ވިޔަފާރި

މިއަހަރު މަސްވެރިންނަށް 503 މިލިއަން ރުފިޔާ ދޫކޮށްފި

މުހައްމަދު އިޝާން

މިފްކޯއިން މިއަހަރު ތެރޭގައި މަސްވެރިންނަށް 505.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ ކުންފުނިން ވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 30،425 މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 505.3 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އެ އަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މިފްކޯއިން މަސްވެރިންނަށް ދޫކުރި 405.1 މިލިއަން ރުފިޔާއަށްވުރެ 101.2 މިލިއަން ރުފިޔާގެ އިތުރު އަދަދެއް ނުވަތަ 21 ޕަސަންޓުގެ އިތުރުވުމެއް ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއަށް މިދިޔަ އަހަރުގެ އެ މުއްދަތުގައި ކިރުވީ 25،178 މެޓްރިކް ޓަނުގެ މަސްކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަހަރު އެންމެ ގިނައިން މަސް ގަނެފައިވަނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިންނެވެ. އެތަނުން ވަނީ 22،923 މެޓްރިކް ޓަނުގެ މަސް ގަނެ މަސްވެރިންނަށް 384 މިލިއަން ދޫކޮށްފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް 58.1 މިލިއަން ރުފިޔާ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން 62 މިލިއަން ރުފިޔާ ދޫކުރިއެވެ.

މިފްކޯއިން ވަނީ މިދިޔަ އަހަރު މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.