Close
އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 45

އަބްދުﷲ ފާރޫގް ހަސަން

(28 އޭޕްރީލްގެ އަދަދާ ގުޅޭ)

أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه ހިޖްރައިން 48 ވަނަ އަހަރު (ބައެއް ރިވާޔަތްތަކުގައިވާގޮތުން 49 ވަނަ އަހަރު) ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވައި ســفـيــان بـــن عـــــوف ގެ ވެރިކަމުގެ ދަށުގައި ޤުސްޠަންޠީނިއްޔާއާ ހަނގުރާމަޔަށް ފޮނުއްވިއެވެ. އެލަޝްކަރުގެ ޚާއްޞަ ބައެއްގެ މައްޗަށް އެކަލޭގެފާނުގެ ދަރިކަލުން يـــزيــد بـــن مــعـــاويـــــة ވެރިކުރެއްވިއެވެ. أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه ވަޑައިގެންނެވީ އެޚާއްޞަ ލަޝްކަރުގައެވެ.

އަޅުގަނޑު މިހައިތަނުން އެނބުރިލާނީ أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه ގެ ޝަޚްޞިއްޔަތުގެ މައްޗަށް ހިސާބެއްގެ އަލިކަމެއް އަޅުވައިލުމަށެވެ. أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އަކީ މުސްލިމުންގެ ހުރިހައި ފިކުރީ މަދަރުސާތަކަކުންވެސް އެބޭކަލެއްގެ މަތިވެރި މަޤާމަށް އިޢުތިރާފުވާ ބޭކަލެކެވެ. މީގެ އަހަރުތަކެއްގެ ކުރީން އަޅުގަނޑުވަނީ އެމާތް ޞަޙާބީގެ ޙަޔާތްޕުޅުގެ ވާހަކަ ތަފްޞީލުކޮށް ލިޔެފައެވެ. އެހުރިހައި ވާހަކަތަކެއް މިތާނގައި ތަކުރާރުކުރާކަށެއް ނެތީމެވެ. މިތާނގައި އަލިއަޅުވައިލާނީ މަދު ނުކުތާތަކެއްގެ މައްޗަށެވެ. ދާދި މަދު އުސްއަލިތަކެއްގެ މައްޗަށެވެ. މިފޮތް ވިދާޅުވާ ބޭފުޅުންނަށްވެސް މައިގަނޑު ނުކުތާތައް އެނގިވަޑައިގެންފައި އޮތުން ބޭނުންތެރިކަމުގައި ފެންނާތީއެވެ.

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ خــالــد بـــن زيـــد އެވެ. އެކަމަކު އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ކުންޔަތުގެ ނަންފުޅުންނެވެ. ފުރިހަމަ ނަންފުޅު އެނގެނީ ދާދިމަދު ބަޔަކަށެވެ. އެކަލޭގެފާނަކީ ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ކާފައިކަލުން عــبــدالمطّــلــب ގެ މައިފުށުގެ ޚާންދާނުގައިވާ نـجّـــار ވަންހައިގެ ބޭކަލެކެވެ. އެވަންހައިގެ مــالـك بـــن الـنّـجّـــار ގެ ދަރިކޮޅުގެ ބޭކަލެކެވެ. ކައުސާހިބާގެ ކާފާފުޅުގެ މައިކަނބަލުން سـلـمــى بـــنت زيـــد ނުވަތަ سـلـمــى بـــنت عـمــــــرو بـــن زيـــد އަކީ عـــدى بـــن الـنّـجّـــار ބޭކަނބަލެކެވެ.

އިތުރު ސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ހިޖުރައިގެ ދަތުރުފުޅުގައި ޤުބާގައި މަޑުކޮށްލެއްވުމަށްފަހު މަދީނާއަށް އަރައިވަޑައިގެންނެވީ ހުކުރު ދުވަހެއްގައެވެ. އިތުރު ސާހިބާ ވަނީ އެދުވަހު މަދީނާއަށް އަރައިވަޑައިގަންނަވާނެކަން އެކަލޭގެފާނުގެ މާބެއިންކަމުގައިވާ نـجّـــار ވަންހައިގެ ބޭކަލުންނަށް އަންގަވައިފައެވެ. އެހެންކަމުން نـجّـــار ވަންހައިގެ ބޭކަލުން އެދުވަހުގެ ހެނދުނު ހެނދުނާ ތިއްބެވީ ހަތިޔާރު އަޅުއްވައިގެން ޤުބާއަށް ވަޑައިގެންނެވެ. އެބޭކަލުން ތިއްބެވީ އިތުރު ސާހިބާގެ މޭޒުބާންކަމުގެ ބާއްޖަވެރިކަން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަމުގައެވެ. ނަމަވެސް އަންޞާރުންގެ އެހެނިހެން ޤަބީލާތަކެކޭ އެއްފަދައިން نـجّـــار ވަންހައިގެ ބޭކަލުންނަކަށްވެސް އެކަމުގެ ކަށަވަރުކަމެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެ ޝަރަފު ލިބިވަޑައިގަންނަވާނީ نـجّـــار ވަންހައިގެ ކޮން ގޮތްޕަކަށް ކަމެއްވެސް ޞަރީޙުކޮށް އެނގިވަޑައިގެންފައެއް ނުވެއެވެ.

ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ދަޢުވަތުގެ އެންމެ ނާޒުކު މަރުޙަލާގައި ޢަޤަބާގެ އެންމެ ފުރަތަމަ ބައިޢަތުގައި އިތުރު ސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވި ހަބޭކަލުންނަކީވެސް نـجّـــار ވަންހައިގެ ބޭކަލުންނެވެ. އޭގެތެރެއިން އެއްދެބޭކަލުންނަކީ مــالـك بـــن الـنّـجّـــار ގެ ޢާއިލާގެ ދެބޭކަލުންނެވެ. މިގޮތުން ބަލާއިރު އަންޞާރުންކުރެ އިސްލާމްދީނަށްޓަކައި އިސްނަންގަވައި ކުރިޔަށް ނުކުމެވަޑައިގެންނެވުމުގެ ޝަރަފު އޮތީ نـجّـــار ވަންހަޔަށެވެ. އަޣުލަބިއްޔަތު އޮތީ مــالـك بـــن الـنّـجّـــار ވަންހަޔަށެވެ. އެހެންކަމުން އިތުރު ސާހިބާ نـجّـــار ވަންހަޔަށް އިސްކަންދެއްވުމަކީ އެކަމުގެ ސަބަބު ވަރަށް ސާފުކަމެކެވެ. އެވަންހަޔަށް އިސްކަންދެއްވުމަކީ ސިޔާސީ ޙިކްމަތެއްކަމުގައިވިޔަސް އިތުރު ސާހިބާ އިސްކަންދެއްވީ ކޮންމެހެން އެމާތް ސާހިބާގެ ލޭފޮދުގެ ގުޅުމަށް ބައްލަވައިގެންނެއް ނޫނެވެ. އިސްލާމްދީނަށްޓަކައި އިސްނެންގެވުމަށް ބައްލަވައިގެންނެވެ.

أبــــو أيّـــوب رضــــى اللّـــه عـــنــــه އިސްލާމްވެވަޑައިގެންނެވީ مصعب بـــن عُـمَـيــــــر رضــــى اللّـــه عـــنــــه ގެ ދަޢުވަތަށެވެ. އެކަލޭގެފާނު، ޢަޤަބާގެ ދެވަނަ ބައިޢަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. مــالـك بـــن الـنّـجّـــار ވަންހައިން އެ ބައިޢަތުގައި އެންމެފުރަތަމަ ބައިޢަތު ހިއްޕެވީ أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه އެވެ.

ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ޤުބާއިން މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި بــنـــو ســالـــــم ގެ އަވަށުގެ ވާދީ ރާނޫނާއާ ހަމަޔަށް ވަޑައިގެންނެވުނުއިރު ހުކުރުވަގުތު ވެއްޖެއެވެ. އިތުރު ސާހިބާ މުސްލިމުންނާއިގެން އެތާނގައި ހުކުރުނަމާދު ކުރެއްވިއެވެ. އިތުރު ސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ހުކުރުނަމާދުން ނިމިވަޑައިގެން މަދީނާގެ ދަތުރުފުޅު ކުރިޔަށް ގެންދެވިއެވެ. ރަށަށް އަރައިވަޑައިގެންނެވީ މަދީނާގެ މަތީފަރާތުންނެވެ. ރަށުގެ ދެކުނުފަރާތުންނެވެ.

