(5 އޭޕްރީލްގެ އަދަދާ ގުޅޭ)
އެހެންކަމުން އިތުރު ސާހިބާގެ މޭޒުބާންކަމާމެދު އަންޞާރުން ގެންދެވީ ވަރަށްބޮޑަށް ވާދަކުރައްވަމުންނެވެ. ޤަބީލާތަކުގެ ރައީސުންކަމުގައިވާ عــتــبــان بــــن مــالــك އާއި، ســعـــد بــــن عُــبــادة އާއި، عــبــد اللّـــه بــــن رواح އާއި، عــبــاّس بــــن عُــبــادة އާއި، خــارجـــة بــــن زيــــد އާއި، زيــاد بــــن لـبـيـد އާއި، فـــــروة بــــن عـــمــــــرو އާއި، ســعـــد بــــن الـــرّبــيــع އާއި، ســليط بــــن قـيـس އާއި، مــنـــذر بــــن عـــمــــــرو އާއި، أبـــو ســليط أسـيــرة بــــن أبــــى خــارجـــة (رضــى اللّـــه عــنـــهم) ވަކިވަކީން ކައުސާހިބާގެ އަރިހަށް ވަޑައިގެން އެބޭކަލުންގެ ގެކޮޅުތަކަށް ފައިބައިވަޑައިގެންނެވުން އެދިވަޑައިގެންނެވިއެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ އެންމެ ބޭކަލުންނަށްވެސް ހެޔޮދުޢާފުޅު ކުރެއްވިއެވެ. ކައުސާހިބާ ވިދާޅުވިއެވެ.
"މި ޖަމަލު ދޫކޮށްލައްވާށެވެ. މިއީ اللّــــه ގެ ޙަޟުރަތުން އަމުރު ލިބިގެންވާ ޖަމަލެކެވެ."
ކައުސާހިބާ ވަޑައިގެންނެވީ ޖަމަލުކޮޅުގެ ލަގަން އޭގެ ކަނދުރާމައްޗަށް އެއްލައިލައްވައިގެންނެވެ. އިލާހީ އަމުރުފުޅަށް އިންތިޒާރު ކުރައްވަމުންނެވެ. ޤުޞްވާ ނުވަތަ ޖަދުޢާއު އޭގެ ޗާލުޗާލު ރީތިރީތި ހިނގުމުގައި ހިނގަމުންގޮސް ބަނުއްނައްޖާރުގެ އަވަށަށް ވަދެއްޖެއެވެ. އެކަމަކު މަޑެއް ނުކުރިއެވެ. عـــدى بـــن الـنّـجّـــار ގެތައްވެސް ފަސްދީފިއެވެ. އިތުރު ސާހިބާ ތުއްޕުޅުއިރު ކާފާފުޅާއި މަންމާފުޅުގެ އަރިހުގައި ވަޑައިގެން ހުންނެވި ގެވެސް ފަސްދީފިއެވެ. ޢާންމު މަގުން އެއްފަރާތަކަށް އަރައި ގޯޅިޔެއްގެ ތެރެއަށް ވަދެއްޖެއެވެ. މިހާރު المـسجــد الــنّـــبــوى އެހެރަތާނގައި ބަނޑުޖަހައިފިއެވެ. އިރުކޮޅަކުން ތެދުވެގެންގޮސް އެތާ ކުރިމަތީން ދާދިކައިރީގައިހުރި ދެބުރި ގެއެއްގެ ކުރިމަތީގައި ބަނޑުޖަހައިފިއެވެ. އަނެއްކާ ތެދުވެގެންއައިސް ކުރީންވެސް ބަނޑުޖެހިތާނގައި ބަނޑުޖަހައި ރީތިކޮށް ފައިދަމައިލައިގެން އިށީނދެއްޖެއެވެ.
