ ވާދަކޮށްފައިވާ އިރު، އެ މެޗު 1-0 އިން ކާމިޔާބުކުރީ ޓީސީންނެވެ. ޓީސީއާއެކު ކުރިން ލީގު ކާމިޔާބުކޮށްފައިވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު ނިޒާމްބެ ބުނީ ޓީސީއަށް ފުރިހަމައަށް އިހުތިރާމު ދޭން ޖެހޭނެ ކަމަށައި، ޓީސީގެ ޓީމަކީ މިދިޔަ ސީޒަނުން ފެށިގެން އެއްކޮށް ކުޅެމުން އަންނަ ޓީމެއް ކަމަށެވެ.

"ޓީސީއަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭ. ޓީސީގައި އެއޮތީ މިދިޔަ ސީޒަނުގެ 30 އަކަށް މެޗު އެއްކޮށް ކުޅެފައި އޮތް ޓީމެއް. އެއީ ކުލަބަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިހާތަނަށް ބަލާއިރު ރަނގަޅަށް ކުޅެމުން ދަނީވެސް ޓީސީން. ރަނގަޅު ކުޅުމެއް އެޓީމުން ފެނިގެން އެބަދޭ. އެކަމަށް ވިސްނައި އެޔަށް ސަމާލުވެ، ފުދޭވަރަކަށް މަސައްކަތް ކޮށްގެން ނޫނިއްޔާ މެޗު ފަސޭހައެއް ނުވާނެ. އެކަމަކު މެޗަށް އެކަށީގެންވާ އެފޮޓެއް ލައިފިނަމަ، މެޗުން މޮޅުވެވޭނެ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ސާފް ބްރޭކްގެ ކުރިން ތިން ޕޮއިންޓެއް ހޯދުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ބްރޭކް ކުރިން ކުޅޭ ތިން މެޗުން ތިން ޕޮއިންޓް ހޯދުނަސް އެއީ ރަނގަޅު ފެށުމަކަށް ވާނެ ކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ބުރުގެ "ވިނިން ރޭޓް" ރަނގަޅުކުރަން ޖެހިފައިވާ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ އިއްޔެ ބުނީ މިވަގުތު ބުރުގެ ސްކޮޑަށް ކުޅުންތެރިން މަދުވުމުގެ ޗެލެންޖެއް ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް، ޒުވާން ކުޅުންތެރިންނަށް ރަނގަޅަށް ތަމްރީނު ދެވި، އެ ކުޅުންތެރިން ރަނގަޅުކުރެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ބުރުން ބިދޭސީ ކުޅުންތެރިން ގެންނަންވެސް ތައްޔާރުވެ، ސާފް ޗެމްޕިއަންޝިޕް ބްރޭކަށްފަހު ޓީމް ރަނގަޅަށް އެކުލަވައިލެވޭނެ ކަމަށްވެސް ނިޒާމްބެ ފާހަގަކުރިއެވެ.

ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.