އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ޗާލްސް ތިންވަނައިގެ ދިގު އިންތިޒާރު މިހަފުތާގެ ހޮނިހިރުދުވަހު ވަނީ ނިމިފައެވެ. މުޅި އުމުރުފުޅު މިހާތަނަށް ހޭދަކުރެއްވީ ތަޚުތުގައި ވެޑުވޭނޭ ދުވަހެއްގެ އިންތިޒާރުގައެވެ. ހޮނިހިރުދުވަހު ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައި ޗާލްސް ތިންވަނަ ވަނީ ތަޚުތުގައި ވެޑުވިފައެވެ. މިއީ 70 އަހަރުގެ ދިގު މާޒީއަކަށްފަހު އިނގިރޭސިވިލާތުގައި ބޭއްވުނު މިކަހަލަ ފުރަތަމަ ރަސްމިއްޔާތެވެ. ރަސްކަލަކު ނުވަތަ ރާނީއަކު އެންމެފަހުން ތަޚުތުގައި ވެޑުވުނީ 1953 ގައެވެ. އެއީ ރަސްގެފާނު ޗާލްސްގެ މަންމާފުޅު އެލިޒަބަތު ތިންވަނައެވެ. އެކަމަނާގެ ދިގު ރަނިކަން ނިމުމަކަށް އައީ ހުސްވި އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހުއެވެ. ރަސްމީކޮށް އައު ރަސްގެފާނު ތަޚުތުގައި ވެޑުވުން މިބޭއްވުނީ ރާނީ އެލިޒަބަތު އަވަހާރަވިތާ 8 މަސް ފަހުންނެވެ.
ރަސްމިއްޔާތުގެ އެންމެ މުހިއްމު ވަގުތުކޮޅަކީ ސެއިންޓް އެޑްވަޑުގެ ތާޖުކޮޅު ޗާލްސްގެ އިސްތަށިފުޅުގައި ބެހެއްޓުނު ވަގުތުކޮޅެވެ. މިކަންކުރެއްވީ ކެންޓަބަރީގެ ބޮޑުފާދިރީ ޖަސްޓިން ވެލްބީއެވެ. އެޔާއެކު ވެސްޓްމިންސްޓަރ ފައްޅީގެ ތެރެއަށް ޖަމާވެގެންތިބި ތިންހާހެއްހައި މީހުންގެ ދުލުން އެއްފަހަރާ އިވިގެންދިޔައީ "ގޯޑް ސޭވް ދަ ކިންގް" މި ޖުމްލައެވެ. އެޔާއެކު ބެރުދުންމާރިޔާއި ތާޅަފިލީގެ ހިތްގައިމު އަޑުތަކެވެ. ފައްޅިން ބޭރުގައި ދެން އިވިގެންދިޔައީ ބޮޑުބަޑީގެ ސަލާމުގެ އަޑެވެ. މުޅި އިނގިރޭސިވިލާތުގެ އެކިކަންކޮޅުތަކުގައިވާ އެންމެހައި ފައްޅިތަކުން ރަނގަބީލުގެ އަޑެވެ. މިއީ ފާއިތުވީ އެއްހާސް އަހަރުގެ ތެރޭގައިވެސް ރަސްރަސްކަލުންނާއި ރަނިން ތަޚުތުގައި ރަސްމީކޮށް ވެޑުވުމުގެ އިހުތިފާލުތައް ބޭއްވެމުންއައި ގޮތެވެ. ސަގާފަތާއި އާދަކާދައިގެމަތިން މިކަން ކުރަމުން ލާޒިމުކުރާ ގޮތްވެސްމެއެވެ.
ގާތްގަޑަކަށް ދެގަޑިއެއްހާއިރަށް ދެމިގެންދިޔަ ރަސްމިއްޔާތުގައި މައިގަޑުގޮތެއްގައި ފެނިގެންދިޔައީ މީލާދީން 1066 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެސްޓްމިންސްޓަރ ފައްޅީގައި ތަޚުތުގައި ވެޑުވުނު 39 ރަސްރަސްކަލުންނާއި ރަނިންގެ ކަންކަންވެސް ތަރުތީބުވެގެން ހިންގުނު ގޮތެވެ. އެހެންނަމަވެސް އައު ބައެއްކަންކަންވެސް ފެނުނެވެ. މީގެކުރިން ނުފެންނަ މަންޒަރުތައްވެސް ފެނުނެވެ. މީގެކުރިން ފެނިފައިނުވާ އައު މަންޒަރަކަށް ފެނުނީ ތިޔައީ މަގޭ ރަސްގެފާނެއް ނޫނޭ، ރަސްކަން އުވައިލާށޭ ގޮވައި މުޒާހަރާކުރި މަންޒަރެވެ. ރަސްގެފާނު ޗާލްސްއާއި ރާނީ ކެމީލާ މި ރަސްމިއްޔާތަށްޓަކައި ބަކިންހަމް ގަނޑުވަރުން ނިކުމެވަޑައިގަތުމުގެ މާކުރިންވެސް މުޒާހަރާތައް ފެށިއްޖެއެވެ. ހަމަނުޖެހުންތަކެއް ހިނގައިފާނެކަމަށް ބަލައިގެން ސަރުކާރުންވަނީ ބާރަހާހެއްހައި ފުލުހުން ނެރެފައެވެ.
