ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ޒުވާނާ މަރުވެއްޖެއެވެ.

ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅު މަގުގައި މި މަހުގެ ދެވަނަ ދުވަހުގެ ހަވީރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އަހުމަދު ޒައިން، 20އ. އަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ. އެކަން އާއިލާގެ މަސްދަރަކުންނާއި ހޮސްޕިޓަލްގެ މަސްދަރަކުން "ވަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އައިޖީއެމްއެޗުން ހާމަނުކުރި ނަމަވެސް ބޮލަށް ބޮޑު އަނިޔާއެއް ލިބުނުކަން އެނގިފައިވެއެވެ.