ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނީ ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
ރާއްޖޭގެ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ މި އިންޓަނޭޝަނަލް އެގްޒިބިޝަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެއެވެ.
އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 75 އަށްވުރެ ގިނަ ރިސޯޓުން 600 އަށްވުރެ ގިނަ ޝެފުންގެ ބައިވެރިވުމާ އެކު ބާއްވާ މުބާރާތެކެވެ. ޗެފް ގިލްޑް އޮފް ލަންކާ އާއި ޗެފް ގިލްޑް އޮފް މޯލްޑިވްސްއިން ގުޅިގެން ބާއްވާ މިހަރަކާތަކީ ރާއްޖޭގެ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެވެ.