ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް އެޕްލިކޭޝަނަށް އިއްޔެ އިތުރުކުރި ޓޫފެކްޓާ އޮތެންޓިކޭޝަން (2އެފްއޭ) ހިދުމަތާ އެކު ކަސްޓަމަރުންނަށް ބީއެމްއެލްގެ އެޕަށް ލޮގިން ނުވެވުމުގެ މައްސަލަ ކުރިމަތިވެއްޖެއެވެ.
ބީއެމްއެލް މޯބައިލް އެޕްލިކޭޝަން އަށް ޓޫފެކްޓާ އޮތެންޓިކޭޝަން ތައާރަފުކުރީ އިއްޔެއެވެ. ބީއެމްއެލުން އިއްޔެ ބުނީ މި ސެކިއުރިޓީ ފީޗާއާ އެކު ބީއެމްއެލް މޯބައިލް ބޭންކިން އެޕްލިކޭޝަން އަޕްޑޭޓްކޮށް އަލުން މޮބައިލް ބޭންކިން އެޕްލިކޭޝަންއަށް ލޮގިން ވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ކަސްޓަމަރުންނަށް މޯބައިލް ބޭންކިން އެޕްލިކޭޝަން ނުހުޅުވެއެވެ. އަދި އިންޓަނެޓް ބޭންކިންގެ ޔޫޒާނޭމް އަދި ޕާސްވޯޑް ހަނދާން ނެތް ކަސްޓަމަރުންނަށް ޕާސްވޯޑް ރިސެޓު ނުކުރެވޭ މައްސަލަވެސް އަންނަނީ ދިމާވަމުންނެވެ.
ބީއެމްއެލް އިން މިއަދު ބުނީ ކަސްޓަމަރުންނަށް މިވަގުތު އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ޕާސްވޯޑް ރީސެޓް ނުކުރެވޭ ކަން ބޭންކަށްވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބޭންކުން ބުންޏެވެ.
ޓޫފެކްޓާ އޮތެންޓިކޭޝަން މިވަގުތު ލިބޭނީ މޯބައިލް ބޭންކިން އަށް އެކަންޏެވެ. ނަމަވެސް އަންނަ ހަފުތާ ތެރޭގައި އިންޓަނެޓް ބޭންކިންއަށްވެސް މި ހިދުމަތް ލިބިގެންދާނެ ކަމަށާއި ޓޫފެކްޓާ އޮތެންޓިކޭޝަން ތައާރަފުކުރީ ކަސްޓަމަރުންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބޭންކުން ބުންޏެވެ.
ސްކޭމްތަކުން ބީއެމްއެލް ކަސްޓަމަރުންގެ ރައްކާތެރިކަން ޔަގީންކުރުމަށް މިދިޔަ މާޗު މަހު ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެއްސުމާއި އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓްސް ދާގޮތަށް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ.
އަދި އޮތެންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަން ބީއެމްއެލުން ވަނީ ފަށައިފައެވެ.