ފްރާންސްގައި އުފައްދާ އަސްކަރީ ހެލިކޮޕްޓަރު ގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ސޮއިކޮށްފައިވާ 900 މިލިޔަން ޑޮލަރުގެ ބިޔަ ކޮންޓްރެކްޓެއް އަބޫދާބީން މި ހަފުތާގައި އަމިއްލަޔަށް އުވާލައިފިއެވެ.
މި ޑީލަކީ 2021 ވަނަ އަހަރު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގާއިމްކުރެވުނު އެއްބަސްވުމެކެވެ. މި ކޮންޓްރެކްޓްގެ ދަށުން ފްރާންސްގައި އުފައްދާ މަލްޓިރޯލް އެންމެ ޒަމާނީ 12 ހެލިކޮޕްޓަރު ޔޫއޭއީއަށް ވިއްކަންޖެހެއެވެ.
ޔޫއޭއީން ބުނެފައިވަނީ މި ޑީލް އުވައިލަންޖެހުނީ ހެލިކޮޕްޓަރަށް ކުރިމަގުގައި ގެންނަންޖެހިދާނެ ބަދަލުތަކާއި މަރާމާތާއި ގުޅޭ ކަންކަން ކުރިއަށް ގެންދާނެގޮތާމެދު ޚިލާފުތައް ބޮޑުވެގެން ކަމަށެވެ. ޓެކްނޮލޮޖީ ޓްރާންސްފަރ ކުރުމާއި ޔޫއޭއީގައި މިކަންކަންކުރެވޭނެ ވަސީލަތް ފުރިހަމަކޮށްދޭން އެއަރބަސް ހެލިކޮޕްޓަރު ކުންފުނީގެ އެއްބާރުލުން ނުލިބުމުން ކަމުގައެވެ. މި ނިންމުމަކީ ސިޔާސީ ނިންމުމެއް ނޫންކަމަށާއި މިއީ ހަމައެކަނި ފަންނީ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ނިންމި ނިންމުމެއް ކަމަށްވެސް ބުނެއެވެ.
ފްރާންސުން ވިއްކަން އުޅުނު ހެލިކޮޕްޓަރަކީ މަލްޓިރޯލް އެއްޗެކެވެ. ބޭނުން ވައްތަރެއްގެ ބަޑިޔާއި މިސައިލާއި ރޮކެޓް ހަރުކުރެވޭ އެއްޗެކެވެ. އާއްމުގޮތެއްގައި ކަނޑު އުޅަނދުފަހަރަށް ފާރަލުމާއި ހަމަލާދިނުމަށް ޚާއްސަ އެއްޗެކެވެ. ދުނިޔޭގެ ހަތިޔާރުގެ ވިޔަފާރިއާ ގުޅޭކަންކަން ދިރާސާކުރާ ތަޖުރިބާކާރުން ބުނާގޮތުގައި ފްރާންސުން އަސްކަރީ ހެލިކޮޕްޓަރު ގަތުމުގެ ޑީލް ޔޫއޭއީން އުވައިލީ އެއަށްވުރެ ހެޔޮއަގެއްގައި އެޔަށްވުރެ ފެންވަރު ރަނގަޅު، އަދި މާގިނަ ކަންކަމުގައި ބޭނުންކުރެވޭ، އަދި މެއިންޓެނަންސް ޚަރަދުވެސް ކުޑަ ހެލިކޮޕްޓަރުތަކެއް ޗައިނާއިން ގަތުމުގެ ޑީލަކަށް އެނބުރިގަތުމުގެ ގޮތުންނެވެ. އަރަބި ވަރަށް ގިނަ ގައުމުތަކުން މިހާރު ހުޅަނގަށް ބަރޯސާކުރުން ކުޑަކޮށް ޗައިނާއިން ހަތިޔާރު ގަތުމުގެ އާދައެއް ވަނީ ގެންގުޅެން ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