ދެބުރިގޭގެ ވެރިޔާވެސް ކައުސާހިބާގެ އިސްތިޤްބާލުގައި ދޮރުމަތީގައި ހުންނެވިއެވެ. އެބޭކަލަކީ أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އެވެ. ޤުޞްވާ ނުވަކަ ޖަދުއާއު އެކަލޭގެފާނުގެ ގޭގެ ކުރިމަތީގައި ބަނޑުޖެހިތަން ފެނިވަޑައިގަތުމާއެކު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އުފާފުޅު ބަޔާންކުރުމަށް ޤަލަމާއި ދޫވަނީ ނުކުޅެދިފައެވެ. ދުވެވަޑައިގެންފައި ވަޑައިގެން ކައުސާހިބާއަށް މަރްޙަބާ ވިދާޅުވިއެވެ. އެހައިތަނަށް ދިޔައިރު نـجّـــار ވަންހައިގެ އެހެނިހެން ބޮޑުންވެސް ވަޑައިގެންފިއެވެ. ކޮންމެ ބޭކަލެއްގެވެސް އެދިވަޑައިގަތުމަކީ رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބޭކަލަކަށް މޭޒުބާންކަމުގެ ޝަރަފު ދެއްވުމެވެ.
أبــــو أيّـــوب رضــى اللّـــه عـــنــــه ވިދާޅުވިއެވެ. "މާތް اللّــــه ގެ ރަސޫލާއެވެ! މިހިރީ މިނިކަމެތި އަޅާގެ ގެގަނޑެވެ. ޖިފުޓިއެވެ. އަމުރުފުޅު އޮތިއްޔާ އެއްޗެހިކޮޅު ބާލަންތޯއެވެ؟"
އެއްވެސް ބޭކަލެއްގެ ހިތްޕުޅު ކިލަނބުވާނެގޮތެއް ހައްދަވާކަށެއް އިތުރު ސާހިބާ ޤަޞްދެއް ނުކުރެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. "ޤުރްޢަތު ލައްވާށެވެ!" ޤުރްޢަތުންވެސް ނިކުތީ އެބޭކަލެއްގެ ގެކޮޅުގެ ކުރިމަތީގައި ޤުޞްވާ ނުވަތަ ޖަދުއާއު ބަނޑުޖެހި ނަސީބުވެރިޔާގެ ނަންފުޅެވެ. ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم އަށް މެހްމާންދާރީ އަދާކުރެއްވުމުގެ ޝަރަފު ޤުދްރަތުން ލިޔުއްވައިފައިވަނީ أبــــو أيّـــوب ގެ ނަސީބުފުޅުގައެވެ. އެކަލޭގެފާނު ނުހަނު އުފާފުޅުން ހުންނަވައި ކައުސާހިބާގެ ދަތުރުފުޅުމަތީގެ އެއްޗެހިކޮޅުތައް ޖަމަލުކޮޅުން ބާލުއްވައިގެން ގެންދަވައިފިއެވެ. އެނބުރިދާންއޮތް އެންމެ ރިވެތި ތަން ހޯއްދެވުމުގައި ކާމިޔާބު ލިބިވަޑައިގެންނެވީ أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އަށެވެ. އެކަލޭގެފާނުގެ ގެކޮޅު ރިސާލަތުގެ އިރުގެ އަލިދޯދިތަކުން ރަންކުރުވާން ފަށައިފިއެވެ.
ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ފުރައިތުރުމައްކާއިން ހުބަހިރިޔާމަދީނާއަށް ގެމަށް ވޮޑިގެންނެވުމަށްފަހު އިސްލާމީ ދަޢުވަތާއި ދައުލަތާއި މުޖްތަމަޢު ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގައި އެންމެ އިޚްލާޞްތެރި އަދި އެންމެ ހީވާގިފުޅު އެއްބައިވެރިޔަކީ أبــــو أيّـــوب رضــى اللّـــه عـــنــــه އެވެ. ހަނގުރާމައިގެ މައިދާންކަމުގައިވިޔަސް އެހެން ދާއިރާއެއް ކަމުގައިވިޔަސްވެހެވެ. އެކަމަކު އެހުރިހައި ތަފްސީލުތަކަކަށް ދާކަށެއް މިވަގުތު ފުރުސަތެއް ނެތެވެ. މިތާނގައި އަޅުގަނޑު ފާހަގަކޮށްލާނީ ހަމައެންމެ ހާދިސާއެކެވެ. އާދެ، މައްކާގެ މުޝްރިކުންނާއި ޔަހޫދީންނާއި މުނާފިޤުން މުސްލިމުންނާ ދެކޮޅަށް ކެހިވެރި ސިއްރު ރޭވުންތައް ރާވާންފެށުމުން ޞަޙާބީން ރޭގަނޑު ހަތަރުދަމު ހަތިޔާރު އަޅުއްވައިގެން މަދީނާގެ މައްޗަށް ފާރަވެރިވެވަޑައިގެން ތިއްބަވާން ފެއްޓެވިއެވެ. އެދުވަސްވަރު أبــــو أيّـــوب رضــى اللّـــه عـــنــــه އެއްރެޔަކު ރޭގަނޑެއްގެ ހަތަރުދަމު ހަތިޔާރު އަޅުއްވައިގެން ކައުސާހިބާގެ ފާރަވެރިކަމުގައި ލޮލުފިޔަފުޅެއްވެސް ޖައްސަވައިނުލައްވައި ހޭފުޅުލައްވައި ހުންނެވިއެވެ. ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ވިދިގެންއައި ދުވަހުގެ ހެނދުނު أبــــو أيّـــوب رضــى اللّـــه عـــنــــه އާ މުޚާޠަބުކުރައްވައި ޙަދީޘުކުރެއްވިއެވެ.
"އޭ أبــــو أيّـــوب އެވެ! މާތް اللّـــه އެކަލާނގެ ރައްކައުތެރިކަމާއި އަމާންކަމުގައި ކަލޭގެފާނު ލަހައްޓަވާނެތެވެ! ކަލޭގެފާނު އެކަލާނގެ ނަބިއްޔާ ރައްކައުތެރިކުރައްވައިފީމުއެވެ!"
أبــــو أيّـــوب رضــى اللّـــه عـــنــــه ގެ ޙަޔާތްޕުޅުގައިވެސް އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެނގެނީ އަރަހުށި މާތް اللّـــه އެކަލާނގެ ޙަބީބުގެ ދުޢާފުޅަށް ޤަބޫލުކުރެއްވުމުގެ ޝަރަފު ދެއްވައިފައިވާކަމެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވޭތުވެގެން ގޮސްފައިވަނީ މުޞީބާތްތަކުން އަމާންވެގެންނެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު ނަޞާރާއިންވެސްވަނީ އެކަލޭގެފާނުގެ ޤަބުރުފުޅު ރައްކައުތެރިކޮށް ބަލަހައްޓައިފައެވެ. އެކަލޭގެފާނު ފަސްދާނުލެވިފައިވާ ބިންވަނީ މުސްލިމުންގެ ކީރިތި މޫރިތިކަމުގެ ދަށަށް ގެނެވިފައެވެ. ތުރުކިޔޭއިން އިސްތަންބޫލު ފަތަޙަކުރީއްސުރެ މިއަދާ ހަމަޔަށްވެސް ތުރުކިޔޭ ސަރުކާރުން ގެންދަނީ ނުހަނު ކަމޭހިތުމާއި ފަރުވާތެރިކަމާއެކު އެކަލޭގެފާނުގެ މަޒާރު ރައްކައުތެރިކޮށް ބަލަހައްޓަމުންނެވެ. އަބަދުވެސް އެމަޒާރު ހުންނަނީ އެކަލޭގެފާނަށް އިޙްތިރާމު އަދާކޮށް ހެޔޮދުޢާކުރާ މީހުންތައް ވަދެފުރައިލައިފައެވެ.
أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ޙަޔާތްޕުޅަށްފަހު الخــلـفــاء الـــرّاشــــدون ގެ ދައުރުގައިވެސް ދީނީ ޚިދުމަތުގައި އުޅުއްވިކަން އެނގެއެވެ. ޖިހާދުގެ މައިދާނުގައްޔާއި އިސްލާމީ އެހެނިހެން ދާއިރާތަކުގައެވެ. ނަމަވެސް أبــوبكــر رضــى اللّـــه عـــنــــه އާއި، عــمـــــر رضــى اللّـــه عـــنــــه އާއި عــثـمــان رضـــى اللّـــه عـــنــــه ގެ އަރިހުގައި ކުރެއްވި ޚިދުމަތްތަކުގެ ތަފްސީލު ލިބޭކަށެއް ނުހުރެއެވެ. އެކަމަކު عـلـــى رضــى اللّـــه عـــنــــه ގެ ވެރިކަމުގެ ދައުރުގައި އަނެއްކާވެސް އެކަލޭގެފާނުގެ ޚިދުމަތްތައްވަނީ ރެކޯޑުތަކުގައި ސާބިތުވެފައެވެ. عـلـــى ގެފާނުގެ ދައުރުގައި މަދީނާގެ ގަވަރުނަރުކަން ކުރެއްވިއެވެ. ޖަމަލު ހަނގުރާމައިގައްޔާއި ޞިއްފީނު ހަނގުރާމައިގައިވެސް مـــرتـضـــى ގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވިކަމުގައި إبــــن عـــبــدالــــبـــرّ ލިޔުއްވައިފައިވެއެވެ. مـــرتـضـــى ގެ ޚަލީފާކަމުގައި ޚަވާރިޖުންނާ ދެކޮޅަށް ކުރެވުނު މަޝްހޫރު ނަހުރުވާން ހަނގުރާމައިގައި مـــرتـضـــى ގެ ސިފައިންގެ އިސްލަޝްކަރުގެ ކޮމާންޑަރަކީ أبــــو أيّـــوب رضــى اللّـــه عـــنــــه އެވެ. مـــرتـضـــى ގެ ޚާއްޞަ ދިދަކޮޅު "ރާޔަތުލްއީމާން" އޮތީ أبــــو أيّـــوب رضــى اللّـــه عـــنــــه ގެ އަތްޕުޅުގައެވެ. އެއީ ވަރަށްބޮޑު ފަޚުރަކާއި ޝަރަފެކެވެ. أبــــو أيّـــوب އެކަލޭގެފާނުގެ ބުޠޫލަތްތެރި މަސައްކަތްޕުޅާއި، ހިތްވަރުފުޅާއި ޤުރްބާނީން އެކަލޭގެފާނަކީ އެފަދަ ޝަރަފަކަށް އެކަށީގެންވާ ބޭކަލެއްކަން ސާބިތުކޮށްދެއްވިއެވެ. أســــد اللّـــه عـلـــى مـــرتـضـــى، أبــــو أيّـــوب ގެ ހިތްވަރުފުޅަށް ސާބަސްދެއްވިއެވެ.
أمـيـــرالمــؤمـنــيــن عـلـــى مـــرتـضـــى رضــى اللّـــه عـــنــــه ޝަހީދުވުމުން أبــــو أيّـــوب رضــى اللّـــه عـــنــــه ސިޔާސީ ހުރިހައި ޙަރަކާތްތަކަކުން އެއްކިބާވެވަޑައިގެންފިއެވެ. އޭގެފަހުން އެކަލޭގެފާނު ގިނައިން އުޅުއްވީ ގޭގައެވެ. ނަމަވެސް އަބަދުވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި ޖިހާދުގެ ޝައުޤުވެރިކަން ރާޅުޖަހަމުން ދިޔައެވެ. އެހެންކަމުން ކުރީންވެސް ދެންނެވިފަދައިން އެކަލޭގެފާނު ޤުސްޠަންޠީނިއްޔާގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވީއެވެ.
