އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާ ގުޅިގެން ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް، އެމްއެންޕީ، ޖޭޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ސޮޔާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކަނޑުގެ ބައި އަނބުރާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑުމެން އެއްވެސް ދުލެއް ނުދޭނަން. އަޅުގަނޑުމެންގެ ފުރާނަ ދާންދެން އަޅުގަނޑުމެން މިމަސައްކަތް ކުރާނަން. މިއަކީ ކުޅޭކުޅޭ ކަމެއް ނޫން. އަޅުގަނޑުމެންނާ ދޭތެރޭ ކޮންމެ ފިޔަވަޅެއް އެޅިޔަސް އަޅުގަނޑުމެން ބިރެއް ނުގަނޭ،" ސަލީމު ވިދާޅުވި އެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގައި 68 މެންބަރުންގެ ތެރެއިން، ރައީސް ސޯލިހާ އެކު 59 މެންބަރުން އެބަ ތިއްބެވިއެވެ. އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް އިދިކޮޅަށް އަދި ހަމަވާނީ، 28 ވޯޓެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ ދިހަ މެންބަރުންގެ ސޮޔާއެކުގައެވެ.