އިންޓަނޭޝަނަލް ބްރޭކުން ފައިދާތަކެއް ކުރި ކަމަށާއި، ބުރު ސްޕޯޓްސް ކްލަބުގެ ލެވެލް މަތިކޮށްލަން ފުރުސަތު ލިބުނު ކަމަށް ސްޕެއިންގެ ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފިއެވެ.
މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލި އިރު، މިހާތަނަށް ބުރުން ކުޅުނު ދެމެޗުންވެސް އޮތީ ބަލިވެފައެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް 4-1 ގެ ނަތީޖާއަކުން ބަލިވި މެޗުގެ އިތުރުން ދިއްދުއާ ދެކޮޅަށް ކުޅެ 1-0 އިން ބަލިވި މެޗެވެ. މި ހަފުތާ ލީގު އަލުން ފެށުމަށް މާދަމާ ބުރުން ނުކުންނާނީ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
"މި ބްރޭކުގައި އަހަރެމެންނަށް ލިބުނު ވަގުތުގެ ބޭނުންކުރަން ވަރަށް ބެލިން. އެ ފުރުސަތުގެ ބޭނުން ހިފައި، ސްކޮޑު އޮތް ލެވެލްއަށްވުރެ އިތުރު ހަރުފަތެއް މައްޗަށް ޖައްސާލެވޭތޯ ބެލީ. އަހަންނަށް ހީވަނީ އެ ބްރޭކަކީ އަހަރެމެންނަށް ފައިދާވި ބްރޭކެއްހެން. އަހަރެމެންނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު. ބެލެވޭ ގޮތުގައި ދެން ފެންނާނީ މިހާރަށްވުރެ ރަނގަޅު ބުރު ޓީމެއް. އަހަރެމެން ސްކޮޑު ކުރިއަށްވުރެ މިހާރު ރަނގަޅުވާނެ،" ރޮޑްރިގޭޒް މިއަދު ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ބުންޏެވެ.
ރޮޑްރިގޭޒް ބުނީ އަދި މިސީޒަނުގެ ލީގުގައި ކުޅެން ލިބުނީ ދެމެޗު ކަމަށާއި، ވަކި ގޮތެއްވާނެ ކަމަށް ބުނަން އުނދަގޫ ކަމަށެވެ. އަދި ގަދަ ހަތަރެއްގައި ކުރިން ސީޒަނުގައި އޮތް ނަމަވެސް، މި ސީޒަނުގައި އެކަން ވާނެއޭ ޔަގީންކަމާއެކު ބުނުމަކީ ވަރަށް އުނދަގޫވާނެ ކަމެއްކަން އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް އެހެން ޓީމުތަކުން ތައްޔާރުވި ވަރަށް ބަލައި، އެކަމަށް އޮތީ އުނދަގޫ މަގެއް ކަމަށް ރޮޑްރިގޭޒް ބުންޏެވެ.
ރޮޑްރިގޭޒް އިތުރަށް ފާހަގަކުރީ އަދިވެސް ރާއްޖޭގެ ފުޓުބޯޅަ ދަސްކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނާއި މި ސީޒަނުގެ މެޗުތައް ބަލަމުންދާތީ، އެ ކަމަށް އެހީތެރިކަން ލިބެމުންދާ ކަމަށް ކޯޗު ފާހަގަކުރިއެވެ. ރޮޑްރިގޭޒް ކުރިންވެސް ބުނީ މިފަހަރު ލީގުގައި އެއްވެސް ޓީމެއް ފަސޭހަ ނުވާނެ ކަމަށެވެ. އޭނާ ބުނީ ބުރުން ދިއްދުއާ ދެކޮޅަށް ކުޅެ ބަލިވި މެޗުން ފެނުނީ އެ މަންޒަރު ކަމަށެވެ. އަދި އެމެޗުން ލިބިގެންދިޔަ ފިލާވަޅުތަކުގެ ބޭނުން ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
"ކުރިން މެޗުތަކަށް ބަލައި، އަހަރެން އަބަދުވެސް ކުޅުންތެރިންނަށް މި ދޭ މެސެޖަކީ އަހަރެމެން މިއޮތީ ރަނގަޅު މަގުގައި ކަމަށް. އެކަމަކު އަހަރެމެން މޮޅެއް ހޯދަން މި ޖެހެނީ އިތުރު އެފޮޓެއް ލާން. ފޯކަސް ރަނގަޅުކޮށް، އިތުރު މަސައްކަތެއް ކުރަން. މެޗުތަކުގައި 200 ޕަސެންޓް ދީގެން ނޫނީ މިފަހަރު ލީގުގައި މެޗަކުން މޮޅު ހޯދަން އުނދަގޫވާނެ،" ރޮޑްރިގޭޒް ބުންޏެވެ.
ބުރު ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބު ވާދަކުރާ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ކޮމެންޓް