ޤުސްޠަންޠީނިއްޔާގެ ހަނގުރާމައިގެ ދުވަސްވަރު أبــــو أيّـــوب رضــى اللّـــه عـــنــــه ގެ ޢުމުރުފުޅުވަނީ އައްޑިހަޔަށްވުރެ މައްޗަށް ގޮސްފައެވެ. އެހައި މުސްކުޅިފުޅު ޙާލުކޮޅުގައިވެސް މަދީނާއިން ޝާމްކަރަޔަށް، ޝާމްކަރައިން ރޫމްކަރަޔަށް ދަތުރުކުރެއްވިއެވެ. ހަމައެކަނި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝައުޤުވެރިކަމުގައެވެ. ޢާންމު ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެލަޝްކަރުގެ ކޮމާންޑަރުންނާއި އޮފިސަރުންގެ ތެރޭގައި އެއްވެސް ހައިސިއްޔަތަކުން އެކަލޭގެފާނަށްވުރެ ދަރަޖަމަތިވެރި ފަރާތެއް ހިމެނިވަޑައިގެންފައެއް ނުވެއެވެ. އެކަލޭގެފާނަކީ ބަދުރީ ޞަޙާބީއެކެވެ. ބައިޢަތުއްރިޟްވާނުގެ ބައިވެރިޔެކެވެ. އެގޮތުން އެކަލޭގެފާނަކީ މުޅި އިސްލާމީ ލަޝްކަރުގައިވެސް ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އިތުބާރުހުރި ގިނަ ރިވާޔަތްތަކުގައިވާގޮތުން އެލަޝްކަރުގައި أبــــو أيّـــوب رضــى اللّـــه عـــنــــه ހިމެނިވަޑައިގެންނެވި ޔުނިޓުގެ އަމީރަކަށް ހުންނެވީ أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه ގެ ދަރިކަލުން يـــزيــد بـــن مــعـــاويـــــة އެވެ. يـــزيــد بـــن مــعـــاويـــــة އަކީ ޢާންމުކޮށް މުސްލިމު މުއައްރިޚުން ތާރީފުގެ ނަޒަރުން ބައްލަވާ ބޭފުޅެއްނޫނެވެ. އެހެންކަމާއެކުވެސް މާތް اللّـــه ގެ ދީނަށް ނަޞްރުދެއްވުމުގެގޮތުން أبــــو أيّـــوب رضــى اللّـــه عـــنــــه އާއި ޞަޙާބީންގެ ދަރަޖަމަތިވެރި ބައެއް ބޭކަލުން يـــزيــد ގެ ވެރިކަމުގެ ދަށުގައި އެލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވީއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން އެބޭކަލުން يـــزيــد ގެ ވެރިކަމުގެ ދަށުގައި ޤުސްޠަންޠީނިއްޔާގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވީ ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم އެރަށުގެ ފާތިޙުންނާމެދު ދެއްވައިފައިވާ ހެޔޮޚަބަރަކަށްޓަކައެވެ. ކޮންމެއަކަސް أبــــو أيّـــوب رضــى اللّـــه عـــنــــه އެލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލަޝްކަރަށް ލިބުނު ޝަރަފެކެވެ. ބަރަކާތުގެ ވަސީލަތެކެވެ. އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވުމުން އެލަޝްކަރުގެ ޖޯޝާއި ފޯރިއާއި ހިތްވަރު އެތައްގުނައެއް އިތުރުވިއެވެ.
أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه އެލަޝްކަރު ތައްޔާރުކުރައްވައިފައިވަނީ ވަރަށް ފުރިހަމަޔަށެވެ. ހަތިޔާރާއި ސާމާނުގެގޮތުން ވަރަށް ފާގަތިކޮށެވެ. އެލަޝްކަރު ޤުސްޠަންޠީނިއްޔާއަށް ދަތުރުކުރީ ކަނޑުމަގުންނެވެ. ޖިހާދުގެ ފޯރިއާއި ޖޯޝުގައި ހިތްޕުޅުތަކުގެ ވިންދު ހަލުއިވެފައިވާ އެތަކެއްހާސް މުޖާހިދުން ގޮވައިގެންނެވެ.
މުސްލިމުންގެ އަރުމާދު ނިޔާމަ ދަތުރަކަށްފަހު ބޮސްފަރަސް ކަނޑުއޮޅިޔަށްވަދެ ޤުސްޠަންޠީނިއްޔާގެ އައްސޭރީގެ އެކަށީގެންވާ ތަނެއްގައި ނަގިލި ލައިފިއެވެ. އެއާއެކު މުޖާހިދުންތައް އެއްގަމަށް ބޭލިއެވެ.
ރޫމީންގެ ޝަހެންޝާހު ޤުސްޠަންޠީން (ހަތަރެއް) ވެސް މުސްލިމުންނާ އިސްތިޤްބާލު ކުރެއްވީ ވަރަށް ފުރިހަމަޔަށް ތައްޔާރުވެވަޑައިގެންނެވެ. އިސްލާމީ ލަޝްކަރަށް ވަރުބަލިފިލުވައިލާނެ ފުރުޞަތެއްވެސް ނުދެއްވައި އޭނާ ވަރަށް ވަރުގަދަ ޙަމަލައެއް ދެއްވިއެވެ. މުސްލިމުން ވަރަށް ސާބިތުކަމާއި ހިތްވަރާއި ފޯރިއާއެކު ރޫމީންގެ ޙަމަލަ މަތަކުރިއެވެ. ދެފަރާތުގެ ދެމެދުގައި ވަރަށް ބިރުވެރި ހަނގުރާމައެއް ހިނގަމުންދިޔައެވެ. މުސްލިމް މުޖާހިދުން ޖޯޝާއި ފޯރީގައި ދުޝްމިނުންގެ ސަފުތަކުގެ ތެރެޔަށްވަދެ ޙަމަލަދެމުން ގެންދިޔައެވެ. މުސްލިމުން ޙަމަލަދެމުން ގެންދިޔައީ "ބޮލުގައި ކަފުން ބަނދެގެން" ނެވެ. ފުރާނަ އަތްމައްޗަށް ލައިގެންނެވެ. އެހެންކަމުން ރޫމީންނަށް އެންމެފަހުން މަޖުބޫރުވީ ރަށުތެރެޔަށްވަދެ ރަށުގެ ދޮރޯށިތައް ބަންދުކުރާށެވެ. މުސްލިމުން ޤުސްޠަންޠީނިއްޔާ ޙިޞާރުކޮށްފިއެވެ. އެރަށް ފަތަޙަކުރާން އެކަށޭނަ ފުރުޞަތަކަށް ބަލަބަލައި ތިބޭންފަށައިފިއެވެ. أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه ގެ މާތް ފުރާނަފުޅު މާތް اللّـــه ގެ ރަޙުމަތަށް ދަތުރުކުރެއްވީ މުސްލިމުން ޤުސްޠަންޠީން ޙިޞާރުކޮށްގެން ތިއްބައެވެ.
أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އަވަހާރަވިގޮތަކާމެދު ދެރިވާޔަތެއް އައިސްފައިވެއެވެ. އެއްރިވާޔަތަކީ އެކަލޭގެފާނު ޝަހީދުވީކަމުގައި އައިސްފައިވާ ރިވާޔަތެވެ. ނަމަވެސް މިފަހަކަށްއައިސް އިސްލާމީ ތާރީޚާއި ޞަޙާބީންގެ ޙަޔާތްޕުޅާ ބެހޭގޮތުން ފުރިހަމަ ދިރާސާތަކެއް ކުރައްވައިގެން ލިޔުއްވި ދެބޭކަލެއްކަމުގައިވާ مــــــولانــا شــاه مـعــين الــدّيــــن أحمــد نـــدوى އާއި مــــــولانــا طــالــب الــهــاشـمــى ލިޔުއްވާގޮތުގައި އެކަލޭގެފާނު ޝަހީދުވީކީ ނޫނެވެ. އަވަހާރަވީއެވެ. شــاه مـعــين الــدّيــــن ލިޔުއްވައިފައިވެއެވެ.
(ނުނިމޭ)