ދިވެހި މުޖުތަމައުގެ ތެރޭގައި އިހުތިރާމު ނުކުރުމުގެ އިޖުތިމާއީ ވަބާ ފެތުރިފައިވާ ކަމަށާއި މީސްތަކުންގެ ތެރޭގައި އެއްބާރުލުމާއި ލޯތްބާއި ކުލުނުވެރިކަން ދެމެހެއްޓުމަށް އެކަކު އަނެކަކަށް އިހުތިރާމު ކުރުމަށް ހުތުބާގައި ގޮވާލައިފިއެވެ.

''އިހުތިރާމުކުރުން" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، އިހުތިރާމު ކުރުމަކީ އިސްލާމް ދީނުގެ މަތިވެރި އަހުލާގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އިންސާނާ އުފައްދަވާފައި ވަނީ އިހުތިރާމް ލިބިގެންވާ މީހެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް މިހާރު ދިވެހި މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމުކުރުން ވަނީ ހިތާމަ ކުރަންޖެހޭ މިންވަރަށް ކުޑަވެފައި ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

"އިންސާނާ އަކީ އިހްތިރާމު ކުރުމަށް ލޯބިކުރާ މަހްލޫގެކެވެ. އޭނާއަށް އިހާނެތިކޮށް ހިތުމަކީ އޭނާ ބަލައިގަންނާނެ ކަމެއް ނޫނެވެ. ދޭދޭ އިންސާނުންނާއި ގައުމުތަކުގެ މެދުގައިވާ ގުޅުންތަކެއްގެ އަސާސަކީ އިހުތިރާމުކުރުމެވެ. އެއީ ތަހުޒީބާއި ތަމައްދުނު ހާމަކޮށްދޭ މަލައެކެވެ. މީސްތަކުންގެ ހިތްތައް ފަތަހަ ކުރެވޭނީ އިހުތިރާމުންނެވެ." ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މީސްތަކުންނަށް އިހުތިރާމު ކުރުމަށާއި އިސްލާމީ އަހުލާގުން އަދަބުވެރިވެ މުއާމަލާތްކުރުމަށް މާތްﷲ ގޮވާލައްވާ ކަމަށެވެ. އަދި މުސްލިމެއްގެ ހައިސިއްޔަތުން އެންމެ ބޮޑަށް އިހުތިރާމު ކުރަން ޖެހޭނީ މާތްﷲ އަށް ކަމަށާއި އެކަލާނގެ ޒާތުފުޅު މަތިވެރިކޮށް އެކަލާނގެ ދީނަށާއި ކީރިތި ރަސޫލާ އަށް މާތްކޮށް ހިތަންޖެހޭނެ ކަމަށް ބުންޏެވެ.

އެގޮތުން ދީނީ ގޮތުން ފާހަގަ ކުރެވޭ މުނާސަބާ ތަކުގައި ތަހުނިޔާ ކިޔުމާއި ހަދިޔާ ބަދަލުކުރުމާއި ހިތާމަތަކުގައި ތައުޒިޔާ ކިޔައި އުފަލާއި ހިތާމައިގައި ބައިވެރިވުމާއި ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ، އެކަމުން ސަލާމަތް ވުމަށް އެހީތެރިވުމަކީ އިހުތިރާމް ކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މީހުންގެ ވާހަކަތައް ވަގަށް އަޑުއަހައި ފާޅުކުރުމާއި މީހުންގެ ފޮޓޯތަކާއި ވީޑިއޯ އާއްމުކުރުމަކީ އިހުތިރާމުގެ ދާއިރާއިން މުޅިން ބޭރު ކަމެއް ކަމަށާއި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކަކީވެސް އެއަށް އިހުތިރާމު ކުރަންޖެހޭ ސިއްރުތައް ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން އަހަރުމެން އިހުތިރާމު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެހެން މީހުންގެ ވަގުތުވެސް ހިމެނޭ ކަމަށާއި ވަގުތުގެ އަގު ދަންނަ މީހާ އޭނާގެ ވަގުތުން ފަޅި ސިކުންތެއްވެސް ދުނިޔެ އާއި އާހިރަތައް ފައިދާހުރި ކަމަކަށް ނޫނީ ހޭދަ ނުކުރާނެ ކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ މީހުންނަށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު، އިޖުތިމާއީ ބައްޔެއް ކަމަށާއި އެ ބަލި އުއްމަތެއްގެ ތެރޭގައި ފެތުރިއްޖެ ނަމަ އެބަޔަކު ހަލާކުވެދާނެ ކަމަށެވެ. އަދި އެ ބަލި އާއިލާއެއްގެ ތެރޭގައި ފެތުރިއްޖެ ނަމަ އެ އާއިލާވެސް ރޫޅިދާނެ ކަމަށާއި އެއީ ބައެއްގެ އީމާންކަމުގެ ބަލިކަށިކަން ދޭހަކޮށްދޭ ނުބައި ސިފައެއް ކަމަށްވެސް ބުންޏެވެ.

އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކޮށް އިސްލާމީ އަހުވަންތަކަން ދެމެހެއްޓުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ. އަދި ހެޔޮގޮތުގައި މުއާމަލާތްކުރާ ބަޔަކު ކަމުގައި ވުމަށް ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތް ކޮށްފައިވެއެވެ.