ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ގއ. ކޮނޑޭ، ފޮޅޭމާގެ، ތަހުމީން އަހުމަދުގެ ކުރީގެ ވަކީލެއްގެ އިހުމާލުން އޭނާއަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުމުން، އިތުރު ފުރުސަތެއް ޝަރީއަތުން މިއަދު އޭނާއަށް ދީފިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، 2021 ވަނަ އަހަރު ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގާއި ފަހުމީ އަލީގެ ޝަރީއަތްތަކެވެ.

އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކުރިމިނަލް ކޯޓުން ކުރިން އެކުލަވައިލިޔަސް، އެކިފަހަރު މަތިން ބެންޗު ބަދަލުވުމަށްފަހު މިހާރު ވަނީ ބެންޗު އުވާލައިފައެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބް އެކަންޏެވެ. ގާޒީ ވަނީ އެ މައްސަލަ އަލުން ނުފަށައި ކުރިން ގެންގޮސްފައިވާ ހިސާބުން ކުރިއަށްގެންދަން ނިންމައިފައެވެ.

ބޮމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބާއްވާފައެވެ.

އެ މައްސަލައިގައި އިބްތިދާއީ މަރުހަލާގައި ދިފާއީ ހެކި ހުށަހަޅަން ދިން މުއްދަތު ތެރޭގައި ތަހުމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައެއް ނުވެ އެވެ. އޭނާގެ ވަކީލުން މިއަދު ކޯޓުގައި ބުނި ގޮތުގައި ހެކި ހުށަނޭޅުނީ އޭނާގެ ކުރީގެ ވަކީލެއްގެ އިހުމާލުންނެވެ. އެގޮތުން ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނީ ހެކި ހުށަހެޅޭނެ އެންމެ ފަހު ތާރީހު ކުރީގެ ވަކީލަށް އޮޅިގެން ކަމަށް ތަހުމީންގެ ވަކީލުން ވިދާޅުވިއެވެ.

ތަހުމީންގެ ކުރީގެ ވަކީލު ވަނީ އިހުމާލަށް އިއުތިރާފުވެ، އެކަމުގެ ސަބަބުން ތަހުމީނުގެ ހައްގެއް ގެއްލޭތީ ހެކިތައް ބަލައިގަތުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދި ކޯޓަށް ސިޓީއެއްވެސް ފޮނުވައިފައެވެ.

އަލުން ހެކި ހުށަހެޅުމުގެ ފުރުސަތު ތަހުމީނަށް ދިނުމާމެދު ދައުލަތުން ދެކޭ ގޮތް ސާފުކުރުމަށް ގާޒީ ދެއްވި ފުރުސަތުގައި ދައުލަތުންވެސް އެ ކަމަށް އިއުތިރާޒެއް ނުކުރެއެވެ. ނަމަވެސް، އޭނާގެ ފަރާތުން ހުށަހަޅާ ހެކިތަކާ ގުޅިގެން ދައުލަތަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދެއްވުމަށް އެދުނެވެ. އެހެންވެ ގާޒީ ނިންމެވީ ހެކި ހުށަހެޅުމުގެ ފުރުސަތު ދޭށެވެ. އެގޮތުން އާ ހެކި ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިއަދުގެ ޝަރީއަތަށް ތަހުމީންގެ ފަރާތުން ހަ ހެކިން ހުށަހެޅިއެވެ. އެއީ 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނިމެންދެން އޭނާހުރީ މިސްކިތެއްގައިކަމާއި އޭނާ އަކީ ސައިކަލެއް ގަތުމުގެ ގާބިލުކަން ނެތް މީހެއްކަން ސާބިތުކުރުމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ، ތަހުމީން ހުށަހެޅި ހެކިތަކާ ބެހޭ ގޮތުން ދައުލަތުން ވާހަކަ ދެއްކުމާއި އެ ހެކިތަކާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅަން ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހަށެވެ.