ސްކޭޓް މޯލްޑިވްސްގެ މިއަހަރު އަދި އަންނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސްކޭޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރެޖިސްޓާ ކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ މުއައްސަސާ އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕާޓްނާޝިޕް މެދުވެރިކޮށް އެ ކުންފުނިން ސްކޭޓް މޯލްޑިވްސްއަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ސްކޭޓް މޯލްޑިވްސް އިން މިހާރު އަންނަނީ ދެ ވަނަ އިންޓަނޭޝަނަލް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕް ބާއްވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށި މި މުބާރާތް މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މާލެ އުސްފަސްގަނޑު އަދި ހުޅުމާލެ މުބާރާތް ސަރަހައްދުގައި ކުރިއަށްދާ މި ކުލަގަދަ އިވެންޓުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ސްކޭޓަރުންވެސް ބައިވެރިވާނެއެވެ.

"ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށްވެ، ރޯލާ ސްކޭޓިން ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ އެ އެސޯސިއޭޝަނާ ގުޅިގެން މި ކުޅިވަރު ކުރިއަރުވައި އައު ޖީލެއްގެ ގައުމީ ފެންވަރުގެ އެތުލީޓުން ތައާރަފު ކުރުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވިދާޅުވީ، ދިރާގާއެކު ވެވުނު އެއްބަސްވުމާއެކު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުމަކީ އުންމީދެއް ކަމަށެވެ.

ދިރާގުން އަންނަނީ ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެމުންނެވެ.