ސައޫދީ އަރަބިޔާގެ އަލްހިލާލަށް ސޮއިކުރުމުގެ އެއްވެސް ކަމެއް އަދި ނުނިމޭކަމަށް އާޖެންޓީނާގެ ތަރި ލިއޯ މެސީގެ އާއިލާއިން ބުންޏަސް އެއީ ދޮގެއް ކަމަށާއި ކުރިއަށް އޮތް ސީޒަނުގައި އަލްހިލާލަށް ކުޅުމަށް މެސީ އެއްބަސްވެ ހުރިހާ ކަމެއް ފައިނަލްކޮށް ނިމިފައިވާ ކަމަށް މިކަން ދެނަހުރި ފަރާތްތަކުން ބުނެފިއެވެ.

މެސީގެ މިހާރުގެ ކުލަބް ކަމަށްވާ ޕީއެސްޖީގެ ޗެއަރމަން ނާސިރު އަލްޚަލީފީ އާއި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާވެސް ގާތްގުޅުންތަކެއް އޮންނަ އެޖެންޓެއް ކަމަށްވާ މާކޯ ބުނެފައިވަނީ އަލް ހިލާލުން މެސީއަށް 662 މިލިޔަން ޑޮލަރުގެ ހުށައެޅުމެއް ހުށައަޅާފައިވާ ކަމަށާއި ރަސްކަލެއްގެ ޓީމުން ހުށައަޅާ އެފަދަ ބޮޑު ހުށައެޅުމަކަށް ނޫނެކޭ ބުނަން މެސީއަކަށްވެސް ނުކެރޭނެ ކަމުގައެވެ. މިއަދަދަކީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ސައޫދީ ގެޒެޓުން ބުނެފައިވާ އަދަދަށްވުރެވެސް ބޮޑު އަދަދެކެވެ. ސައޫދީ ގެޒެޓުން ބުނެފައިވަނީ އަލްހިލާލުން މެސީއަށް ހުށައަޅާފައިވާ އަދަދަކީ 440 މިލިޔަން ޑޮލަރު ކަމުގައެވެ.

ކުރިއަށް އޮތް ސީޒަނުގައި އަލްހިލާލުން ފެންނާނީ ހަމައެކަނި މެސީއެއް ނޫންކަމަށާއި އޭނާއާއެކު ބާސެލޯނާއަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާވެސް ފެންނާނީ އަލްހިލާލުން ކަމަށް ވަރަށް ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބުސްކެޓްސްގެ ބާސެލޯނާ ކޮންޓްރެކްޓް ކުރިއަށް އޮތް ޖޫންމަހު ހަމަވާނެއެވެ. އަލްބާގެ ކޮންޓްރެކްޓްގައި ބާކީ އަދި އެއްއަހަރު އެބައޮތެވެ. ނޫސްތަކުން ބުނަނީ އޭގެކުރިން ކޮންޓްރެކްޓް ބާތިލްކުރަން އަލްބާ މަސައްކަތްކުރާނެ ކަމުގައެވެ.

މެސީއަށް އަލްހިލާލުން ހުށައަޅާ އަގަކީ 662 މިލިޔަން ޑޮލަރު ކަމަށްވަންޏާ އެއީ ސައޫދީ އަރަބިޔާގެ އައްނަސްރުން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދިން އަދަދުގެ ތިނަގުނައެވެ. ރޮނާލްޑޯގެ ކޮންޓްރެކްޓްގެ މިންވަރަކީ 220 މިލިޔަން ޑޮލަރެވެ. މިވަރުންވެސް ރޮނާލްޑޯ ވެފައިވަނީ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ކުޅުންތެރިޔާ ކަމުގައެވެ.