ވުލްވްސް ފުރަތަމަ ޑިވިޝަނުގައި ބާއްވަން ކުރި މަސައްކަތަކީ ކެރިއަރުގައި ކުރި އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް މަސައްކަތް ކަމަށް ކުރިން ސެވިއްޔާ އާއި ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަން ކޮށްދިން ހުލިއަން ލޮޕެޓެގީ ބުނެފިއެވެ.

ތަޖުރިބާކާރު ކޯޗު ލޮޕެޓެގީ މިދިޔަ އަހަރު ފަހުކޮޅު ވުލްވްސްއާ ހަވާލުވި އިރު، އެޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައެވެ. އެއީ ފުލުގައި އޮތް ޓީމާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށެވެ. އެ ހާލަތު އަނބުރާލައި، ރޭ އެސްޓޮން ވިލާ ކައިރިން 1-0 އިން މޮޅުވި މެޗާއެކު ވުލްވްސްއަށް ވަނީ ރެލިގޭޝަނުން ސަލާމަތްވެވިފައެވެ.

އެޓީމުން 2023 ވަނަ އަހަރު ކުޅުނު ހޯމް ނުވަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާ އިރު، މިވަގުތު އޮތީ 13 ވަނައިގައެވެ.

"މިއީ އަހަރެންގެ ކޯޗިން ކެރިއަރުގައި އެންމެ އުނދަގުލުން ހޯދި ނަތީޖާ. އަދި އެންމެ ބޮޑު އެއް ކާމިޔާބީ. މިއީ ޔޫރޮޕާ ލީގު ހޯދުމަށް ވުރެވެސް އުނދަގޫ ކަމެއް. އަދި ސެވިއްޔާ ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދިނުމަށްވުރެވެސް އުނދަގޫ މަސައްކަތެއް،" ސެވިއްޔާއާ އެކު 2019-20 ވަނަ ސީޒަނުގެ ޔޫރޮޕާ ލީގު ހޯދި، ކުރިން ރެއާލް މެޑްރިޑްގެ ކޯޗުކަން ކޮށްދިން ލޮޕެޓެގީ ބުންޏެވެ.

ލޮޕެޓެގީ ބުނީ ވުލްވްސްއާ ހަވާލުވުމާއެކު 'މޮޔަވީތޯ' އަހާ މީހުން ސުވާލު ކުރި ކަމަށާއި އެ އެންމެނަށްވެސް މަސައްކަތް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަހަރެން އައި އިރު ކްލަބު އޮތީ އުނދަގޫ ހާލަތެއްގައި. ޑިސެމްބަރުގައި އަހަރެން އައި އިރު ވުލްވްސް އަށް ލިބިފައި އޮތީ 10 ޕޮއިންޓް. އޭރު އޮތީ ތާވަލުގެ ފުލުގައި. އެހިސާބުން މީހުން އަހަރެން ކައިރި ބުނި މޮޔަވެގެންހޭ ވުލްވްސްއާ ހަވާލުވީ. އެ ދަތުރުގައި މިހާރު ވުލްވްސްއިން 40 ޕޮއިންޓް ހަމަކޮށްފައި އޮތުމަކީ ވަރަށް ބޮޑު ބަދަލެއް. އަހަރެމެންގެ ޓާގެޓާ ވަރަށް ކައިރީގައި މިއޮތީ. ހިސާބު ޖަހައިގެން ސަލާމަތްވާ ހިސާބުގައި،" ލޮޕެޓެގީ ބުންޏެވެ.