އައިފޯނެއް ގަތުމަށް ޓަކައި، ސައްހަ ނޫން ޑޮލަރުތަކެއް ދިން މީހެއްގެ މައްޗަށް، 38،000 ރުފިޔާގެ ޖޫރިމަނާއަކާއެކު 480 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ބުނެފައި ވަނީ 14 ނޮވެމްބަރު 2022 ވަނަ ދުވަހު ފޭސްބުކް އަދި އައިބޭ މެދުވެރުކޮށް، ފޯނުވިއްކާ ފަރާތެއް ކަމަށްވާ ކ. މާލެ / ހުލޫމާލެ ފްލެޓް 4 ޖީ 125 އަފްސަލް ނަސީރުގެ އަތުން އައިފޯނެއް ގަތުމަށް ސ. ހުޅުދޫ ސީވޭވް އަބުދުﷲ ނަޝީލަށް ސައްހަ ނޫން 1500 އެމެރިކާ ޑޮލަރުގެ 15 ނޫޓް ދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ނަޝީލްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި އޭނާ ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާ ތަންފީޒު ކުރަން ޖެހޭނީ، ނުވަ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހަ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ އަދަބު 38،400 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް މި ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގާ ކަމަށެވެ.
މީގެ އިތުރުން ދެން އެ އަދަބުގައި ބާކީއޮތް ތިންމަސް ދުވަހަށް ޖަލަށް ލުމުގެ އަދަބު، 480 ގަޑިއިރަށް މުޖުތަމަށް ހިދުމަތް ކުރުމުގެ އަދަބުގެ ގޮތުގައި ކަނޑައަޅައި ހުކުމް ކުރީކަމަށްވެސް އެ ހުކުމުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު