Close Election
Close
ޚަބަރު

ބަޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ބަޓިކް އެއާގެ ފުރަތަމަ ބޯޓު ރޭ 8:30 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވާ ކަމަށާއި ބޯޓަށް މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓާ ސެލިއުޓަކުން ކަމަށެވެ. ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި 57 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.

ބަޓިކް އެއާއިން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވަން ވަނީ ނިންމައިފައެވެ. އެގޮތުން ދަތުރުތައް އޮންނާނީ ރާއްޖެއިން ސްރީލަންކާއަށް އަދި މެލޭޝިޔާއަށެވެ. މެލޭޝިޔާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެ ދަތުރުތައް ފަށާނީ އަންނަ މަހު ފަހުކޮޅު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މީގެ ކުރިން މަލިންޑޯ އެއާގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއާލައިން، ބަޓިކް އެއާއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް ހާއްސަ ޕްރޮމޯޝަންތަކެއްވެސް ވަނީ ފަށައިފައެވެ.

އެމްއޭސީއެލުން ބުނީ ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއާއިން ބޭނުންކުރާނީ ބޮއިންގް 737 މަރުކާގެ ބޯޓެއް ކަމަށެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.

ބަޓިކް އެއާ އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ.

ރާއްޖެއަށް ދަތުރުކުރާ އެއާ ލައިންތައް އިތުރުވެގެން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

ބަޓިކް އެއޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވާޖިން އެޓްލާންޓިކްގެ ދަތުރުތައްވެސް މިއަހަރު ތެރޭގައި ރާއްޖެއަށް ފަށާން ވަނީ ނިންމައިަފއެވެ.