ޚަބަރު

ހުޅުމާލޭ 34 މަގެއްގެ ޕޭމެންޓުމަތީގައި ކެފޭތަކުގެ 183 މޭޒު! އެކަން ހުއްޓާލަން އަންގައިފި

ހުޅުމާލޭގައި ހިންގާ ބައެއް ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭވްމަންޓުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރަމުން ދާތީ އެކަން ހުއްޓާލުމަށް އާބަންކޯ އިން އަންގައިފި އެވެ.

އާބަންކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ކެފޭތަކާއި ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތާ ކައިރީ ޕޭވްމަންޓްގައި ގޮނޑިއާއި މޭޒުތައް ބަަހައްޓާފައި ވާތީ އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

އާބަންކޯއިން ބުނީ އެ ކުންފުނިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ހިދުމަތްދެމުންދާކަން އެނގިފައިވާ ކަމަށެވެ.

"މިކަން ހައްލު ކުރުމަށްޓަކައި ގޮނޑިއާއި މޭޒު އެ ތަންތަނުން ނެގުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފަ އެވެ،" އާބަންކޯގެ ބަޔާނުގައިވެއެވެ.

އާބަންކޯއިން އިތުރަށް ބުނީ، ޓޭކްއަވޭ ވިޔަފާރި އާއި ކެފޭ ހިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެއަކީ އެންމެން ވެސް ހިތްހަމަޖެހޭ ބަދަހި މުޖުތަމައެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ. ނަމަވެސް މަގުތަކަކީ އެންމެން ބޭނުންކުރާ ތަނަކަށް ވާއިރު، ޕޭވްމަންޓުތަކުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ކުރުމުން އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާ ކަމަށް އާބަންކޯއިން ބުންޏެވެ.