އިޒްރޭލުން، ޕަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕަލަސްތީނުގެ ގާޒާ ސްޓްރިޕަށް އިޒްރޭލު ސިފައިން ދިން ހަމަލާގެ ސަބަބުން 31 މީހަކު މަރުވެފައިވާ ކަމަށާއި އަދި އިޒްރޭލުގެ އެ ހަމަލާ ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.
އިޒްރޭލު ސިފައިން ދިން އެ ހަމަލާތަކުގެ ސަބަބުން ޕަލަސްތީނުގެ އާންމު ރައްޔިތުން ޒަހަމްވެފައިވާ ކަމަށާއި ގިނަ ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ އިމާރާތްތައްވެސް ހަލާކުވެފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ހަމާލަތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ތަކާ ހިލާފު އަދި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ ރިޒޮލިއުޝަންތަކާ ހިލާފުކަމެއް ކަމަށާއި އިޒްރޭލުން، ޕަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި އަމަން ގާއިމުކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅެމުންދާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭއާއި ރާއްޖޭގެ ރައްޔިތިބުން ތިބީ ޕަލަސްތީނާއި އެގައުމުގެ ރައްޔިތުންނާއެކު ކަމަށާއި ޕަލަސްތީނުގެ މިނިވަންކަމަށް އެ ގައުމުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ 1967 ވަނަ އަހަރު ކަނޑައެޅި ޓޫ ސްޓޭޓް ސޮލިއުޝަނުންކަމަށް ވެސް ރާއްޖެއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު