ހަތް ވަނަ އޭބީޔޫ މީޑިއާ ސަމިޓް ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ފަށައިފިއެވެ.

މި ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. މިއީ މި ސަމިޓު ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން، އޭބީޔޫ އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިންތިޒާމްކުރާއިރު، މި ސަމިޓް ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

މި އަހަރުގެ ސަމިޓް ކުރިއަށްގެންދަނީ، މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމުގެ މައްޗަށެވެ.

މި އަހަރުގެ ސަމިޓްގައި 40 އަށްވުރެ ގިނަ ގައުމުން 152 މަންދޫބުން ބައިވެރިވެއެވެ.

މި ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް، އަހްމަދު ނަދީމް ވިދާޅުވީ، މޫސުމަށް ދިމާވާ މައްސަލަތަކާއި އެކި ކާރިސާތަކުގެ މައުލޫމާތު އާންމުންނަށް ފޯރުނޮށް ނުދެވޭ ނަމަ މީޑިއާ ބްރޯޑްކާސްޓަރުންނަށް އެފަރާތްތަކުގެ ދައުރު އަދާނުކުރުވޭކަމަށެވެ. އަދި މޫސުމީ މައްސަލަތަކުން އަރައިގަނެވޭނީ ހުރިހާ ގައުމެއް ގުޅިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަމިޓްް ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ޖައްވު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތައް މަރުވަމުން އަންނަ ކަމަށެވެ. އަދި ވިއްސާރަވެއްޖެނަމަ ރާއްޖޭގެ ރަށްތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މި ފަރުތަކުން އަޅުގަނޑުމެންނަށް ކާނާ މި ލިބެނީ. ހަމަ އެހެންމެ މި ފަރުތަކުން އަޅުގަނޑުމެންނަށް އާމްދަނީވެސް ލިބޭ. ނަމަވެސް މި ފަރުތައް މަރުވުމުން ރާއްޖެވެސް ނޯންނާނެ" ޝައުނާ ވިދާޅުވިއެވެ.

އޭބީޔޫ ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުންގެ ދައުރާއި މޫސުމީ ފިޔަވަޅުތަކަށް އެހީތެރިވުމަށް ޑިޖިޓަލް މީޑިއާގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ފަދަ މައުލޫތަކަށް ވާހަކަދައްކާ، މަޝްވަރާކުރާނެއެވެ.