ރާއްޖޭގެ ސްކޫލެއްގައި ކިޔަވަމުންދާ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ސްކޫލުގެ ގުރުއާން ޓީޗަރު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސައުތް ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ (މ. ފ. ދ. ލ) ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެރަށު ކައުންސިލުގެ ނައިބު ރައީސް "ވަން" އަށް މައުލޫމާތު ދެއްވި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ސްކޫލުގެ ގުރުއާން މުދައްރިސެވެ. އަދި އެ މައްސަލަ ބެލުމަށް ޖެންޑާ އާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 30 ދުވަސް ދީފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.