މިއީ ތާރީޚުގައިވެސް އިނގިރޭސިވިލާތުގައި ހިންގުނު އެންމެ ބޮޑު ސިކިއުރިޓީ އޮޕަރޭޝަނެވެ. މި އޮޮޕަރޭޝަނުގައި ސަތޭކައަށްވުރެ ގިނަ މީހުން ހައްޔަރު ކުރެވިފައިވެއެވެ. މިހާ ގިނަބަޔަކު ހައްޔަރުކުރެވުނީމާ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބުންޏެވެ. ތިޔައީ މަގޭ ރަސްކަލެއް ނޫނޭ ބުންޏަކަސް ބިޑިއަޅުވައި ހައްޔަރުކުރަން ހެޔޮވާނޭހެއްޔެވެ. މިއީ ލަންޑަނެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯއެއްވެސް ނޫނެވެ. ކޮންމެއަކަސް އައު ކަންކަމުގެ ތެރެއިން އަންހެން ފާދިރީންގެ ބައިވެރިވުންވެސް ފެނުނެވެ. އިނގިރޭސި ރައްޔިތުންގެ ތެރެއިން ނަސާރާނޫން މީހުންގެ ބައިވެރިވުންވެސް ފެނުނީ އަލަށެވެ. މިއީ ކުލަކޮށް ވަގުތުން ދުރަށް ފޮނުވުނު މިފަދަ ފުރަތަމަ ރަސްމިއްޔާތުވެސް މެއެވެ. އެލިޒަބަތު ދެވަނަ ތަޚުތުގައި ވެޑުވުނު ދުވަސްވަރަކީ ކަޅާއިހުދުގެ ޒަމާނެކެވެ.
ރަސްމިއްޔާތު ކިތަންމެ ކުލަގަދަކުރިޔަސް، ބެރުދުންމާރީގެ އަޑު ކިތަންމެ ގަދަކުރިއަސް އިނގިރޭސިވިލާތުގައި ރަސްކަން ދެމެހެއްޓުމަށް އޮތް ތާއީދު ދަނީ މައްޗަކަށް ނޫނެވެ. ތާއީދު ދަނީ ކުޑަވަމުންނެވެ. އެކަން ޔަގީނެވެ. މި ރަސްމިއްޔާތުގައި ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް އެންޑްރޫ ބައިވެރިވެވަޑައިގަންނަވާތީ އޭނާއާ ދެކޮޅު އަޑުއަޑުވެސް އިވިގެންދިޔައެވެ. ޗާލްސްގެ ދެވަނަ ދަރިކަލުން ޕްރިންސް ހެރީއާ ދެކޮޅު އަޑުއަޑުވެސް އިވިގެންދިޔައެވެ. އަދިވެސް މިފަދަ ކިތަންމެ ކަމެކެވެ. އެހެންވީމާ ޗާލްސްގެ މިރަސްކަން މިސިފައިގައި މިގޮތަށް ދެމިއޮންނާނީ ކިހާދުވަހަކަށްތޯ ވަނީ ސުވާލު އުފެދިފައެވެ. ޗާލްސްއަކީ ހަމައެކަނި އިނގިރޭސިވިލާތުގެ ރަސްކަލެއް ނޫނެވެ. ކޮމަންވެލްތުގެ އެހެން ސާދަ ގައުމެއްގެވެސް ދައުލަތުގެ އެންމެ މަތީވެރިޔާއެވެ. ރަސްގެފާނެވެ.
މިދެންނެވި ގައުމުތަކުގެ ތެރެއިން ބެލީޒާއި ޖެމެއިކާއިން ވަނީ ޖުމްހޫރިއްޔަތަކަށް އެނބުރިގަތުމަށް މަސައްކަތް ކުރަމުންދާކަން ހުސްވި ހަފުތާގައިވެސް އިއުލާންކޮށްފައެވެ. ކެނެޑާ އާއި އޮސްޓްރޭލިޔާގައިވެސް ގަދަވަމުންދަނީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އެނބުރިގަތުމުގެ އޮއިވަރެވެ. އިނގިރޭސިވިލާތުގައިވެސް ގަދަވަމުންދަނީ ރަސްކަން އުވައިލުމަށް ވަކާލާތުކުރުމުގެ އަޑުތަކެވެ. އައު ރަސްގެފާނު ޗާލްސް ތަޚުތުގައި ރަސްމީކޮށް ވެޑުވުމުގެ ހަފުލާ މިބޭއްވުނީ ދިރިއުޅުމުގެ ޚަރަދުތައް އުފުލި، އިގްތިސާދީ ތަދުމަޑުކަމެއްގެ ވޭންތައް ރައްޔިތުން ތަހައްމަލް ކުރަމުންދާ ދުވަސްވަރެއްގައެވެ. އެކަމަކުވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މިކަމަށް މަދުވެގެން 126 މިލިޔަން ޑޮލަރު ވަނީ ޚަރަދުކުރެވިފައެވެ. މިކަމަކީވެސް ގިނަބަޔަކު ރަސްކަމަށް ނަފުރަތުކުރަން މެދުވެރިވި ސަބަބެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު