ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ދިރިއުޅުއްވަނީ ވެރިރަށް މޮސްކޯގެ މެދުތެރޭގައި ހުންނަ ކްރެމްލިން ކިއްލާގައެވެ. އަވަހާރަފުޅު ލެއްޕެވުމާއި ފަރިއްކުޅުއްވުމާއި ކަސްރަތު ކުރެއްވުމާއި އަދި ރަސްމީ މަސައްކަތްތައް ހިންގެވުމުގެ އޮފީސްތަކާއި މޭޒުކޮޅުތަކާއި އެފަދަ އެނޫން ހުރިހާ ވަސީލަތެއްވެސް ގާއިމުކުރެވިފައިވަނީ އެތާގައެވެ. ކްރެމްލިންއަކީ ވަރަށް ވަރުގަދަ ކިއްލާއެކެވެ. އެތާގެ ނަމުގެ މާނަޔަކީވެސް ދިފާއީ ކިއްލާއެވެ. މިއީ ދުނިޔޭގައި އެންމެ ބޮޑަށް ބެލެހެއްޓޭ، އެންމެ ވަރުގަދަޔަށް ދިފާއީ ފިޔަވަޅުތައް އެޅިފައިވާ ރިޔާސީ ގަނޑުވަރެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެންވެސް އަދި އޭގެ ކުރިންވެސް އެކަންއޮތީ އެހެންނެވެ. ދޫންޏަކަށްވެސް އެތާގެ މަތިން ނުއުދުހެވޭ ކަމަށް މަޝްހޫރުވެގެންވެއެވެ. އެހައިވެސް ފިޔަވަޅުތައް ވަރުގަދައެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހު ޔުކްރޭނުގައި ހަނގުރާމަ ފެށުމާ ގުޅިގެން ކްރެމްލިންގެ ސަލާމަތީ ކަންކަން އިހުނަށްވުރެވެސް ބޮޑަށް ވަނީ ވަރުގަދަކޮށްފައެވެ. ރައީސް ލަޑީމިއަރ ޕުޓިން އަވަހާރަކޮށްލުމަށްޓަކައި ދުޝްމަނުން މަސައްކަތްތަކެއް ކޮށްފާނެތީއެވެ. ޔުކްރޭނަށް މަދަދުކުރާ ގައުމުތަކަކީ އަސްކަރީގޮތުން ވަރަށް ކެރިކުޅަދާނަ ގައުމުތަކެއް ކަމަށްވެފައި މި ހަނގުރާމައަށް ނިމުން ގެނައުމަށް ކުރެވެންއޮތް ކަމަކީ ކްރެމްލިންއަށް ހަމަލަދީ ރައީސް ޕުޓިން އަވަހާރަކޮށްލުން ކަމަށް ނިންމައިފާނެތީއެވެ. ކޮންމެއަކަސް ދުރާލައި މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ތިއްބައި މިހަފުތާގެ ބުދަދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޑްރޯން ބޭނުންކޮށްގެން ކޮންމެވެސް ބަޔަކު ވަނީ ކްރެމްލިންއަށް ހަމަލަދޭން މަސައްކަތްކޮށްފައެވެ.
ހަމަލަ ދިނުމަށް ބޭނުންކުރީ ދެ ޑްރޯނެކެވެ. އެ ދޭތިވެސް އަމާޒަށް ވާސިލްވުމުގެ ކުރިން ކްރެމްލިންގެ ދިފާއީ ބާރުތަކުން ވަނީ ގޮއްވައިލައިފައެވެ. ގޮވުންތަކެއް ގޮވީ ހަމަސީދާ ކްރެމްލިންގެ މަތީގައެވެ. އެތައް ބަޔަކަށް މަންޒަރުވެސް ފެނުނެވެ. މި ގޮވުންތަކަށް އިރުކޮޅެއްފަހުން ކްރެމްލިންގެ ގުއްބުތަކާއި ޓަވަރުތަކުގެ މައްޗަށް ބަޔަކު އަރައިގެން ބެލުންތަކެއްބެލި މަންޒަރުވެސް ފެނުނެވެ. ހަމަލައިގެ ސަބަބުން ކްރެމްލިންއަކަށް އެއްވެސް ގެއްލުމެއްނުވެއެވެ. ކޫރުމެއްވެސް ނޭޅެޔޭ އެތަނުން ބުންޏެވެ. މީހަކަށްވެސް ގެއްލުމެއް އަނިޔާއެއް ނުވެއެވެ. ހަމަލާދިން ވަގުތު ރައީސް ޕުޓިން އެއިމާރާތުގައި ނުވެސް އުޅުއްވައެވެ. އޭނާ ވަޑައިގެން ހުންނެވީ އެހެން ތަނެއްގައި ކަމަށް ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވިއެވެ. މިކަންކުރީ ކޮންބައެއް ބާވައެވެ. ޑްރޯން ހަމަލާގެ ފަހަތުގައިތިބީ ކޮންބައެއް ބާވައެވެ.
