ރާއްޖެއާ ދުރުން އިރުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި ނަމަވެސް އެ ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ، "މޮކާ"ގެ ނަމުން ނަން ދީފައިވާ އެ ތޫފާން މަޑުމަޑުން ހުޅަނގު އުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓުން ބުނި ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންވެ، އެ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކާއި އެހެން ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.