ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލައިފިއެވެ.
ޑަބްލިޔުއެޗްއޯއިން މިއަދު ބުނީ، ކުއްލި ހާލަތު އުވާލަން ނިންމީ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމެޓީގެ 15 ވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު މިއަދު ކަމަށެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވީ، ފާއިތު އަހަރު އެ ބަލި ޖެހޭ މީހުންގެ އަދަދު ދުނިޔޭގެ އެކި ހިސާބުތަކުގައި ދަށަށް ގޮސްފައިވާ ކަމަށެވެ. ގިނަ ގައުމުތައް ކޮވިޑުގެ ކުރީގެ ހާލަތަށް އަނބުރާ ރުޖޫއަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑުގެ ބަލި މަޑުކަމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދުނިޔެއަށް އިއުލާންކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ އިދާރާގެ ހިސާބުތައް ދައްކާގޮތުން ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން ވަނީ ހަތް މިލިއަނަށް ގާތްކުރާ އަދަދަކަށް މީހުން މަރުވެފައެވެ. މުޅި ދުނިޔެއިން އެބަލި ޖެހުނު މީހުންގެ އަދަދަކީ 765 މިލިއަން ކަމަށެވެ.