ހަތް ފޮޅުވަތް

ހަތް ފޮޅުވަތް: މަންމަދެކެ ލޯބިވާ ވާހަކަ ބުނަންވީ ފޭސްބުކުގައެއް ނޫނެވެ. މަންމަ ކައިރީއެވެ.

ސިނާން އަލީ

"ހަތް ފޮޅުވަތް" މިއީ "ވަން" އިން އަލަށް ފަށާ މައުޟޫއެކެވެ. މި މައުޟޫގެ ދަށުން ގެނެސްދޭނީ މުޖުތަމައުގެ ތެރެއިން ފެންނަ ނުވަތަ އިވުނު އަޑެއްގެ ވާހަކައެވެ. ކޮންމެވެސް މުހިންމު ކަމެއް ވާހަކައެވެ. މާބޮޑު ތަފްސީލެއް ނޯންނާނެ އެވެ. އިންޓަވިއުތަކެއްވެސް ނުހުންނާނެ އެވެ. އޮންނާނީ ހަތް ފޮޅުވަތެވެ. މަޝްވަރާއާއި ބަހުސް ދޫކޮށްލާނީ ކިޔުންތެރީންނަށެވެ.

-----------

މިއަދު މީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެވެ. ފޭސްބުކް ހުޅުވައިލުމުން ފެންނަނީ މައިންގެ ދުވަހުގެ މުނާސަބާގައި، މީސްމީހުން އެމީހުންގެ މައިންނަށް ފޮނުވާފައިވާ ޝުއޫރުތަކެވެ. މަންމަދެކެ ލޯބިވާ މިންވަރާއި މަންމަގެ މުހިންމުކަން ފާހަގަކޮށް ލިޔެފައިވާ ޕޯސްޓުތަކެވެ. މުޅި އުމުރު ހުސްވާންދެން މަންމައަށް ޚިދުމަތްކުރުންމަތީ ދެމިހުއްޓަސް އެ މަންމަ އުފުލި ތަކުލީފުގެ ކުޑަ މިންވަރެއްވެސް އަދާނުކުރެވޭނެ ކަމަށްބުނެ ބަންޑުންކޮށްލައިފައިވާ ޝުކުރުގެ އިހުސާސްތަކެވެ.

މަންމަދެކެ ލޯބިވާ ވާހަކަ ސޯޝިއަލް މީޑިއާގައިވެސް ލިޔެ، އެ ކަމުގެ މުހިންމުކަން ދައްކުވައިދީ މަންމައިންނަށް ކަމޭހިތައި ލޯބިދިނުމުގެ ހޭލުންތެރިކަން މުޖުތަމައުގައި އިތުރުކުރާން މަސައްކަތްވެސް ކުރަންވީ އެވެ.

އާންމުކޮށް ނުކުރާތީ ބައެއް ދަރީންނަށް ކުޑަކޮށް އުނދަގޫ ކަމަކަށްވެސް ވެދާނެއެވެ. އެކަމަކު މިއަދު އެންމެ އިސްކަމެއްދީގެން ކުރާންވީ ކަމަކީ މަންމަދެކެލޯބިވާ ވާހަކަ ސީދާ މަންމަކައިރީ ބުނުމެވެ. އެއަށްފަހު އެއީ އާންމުކޮށްވެސް ކުރާކަމަކަށް ހެދުމުން ދެމައިންނަށް އެކަމުން އާދަޔާހިލާފު އުފާވެރިކަމެއް އިހުސާސްކުރެވޭނެ އެވެ.