އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ނިއުކާސަލް ބަލިކޮށް، އާސެނަލުން ތަށްޓަށް ކުރަމުންދާ އުންމީދު ދަމަހައްޓައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. 2003-04 ވަނަ އަހަރުގެ ސީޒަނަށްފަހު ޕްރިމިއާ ލީގު ތަށްޓަށް އާސެނަލުން ކުރަމުންދާ އުންމީދަށް މިރޭގެ މެޗު މުހިއްމުވެފައި އޮތް އިރު، މެޗުން މޮޅުވެ އާސެނަލުން ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ގާތަށް ޖެހިލައިފައެވެ.
ސީޒަނުގެ ބޮޑުބައެއްގައި އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، އެންމެފަހުން ކުޅުނު ފަސް ވަރަކަށް މެޗުން އެ ހާލަތު ވަނީ ބަދަލުވެފައެވެ. ސިޓީން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓާއެކުގައެވެ. އާސެނަލް ދެވަނައިގައި އޮތީ 35 މެޗުން 81 ޕޮއިންޓާއެކުގައެވެ. ނިއުކާސަލްއިން ޗެމްޕިއަންސް ލީގަށް އުންމީދުކުރަމުންދާ އިރު، މެޗުން ބަލިވި ނަމަވެސް އެޓީމު އަދިވެސް އޮތީ ތިންވަނައިގައެވެ.
ނިއުކާސަލް ތިންވަނައިގައި މިވަގުތު އޮތީ 34 މެޗުން 65 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އެޓީމުން ނިއުކާސަލްއަށްވުރެ މައްޗަށް ޖެހިލާނެއެވެ.
ނިއުކާސަލް ދަނޑުގައި މިރޭ ކުޅުނު މެޗު ނިއުކާސަލްއިން ރަނގަޅަށް ފަށައި އާސެނަލަށް ޕްރެޝަރު ކޮށްލިއެވެ. ޖެކޮބް މާފީ މެޗުގެ ކުރީކޮޅުގައި އުފެއްދި ހަމަލާގައި ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހުނު އިރު، ހަތްވަނަ މިނެޓުގައި ރެފްރީ އެޓީމަށް ޕެނަލްޓީއެއްވެސް ދިނެވެ. އެހެން ނަމަވެސް ފަހުން ވީއޭއާރް ބަލައި އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމުމުން ލީޑު ނަގަން ލިބުނު ފުރުސަތު ނިއުކާސަލްއަށް ގެއްލުނީއެވެ.
އާސެނަލުން މެޗުގެ އޮއިވަރާ ދެކޮޅަށް ލީޑު ނެގީ 14 ވަނަ މިނެޓުގައެވެ. ގޯލަކީ އޭރިއާ ބޭރުން މާޓިން އޮޑިގާޑް ފޮނުވާލި ބާރު ހަމަލާއަކުން ޖެހި ގޯލެކެވެ. ދުރުން ތިރީ ކަނަށް އަމާޒުކޮށް އޮޑެގާޑް ފޮނުވާލި ހަމަލާ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ.
އޭގެ ފަހުން އާސެނަލުން މެޗަށްވަދެ ރަނގަޅު ފުރުސަތުތަކެއް ހޯދި އިރު، ގެބްރިއަލް މާޓިނެލީގެ ހަމަލާއަކާއި އޮޑެގާޑްގެ އިތުރު ހަމަލާއެއް ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް މަތަކުރިއެވެ. އަދި ބުކަޔޯ ސަކާގެ ހަމަލާވެސް މަތަކުރީ ނިކް ޕޯޕެވެ.
އަނެއްކޮޅުން ނިއުކާސަލްއަށް އެއްވަރުކުރަން ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުގައި ޖޯސެފް ވިލޮކް ޖެހި ބޯޅަ މަތަކުރީ އާސެނަލްގެ ގޯލްކީޕަރު އެރޮން ރަމްސްޑޭލްއެވެ.
ދެވަނަ ހާފަށް ނުކުމެވެސް ވަރުގަދަކޮށް ފެށީ ނިއުކާސަލްއިންނެވެ. މާފީގެ ހަމަލާއެއް ދަނޑީގައި ޖެހި ބޭރުވި އިރު، ފަބިއަން ޝާ ބޮލުން ޖެހި ބޯޅަ މަތަކުރީ ރަމްސްޑޭލްއެވެ. އަނެއްކޮޅުން 51 ވަނަ މިނެޓުގައި އަނެއްކާވެސް އާސެނަލްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވިއެވެ. އެފަހަރު ހަމަލާ އުފެއްދީ މާޓިނެލީއެވެ.
މެޗުގެ 71 ވަނަ މިނެޓުގައި އާސެނަލުން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، އެ ގޯލަކީ މާޓިނެލީ ނެގި ބޯޅައެއް ޝާގެ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލާއެކު މެޗުން ތިން ޕޮއިންޓް ޔަގީންކޮށް، އާސެނަލުން އަނެއްކާވެސް ތަށްޓަށް އުންމީދު ހޯދިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު