Close
ޚަބަރު

އަވިކަތަ: ސްޓެލްކޯއަށް ފުރާޅު, ޖީބަށް ފައިސާ!

އަވިން ހަކަތަ އުފައްދާ ސޯލާ ހަރުކުރުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތެކެވެ. ކަރަންޓު ހަރަދު ކުޑަކޮށްދޭ، ޖީބަށްވެސް ލުއިގޮތެކެވެ. މިކަން ނުކުރަނީ ކީއްވެ ހެއްޔެވެ؟ އުނދަގުލީ ކީއްވެހެއްޔެވެ؟ ސަބަބުތައް އެބަހުއްޓެވެ. ފަހުން ޖީބަށް ލުއިވިޔަސް، ފުރަތަމަ ކުރަން ޖެހޭ ހޭދަ އެންމެ ހެޔޮވަރެއް ނޫނެވެ. ޓެކްނިކަލް ކަންކަމެއް ނޭނގެއެވެ. ކަމުގެ ހޭލުންތެރިކަން އަދިވެސް އެންމެ ރަނގަޅެއް ނޫނެވެ. އެހެންވީމާ ގިނަ ބަޔަކަށް އަދިވެސް އޮތީ މިކަން ނުވެފަ އެވެ.

ސޯލާގެ ވިސްނުން ގެންގުޅޭ މީހުން އެ ވިސްނުމުގެ ތެރެއަށް ވަނުމަށް ސްޓެލްކޯއިން މި ވަނީ ތަފާތު މޮޑެލެއް ތައާރަފުކޮށްފައެވެ. އެ ކުންފުނީގެ "އަވިކަތަ" އަކީ ރާއްޖޭގައި ވެސް މި ފަދަ ފުރަތަމަ ފުރުސަތެވެ.

ސްޓެލްކޯއިން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ތައާރަފުކުރި މި ސްކީމުގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށް ދޫކުރެވޭނެއެވެ. މި ފުރުސަތު މިހާރު ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށެއް (ކ, އއ., އދ., އަދި ވ. އަތޮޅު)ގެ ހުރިހާ ގެއަކަށް ހުޅުވާލާފައިވާއިރު, އާންމު ގޭބިސީތަކާއި ވިޔަފާރި އަދި ސަރުކާރު ތަންތަނަށްވެސް މި ސްކީމުގައި ބައިވެރިވެވޭނެއެވެ.

މަށަށް އޮތީ ކޮން ފައިދާއެއް؟

ފައިދާ އޮތީ ތިމާއަށާއި ތިމާވެއްޓަށެވެ. ތެލަށް ބަރޯސާވުން ކުޑަވެ, ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި ބޭނުންކުރުން އިތުރުކުރަން ފެށި މި ސްކީމުގެ ދަށުން ހިދުމަތަށް އެދޭ މީހުން ސޯލާ ޕެނަލް އަދި އިންސްޓަލޭޝަން އެކްސެސަރީސް ގަންނަން ނުވަތަ ހަރުކުރަން ހަރަދު ކުރާކަށް ނުޖެހޭނެއެވެ. ހަރުކުރާ ޕެނަލްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ނަމަ ނުވަތަ މަރާމާތު ކުރަން ޖެހިއްޖެ ހިނދެއްގައި އެ ހިދުމަތްވެސް ސްޓެލްކޯއިން ދޭނެއެވެ.

ކޮންމެ މަހަކު ފުރާޅު ކުއްޔަށް ދީގެން ލިބޭ ފައިސާ އެއްބަސްވެވޭ ބޭންކް އެކައުންޓަކަށް ސްޓެލްކޯއިން ޖަމާކޮށްދޭނެއެވެ. ބޭނުންވެއްޖެ ނަމަ ހިދުމަތަށް އެދުނު ފަރާތުން ބޭނުންވާ މީޓަރެއްގެ ކަރަންޓު ބިލުން "ފުރާޅުކުލި" އުނިވާނެހެންވެސް ހަމަޖެއްސޭނެއެވެ.

ފުރާޅު ކުލީގެ ގޮތުގައި ކޮންމެ މަހަކު ލިބޭނީ ކިހާވަރެއް؟

މި ސްކީމުގެ ދަށުން ހަރުކުރާ ކޮންމެ 1 ކިލޯވޮޓްގެ ސޯލާއަށް މަހަކު 180.60 ރުފިޔާ ލިބޭނެއެވެ. މިއީ ޖީއެސްޓީ ނުލައެވެ. މި ރޭޓު ބަދަލުވެސް ވެދާނެއެވެ. އެ އިހުތިޔާރު އޮންނާނީ ސްޓެލްކޯއަށެވެ. ކުއްޔަށް ދޭ ފުރާޅުތަކުގައި ހަރުކުރާނީ ހަތް ފޫޓު ދިގު ތިން ފޫޓު ފުޅާ ސޯލާ ޕެނަލްއެވެ. އޭގެ ކޮންމެ ޕެނަލްއަކީ 465 ވޮޓެވެ. ހިސާބު ޖަހާނަމަ ދެ ޕެނަލްއާ އެތިކޮޅަކުން 1 ކިލޯވޮޓް ލިބޭނެއެވެ.

ސްޓެލްކޯއިން ބުނާ ގޮތުން, ހަރުކުރާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ފީޑް ކުރާނީ އެރަށެއްގެ ސްޓެލްކޯ ގްރިޑަށެވެ. އަވިކަތަ ސްކީމުގެ ދަށުން ސޯލާ ހަރުކުރުމުގެ ފުރުސަތު ދެވޭނީ އެ ރަށެއްގެ ޖުމުލަ ސޯލާ އިންސްޓޮލޭޝަން ކެޕޭސިޓީ (ލިމިޓް) ހަމަވަންދެނެވެ.

ޝަރުތު ފަހެއް!

މި ސްކީމުގައި ބައިވެރިވުމަށް ބޭނުންވާނީ ފުރާޅެކެވެ. އެ ފުރާޅަކީ ފަސޭހައިން އަވި ލިބޭ ފުރާޅަކަށް ވާން ޖެހެއެވެ. މަދުވެގެން 100 އަކަފޫޓުގެ ހުސްޖާގަ އޮންނަ މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭނެ ވަރު ހުންނަ ފުރާޅަކަށް ވާންޖެހެއެވެ. އެހެންނޫނީ ބޭނުމެއް ނެތެވެ. ގޭގެ ވެރިފަރާތުގެ ހުއްދަ ލިޔުމުން އޮންނަން ޖެހޭނެއެވެ. އިންވާޓާ, މީޓަރު, ފްރޭމް ހަރުކުރެވޭނެ ޖާގަ ހުންނަންޖެހޭނެއެވެ.

ހިދުމަތަށް އެދޭނީ ކިހިނެތް؟

މި ސްކީމުގައި ބައިވެރިވުމަށް އަވިކަތަ އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ސްޓެލްކޯއަށް ހުށަހަޅާށެވެ. އޮންލައިންކޮށްވެސް ފޯމް ހުށަހެޅޭނެއެވެ.

ފޯމް ފޮނުވުމުން އެ ފޯމް ޗެކްކުރުމަށްފަހު ފުރާޅުގައި ޕެނަލް ހަރުކުރެވޭނެކަން ކަށަވަރުކުރުމަށް ސައިޓް ސާވޭއެއް ކުރާނެއެވެ. ޝަރުތު ހަމަވާ ކަމަށް ސްޓެލްކޯއިން ނިންމައިފިނަމަ, އެޕްލިކޭޭޝަން ހުށަހެޅި ފަރާތާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެއަށްފަހު ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށާނެއެވެ.

މިއީ މުސްތަގުބަލަށް ބަލާއިރު މުހިންމު މަޝްރޫއެކެވެ. ޑީސަލް ޖެނެރޭޓަރުތަކުން ތިމާވެއްޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވޭނެ މަޝްރޫއެކެވެ. ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުސަތެކެވެ. ސޯލާއިން ކަރަންޓު އުފައްދައި އެކަމުގެ ތެރެއަށް ވަނުމުގެ ހޭލުންތެރިކަން މުޅި ރާއްޖެއަށް ލިބިގެން ދިއުމަށް ވެސް މި މަޝްރޫއުން އެހީތެރިވެދޭނެ އެވެ. ޝަރުތު ހަމަވާ ކޮންމެ ފުރާޅެއްވެސް "އަވިކަތަ" އަށް ކުއްޔަށް ދޭންވީ އެވެ. ފަސޭހަކަމާއެކު އާމްދަނީ ހޯދަންވީ އެވެ.