ޚަބަރު

ޝަރީއަތް ނިމެންދެން ފައިހު ބަންދުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހު، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފައިހްގެ މައްޗަށް ތިން ދައުވާއެއް އުފުލައި އިއްޔެ ވަނީ ޝަރީއަތް ފަށައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ގައިގައި އަތްލުމުގެ ދައުވާއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނިކޮށް މާޗު 21 ވަނަ ދުވަހު ފައިހް އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ފައިހުގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. އޭގެ ފަހުން 15 ދުވަސް ޖެހިއެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ތާވަލުކުރި ނަމަވެސް ފައިހުގެ ވަކީލުގެ އެދުމުގެ މަތިން ގާޒީ ވަނީ އެ އަޑުއެހުން ފަސްކޮށްދެއްވައިފައެވެ. އަދި ފައިހްގެ ބަންދާމެދު ގޮތެއް ނިންމުމުގެ ބައިގައި ދައުލަތުގެ އެދުމުގެ މަތިން މައްސަލަ ބެއްލެވި ގާޒީ ވަނީ ފައިހް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފައިހު ހައްޔަރުކުރިޔަ ނުދިނުމަށް އޭނާ ފޮރުވައި ހިމާޔަތްދިން ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުވެސް ކޮށްފައެވެ. އޭގެ ތެރެއިން ދެ މީހަކު މިހާރު ދޫކޮށްލާފައިވާއިރު އަނެއް ތިން މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.