މިވަގުތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ހާލަތު އޮތީ ގޯސްކޮށް ނަމަވެސް، ސީޒަނުގައި އެންމެ ބޮޑު ޓާގެޓަކީ އާ، ޒުވާން ކުޅުންތެރިންތަކެއްގެ ތަފާތު ދެއްކުން ކަމަށް ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު ކަމާއި ކުލަބު އީގަލްސްގެ ޒުވާން ޓީމުގައިވެސް ފާހަގަކޮށްލެވޭ ކޯޗިންގެ މަސައްކަތްތަކެއް ކުރި ޝާކިއްޓެ، މިފަހަރުގެ ސީޒަނަށް ޔޫވީއާއެކު ނުކުންނަ އިރު، އެ ކްލަބުގެ ހާލަތު މިވަގުތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ސީޒަނަށް ތައްޔާރުވާން އެންމެ ލަހުން ފެށި އެއް ކްލަބަކަށް ޔޫވީ ވެފައި އޮތް އިރު، ތައްޔާރު ނުވެވި އޮތުމުން، އެޓީމުން ޕްރެސިޑެންޓްސް ކަޕްގައިވެސް ކުޅެފައެއް ނުވެއެވެ.

"ޔޫވީ މިފަހަރު ސީޒަނަށް ތައްޔާރުވާން މާގިނަ ޕްރެކްޓިސްތަކެއްވެސް ނުކުރެވުނު. ގާތްގަނޑަކަށް 15 ވަރަކަށް ދުވަހު ޕްރެކްޓިސް ކޮށްފަ މެޗަކަށް ކުރިމަތިލާން މިޖެހެނީ. އެ މެޗަށް ނުކުންނަން މި ޖެހެނީވެސް ލީގުގަ މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމާ. ލިބުނު މުއްދަތާ ބަލާފަ އެ މުއްދަތުގެ ތެރޭގަ ރަނގަޅަށް ތައްޔާރުވެވުނު،" މިއަދު ހަވީރު ޔޫވީން އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެން އޮތް މެޗާ ގުޅިގެން ޝާކިއްޓެ، އިއްޔެގެ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ޝާކިއްޓެ ބުނީ ސީޒަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޮޑުގައި ތަޖުރިބާ މަދުވުން ކަމަށާއި، ބިދޭސީ ކުޅުންތެރިއެއް ނެތި، މިފަހަރު ޔޫވީ ނުކުންނާނީ ހޮވާލެވުނު ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމަކާއެކުގައި ކަމަށެވެ.

"ޔޫވީގައި ތިބި ކުޅުންތެރިންގެ ތެރެއިން، އެންމެފަހުން ސީޒަނުގައި ކުޅުނު މިތިބީ ފަސްވަރަކަށް ކުޅުންތެރިން. ދެން ހަމަ މުޅިންވެސް އާ ކުޅުންތެރިން މިތިބީ. 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ރަށްރަށުންވެސް ވަރަށް ޒުވާން ކުޅުންތެރިންނާއެކު ޓީމެއް މި އެކުލަވާލީ. ތަޖުރިބާގެ މައްސަލަ ޓީމަށް ދިމާވާނެ. އެއީ ވަރަށް އާ ކުޅުންތެރިންތަކެއް ތިބީމަ. ފުރަތަމަ ހަމަ ތަޖުރިބާގެ މައްސަލަ ދިމާވާނެ. އަލަށް ޕްރިމިއާ ލީގަށް ނުކުންނަ ކުޅުންތެރިންނާވެސް އެކު 11 މި ހަމަވަނީ،" ކުރިން އީގަލްސްގެ ޒުވާން ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ގިނަ ފަހަރެއްގެ މަތިން ކާމިޔާބުކުރި މޮޅު ޔޫތު ކޯޗު ޝާކިއްޓެ ބުންޏެވެ.

ޝާކިއްޓެ ބުނީ ތަމްރީނުތަކަށް ފުރުސަތު ނުލިބުނީމަ ފުރަތަމަ ފަށާއިރު އުނދަގޫތަކެއް ދިމާވާނެ ނަމަވެސް، ވަގުތު ލިބި ލީގުގައި މެޗުތައް ކުޅެން ފެށީމަ އެކުޅުންތެރިންވެސް ނުރައްކާ ކުރާނެކަމަށެވެ. އޭނާ ބުނީ ޒުވާން ކުޅުންތެރިން ނަމަވެސް ޔޫވީގައި ތިބީ ހުނަރުވެރި ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނަށް ބޭނުންވަނީ ތަޖުރިބާ ކަމަށެވެ.

ޝާކިއްޓެ ބުނީ ކްލަބު މެނޭޖުމަންޓުން މާ ބޮޑު ކަމަކަށް ޑިމާންޑް ނުކުރާ ނަމަވެސް، ކޯޗެއްގެ ހައިސިއްޔަތުން ޒުވާން ސްކޮޑާއެކު ތަފާތެއް ދައްކަން ބޭނުންވާ ކަމަށެވެ.

"ހަގީގަތުގަ ކްލަބު މެނޭޖުމަންޓްގެ އެކްސްޕެކްޓޭޝަން އެހާ މައްޗަކަށް ނެތް. އެހެންވީމަ އެހާ ބޮޑު ޕްރެޝަރެއް އޮތެކޭ ނުބުނެވޭނެ. އެހެން ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން މުބާރާތުގަ ރަނގަޅު ކާމިޔާބީއެއް ހޯދަން ބޭނުން. ހާއްސަކޮށް ޅަ ކުޅުންތެރިންތަކެއް ގޮވައިގެން ނުކުމެ އެޓީމުން ކޮންމެވެސް ވަރެއްގެ ތަފާތެއް ދެއްކުން އެންމެ ބޮޑު އުއްމީދަކީ. ބެލުންތެރިންނަށްވެސް ތަފާތެއް ފެންނަކަން، ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ފެންނަކަން، މި ޓީމްގެ ރަނގަޅު ފިއުޗާއެއް އެބައޮތްކަން، އެންމެންނަށް ފެންނަން ބޭނުންވަނީ." އޭނާ ބުންޏެވެ.

2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯދި އިރު، އެޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ޝާކިއްޓެ ވަނީ މާޒިޔާގެ ވަރުގަދަ ކަމަށްވެސް އިއްޔެ ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ މާޒިޔާއަކީ އެންމެ ރަނގަޅަށް ތައްޔާރުވި ޓީމު ކަމަށާއި، ރާއްޖެއިން ބޭރުގައި ކޭމްޕް ޖަހައިގެން ސީޒަނަށް ތައްޔާރުވެ، މާޒިޔާ މިހާރު އޮތީ އެއް މުބާރާތް (ޕްރެސިޑެންޓްސް ކަޕް) ނަގާފައި ކަމަށެވެ. އަދި އެޓީމުގައި ގައުމީ ޓީމުގެ 14 ވަރަކަށް ކުޅުންތެރިން ތިބުމަކީ ފައިދާއަކަށް ވާނެ ކަމަށްވެސް ޝާކިއްޓެ ބުންޏެވެ.