އެ ހެޔޮކަމާއި ބަރަކާތުގެ ދުވަހުގެ އެންމެރީތި ސިފަކުރެއްވުމެއް ހުށަހަޅުއްވައިދެއްވައިފައިވަނީ ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ޚާއްޞަ ޚާދިމު أنــس بــــن مــالــك رضــى اللّـــه عـــنــــه އެވެ. އެކަލޭގެފާނު ރިވާކުރައްވައިފައިވެއެވެ.

އިތުރު ސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ހުކުރުނަމާދުން އަވަދިވެވަޑައިގެން ޔަޘްރިބުގެ ދެކުނުފަރާތުން ރަށަށް އަރައިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ ޔަޘްރިބަށް އަރައިވަޑައިގެންނެވުމަކީ ލޯތްބާއި ޝައުޤުވެރިކަމުގެ ތާރީޚުގައި ދެވަނަ މިސާލެއް ނެތްފަދަ ޙާދިޘާއެކެވެ. ޔަޘްރިބުގެ އަހުލުވެރީން ކައުސާހިބާއަށް ދެންނެވި މަރްޙަބާއަށްވުރެ ހިތުލޯތްބާއި، ޝައުޤުވެރިކަމާއި، ޖޯޝާއި ފޯރި އެކުލެވިފައިވާ މަރްޙަބާއެއްގެ މިސާލެއްގެ ހުށަހެޅުމަށް ދުނިޔޭގެ ތާރީޚުވަނީ ނުކުޅެދިފައެވެ. ކައުސާހިބާއަށްޓަކައި އަންޞާރުން ފަތުރައިލެއްވި ރަތް ދޫލަ ތަރުކީބުވެފައިވަނީ އެބޭކަލުންގެ ހިތްޕުޅުގެ ވިންދުންނެވެ. ލޯފުޅުގެ އަލިކަމުންނެވެ. އެދުވަހަށްފަހު ޔަޘްރިބުގެ ނަން ބަދަލުވެގެންދިޔައީ މަދީނަތުއްނަބިއްޔަށެވެ. އެރަށުގެ ބިން ހިމެނިގެންދިޔައީ އެބިމެއްގެ މާތްކަމާއި ޝަރަފުވެރިކަމާމެދު އުޑުތަކުގައިވެސް ނީހަ އުފެދުނު ބިމެއްކަމުގައެވެ. އުޑުތައް "ޙަސަދަވެރިވި" ބިމެއްކަމުގައެވެ. މަދީނާގައި ދިރިއުޅޭ ޙަބަޝީ އަޅުން އުފަލުން ފުރިގެންތިބެ އެބައިމީހުންގެ ޢަސްކަރީ ހުނަރުވެރިކަން ދައްކަމުން ގެންދިޔައިރު މަދީނާގެ ކުޑަކުދީންތައް "رســـول اللّــــه ވަޑައިގެންފިއެވެ! މާތް اللّــــه ގެ ރަސޫލާ ވަޑައިގެންފިއެވެ!" އަޑުގެކޮޅަށް ގޮވަމުން ގެންދިޔައެވެ. ކޮންމެ ދިމާޔަކުންވެސް ހާމަވޭވޭހުރީ އުފާވެރިކަމެވެ. މަދީނާގެ އަންހެނުންތައް ގޭގޭގެ ބެލްކަނިތަކަށާއި ހާމަ ފުރާޅުތަކުގެ މައްޗަށް ނުކުމެތިބިއިރު ތުއްތު އަންހެންކުދީންތައް މަރްޙަބާގެ ލަވަކިޔަމުން ގެންދިޔައެވެ.

