ޗާގޯސްގެ މައްސަލަ ހޫނުކޮށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން އުޅޭ މީހުން ގިނަވާން ފަށައިފި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެނީ ޗާގޯސް މައްސަލަ ހޫނުކުރުމަށް އެންމެ ގަދައަށް ވާހަކަ ދައްކައި، އެންމެ ކުރީގައި މުޒާހަރާ ލީޑް ކުރައްވާ ބޭފުޅަކަށް ކަމަށް ގަބޫލުކުރެވި އެކަމަށް ފައި ނަންގަވާ ބޭފުޅުން ގިނަވާކަން ފާހަގަކުރެވެން ފަށައިފި ކަމަށެވެ.

ޗާގޯސް މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް އިންޓަނޭޝަނަލް ޓަރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

އިމުގެ މައްސަލައިގައި އިޓްލޮސްއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

ޗާގޯސް މައްސަލައިގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ގެންދަނީ އިދިކޮޅު ޕީޕީއެމުންނެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓު ޖަލުގައި އޮންނެވި ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވާފައިވީނަމަވެސް އެ މަނިކުފާނު ތަންފީޒުކުރައްވަމުންގެންދަވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ދޮރު މިހާތަނަށް އެމަނިކުފާނަށް ވަނީ ބަންދުވެފައެވެ. ނަމަވެސް މަތީ މަރުހަލާގައި މިނިވަންވެވަޑައިގެންފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.