"ޘަނިއްޔާތުލްވަދާޢުގެ ފަރުބަދަމަތިން އަހަރެމެންގެ ތެރެޔަށް ސާދަވިލޭރޭގެ ހަނދު ފާޅުވެއްޖެއެވެ.

އަހަރެމެން މާތް اللّـــه އަށް ޝުކުރު ދެންނެވުން ވާޖިބެވެ. މާތް اللّـــه ގެ ޙަޟުރަތަށް ދުޢާ ދަންނަވާ މީހުން ދުޢާ ދަންނަވަމުން ގެންދާހައި ދުވަހަކުއެވެ.

އޭ އަހަރެމެންގެ ގާތަށް ފޮނުއްވިގެންވާ ސާހިބާއެވެ! ކަލޭގެފާނު ތިޔަވަޑައިގަތީ ކިޔަމަންވުން ވާޖިބު އަމުރުފުޅަކާއިގެންނެވެ."

އިތުރު ސާހިބާ ވަޑައިގަންނަވާ ކޮންމެ މަގަކުން އަންޞާރުންގެ ކޮންމެ ޤަބީލާއެއްގެ މީހުން ދަންނަވަމުން ގެންދިޔައެވެ. "އޭ މާތް اللّـــه ގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ގެތައް މިހިރީ ކަލޭގެފާނަށްޓަކައެވެ! އަޅުގަނޑުމެންގެ މުދާތައް މިހިރީ ކަލޭގެފާނަށްޓަކައެވެ! އަޅުގަނޑުމެންގެ ފުރާނަތައް މިވަނީ ކަލޭގެފާނަށްޓަކައެވެ!"

އިތުރު ސާހިބާ ކޮންމެ ޤަބީލާއެއްގެ އިޙްސާންތެރިކަމަށްވެސް އިޢުތިރާފުވެވަޑައިގަންނަވަމުން އެބައިމީހުންނަށް ހެޔޮ ދުޢާފުޅު ކުރައްވަމުން ހިނިވަރުނަކުރައްވައި އަލިމޫނުފުޅު ދައްކަވަމުން ކުރިޔަށް ވަޑައިގެންނެވިއެވެ.

އަންޞާރުންގެ ތެރެއިން نـجّـــار ވަންހައިގެ ބޭބޭކައުކަނބަލުންގެ އުފާވެރިކަމާއި، ޖޯޝާއި ފޯރިވަނީ އެތައް ގުނައެއް މައްޗަށް އުފުލިފައެވެ. އެހެނީ އެބޭބޭކައުކަނބަލުންނަކީ ކައުސާހިބާގެ ކާފާކަލުންގެ މައިފުށުގެ ތިމާގެފުޅު ބޭބޭކައުކަނބަލުންނެވެ. އިތުރު ސާހިބާއަށް މެހްމާންދާރީ އަދާކުރެއްވުމުގެ މާތްކަން ލިބިވަޑައިގަންނަވާނެކަމާމެދު އެބޭބޭކައުކަނބަލުންގެ ހިތްޕުޅުތަކުގައި ކުޑަވެސް ޝައްކެއްނެތެވެ. حبــيـب اللّـــه ގެ އަވަށްޓެރީންކަމުގައި ވެވަޑައިގެންނެވުމުގެ ޝަރަފު ލިބިވަޑައިގަންނަވާނެކަން އެބޭބޭކައުކަނބަލުންނަށް ކަށަވަރުކުރެއްވެއެވެ. އެހެންކަމުން نـجّـــار ވަންހައިގެ ތުއްތު ތުއްތު މަޢުޞޫމް އަންހެންކުދީން ތާރަޖަހައިފައި އުފަލުން ލަވަކިޔަމުން ގެންދިޔައެވެ.

"އަހަރެމެންނަކީ نـجّـــار ވަންހައިގެ އަންހެންކުދީންނީމުއެވެ.

"محمّـــد އަކީ ކިހައި ރަނގަޅު އަވައްޓެރިޔެއް ހެއްޔެވެ؟"

ކާއިނާތުގެ ސާހިބާ އެކުދީންގެ ގާތުން ވަޑައިގަންނަވަމުން ހިނިވަރުނަކުރައްވައި ޙަދީޘް ކުރެއްވިއެވެ.

"އޭ ކުދީންނޭވެ! ތިޔަކުދީން އަހުރެންދެކެ ލޯބިވަމުހެއްޔެވެ؟"

އެކުދީން އެއްއަޑަކުން ދެންނެވިއެވެ. "އާދޭހެވެ! އޭ މާތް اللّـــه ގެ ރަސޫލާއެވެ!"
އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "އަހުރެންވެސް ތިޔަކުދީންދެކެ ލޯބިވަމެވެ."

ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ޚާއްޞަ ޚާދިމު أنــس بــــن مــالــك رضــى اللّـــه عـــنــــه ވިދާޅުވާގޮތުގައި އިތުރު ސާހިބާ މަދީނާއަށް އަރައިވަޑައިގެންނެވި ދުވަހަށްވުރެ ބަރަކާތްތެރި އަދި އެއަށްވުރެ އުފާވެރި ދުވަހެއް އެކަލޭގެފާނު ދެކެވަޑައިގެންފައެއް ނުވެއެވެ. އެދުވަހު މަދީނާގެ މަގުތަކާއި ގެތައްވަނީ ބަރަކާތުގެ ނޫރުން ވިދައިބަބުޅައިފައެވެ.

ނުބުއްވަތުގެ ގުރަހަ މަދީނާގެ މިޙުވަރުތަކުން ކުރިޔަށް ވަޑައިގެންނެވި ވަޑައިގެންނެވިހެން އަންޞާރުންގެ ޝައުޤުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ކޮންމެ ބޭކަލެއްގެވެސް ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމަކީ ކައުސާހިބާގެ މޭޒުބާނަކަށް ވެވަޑައިގަތުމުގެ ޝަރަފު އެބޭކަލަކަށް ލިބިވަޑައިގަތުމެވެ. އެހެނީ ރަޙްމަތުގެ ނަބިއްޔާ އެގެޔަކަށް ފައިބައިވަޑައިގަންނަވާ ގެއެއްގެ ދޮރުމަތީގައި ރަޙްމަތުގެ މަލާއިކަތުން "ފޯރިމަރުއްވާނެ" ކަން އެބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. މާތް اللّـــه ގެ ރަޙްމަތް އެގެޔަކަށް ބާވައިލައްވާނެކަން ކަށަވަރުވެވަޑައިގަންނަވައެވެ. ދުނިޔެއާއި އާޚިރަތުގެ ބަރަކާތް އެގެޔަކަށް އޮހެމުންދާނެކަން ޔަޤީންވެވަޑައިގަންނަވައެވެ.

އެހެންކަމުން އިތުރު ސާހިބާގެ މޭޒުބާންކަމާމެދު އަންޞާރުން ގެންދެވީ ވަރަށްބޮޑަށް ވާދަކުރައްވަމުންނެވެ. ޤަބީލާތަކުގެ ރައީސުންކަމުގައިވާ عــتــبــان بــــن مــالــك އާއި، ســعـــد بــــن عُــبــادة އާއި، عــبــد اللّـــه بــــن رواح އާއި، عــبــاّس بــــن عُــبــادة އާއި، خــارجـــة بــــن زيــــد އާއި، زيــاد بــــن لـبـيـد އާއި، فـــــروة بــــن عـــمــــــرو އާއި، ســعـــد بــــن الـــرّبــيــع އާއި، ســليط بــــن قـيـس އާއި، مــنـــذر بــــن عـــمــــــرو އާއި، أبـــو ســليط أسـيــرة بــــن أبــــى خــارجـــة (رضــى اللّـــه عــنـــهم) ވަކިވަކީން ކައުސާހިބާގެ އަރިހަށް ވަޑައިގެން އެބޭކަލުންގެ ގެކޮޅުތަކަށް ފައިބައިވަޑައިގެންނެވުން އެދިވަޑައިގެންނެވިއެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ އެންމެ ބޭކަލުންނަށްވެސް ހެޔޮދުޢާފުޅު ކުރެއްވިއެވެ. ކައުސާހިބާ ވިދާޅުވިއެވެ.

(ނުނިމޭ)