މިކަމާމެދު އެނގެންއޮތީ ރަޝިޔާއިން ބުނާ އެއްޗެކެވެ. ރަޝިޔާއިން ބުނަނީ މިއީ ރައީސް ޕުޓިން އަވަހާރަކޮށްލުމަށްޓަކައި ޔުކްރޭނުން ދިން ހަމަލާއެއް ކަމުގައެވެ. ހަމަލަދޭންވީ ގޮތާއި ހަތިޔާރުގެ ބާވަތާއި އަމާޒު ކަނޑައަޅައިދިނީ އެމެރިކާއިން ކަމަށްވެސް ރަޝިޔާއިން ބުނެއެވެ. ކޮންމެއަކަސް ރަޝިޔާގެ ތުހުމަތު މި އަމާޒުކުރަނީ ދެ ގައުމަކަށެވެ. ޔުކްރޭނާއި އެމެރިކާއަށެވެ. އެދެގައުމުންވެސް ވަނީ ވަގުތުން މި ތުހުމަތު ދޮގުކޮށްފައެވެ. ތިމަންމެންގެ ކަމެއް ނޫނޭ ބުންޏެވެ. ޔުކްރޭނުގެ ވެރިރަށް ކިޔެވް ފުނޑާލައި ރައީސް ޒެލެންސްކީގެ ކަންތައް ނިންމައިލުމުގެ ނިޔަތުގައި ބަހަނާއެއް ދެއްކުމަށް ރަޝިޔާއިން އަމިއްލައަށް ކުޅުނު ތަމްސީލެކޭވެސް ބުންޏެވެ. ކޮންމެއަކަސް މިއީ ދެފަރާތުގެ ވާހަކަ ވާހަކަ ހުރިގޮތެވެ. ކަމުގެ އަސްލު ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ މިދެބައިމީހުންނަށެވެ.
ތިމަންމެން ދެނެތިބި ކަމެއްވެސް ނޫނޭ، ތިޔައީ ދޮގު އިލްޒާމެކޭ އެމެރިކާއިން ބުނީމާ އޭގެ ރައްދުގައި ރަޝިޔާއިން ބުންޏެވެ. ޒާތްޒާތުގެ ވާހަކަ ނުދައްކާށެވެ. ކަލޭމެން ކުޅޭ ރޯލާއި ކުޅުނު ރޯލް އަހަރެމެންނަށް ރަނގަޅަށް އެނގޭކަން ކަލޭމެންވެސް ދަންނާނެއެވެ. ތިޔަކަމުގެ ބަދަލު ހިފާނޭގޮތާއި ހިފާނޭ މިންވަރާއި ވަގުތު ނިންމާނީ އަހަރެމެންނެވެ. ބަލަން ތިބޭށެވެ. ރަޝިޔާގެ މި އިންޒާރާއެކު ބިރުވެރިކަންވަނީ އިހުނަށްވުރެވެސް މައްޗަށް އުފުލިގެން ގޮސްފައެވެ. ރަޝިޔާއިން ދެން އަމަލުކުރާނެ ގޮތެއް ނޭނގޭތީއެވެ. މިކަމުގައި އެމެރިކާގެ އަތެއް ނެތްކަމަށް، ނޯންނާނެ ކަމަށް ގަބޫލުކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އެމެރިކާ ނުރުހޭ ގައުމުތަކުގެ ވެރިން އަވަހާރަކޮށްލަން ރޭވުންތައް ރޭވުމާއި ހަމަލާދިނުމުގެ ދިގުވެގެންވާ ތާރީޚެއް އެމެރިކާއަށް ލިބިގެންވާތީއެެވެ.
ކިއުބާގެ ވެރިކަމުގައި ފިޑެލް ކާސްޓްރޯ ހުންނެވިހައި ދުވަހު އެމެރިކާއިން އޭނާ އަވަހާރަކޮށްލުމަށް އެތައް އެތައް ރޭވުމެެއް ރޭވިއެވެ. ކާސްޓްރޯ ބޭނުންކުރައްވާ ބޮޑު ސުއްޓާގެ ބަދަލުގައި ގޮވާޒާތުގެ ސުއްޓާއެއް އަރުވަންވެސް އުޅުނެވެ. އިރާގުގެ ރައީސް ސައްދާމު ހުސައިނުގެ އެންމެ ރަންޒަމާނުގައި އޭނާ އަވަހާރަކޮށްލުމަށްވެސް އުޅުނެވެ. ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ރަންޒަމާނުގައި އޭނާ އަވަހާރަކޮށްލުމަށް ވެރިރަށް ޓްރިޕޮލީއަށް ވައިގެ ހަމަލާއެއްވެސް ދިނެވެ. ވެނެޒުއެލާގެ ރައީސްކަމުގައި ހޫގޯ ޗަވޭޒް ހުންނެވި ދުވަސްވަރު އޭނާ އަވަހާރަކޮށްލުމަށް ކޮށްފައި ނުކުރާކަށް ވަކިކަމެއް ނުބާއްވައެވެ. އުތުރުކޮރެޔާގެ ލީޑަރު ކިމް ޖޮން އުން އަވަހާރަކޮށްލުމަށްވެސް އެތަކެއްފަހަރު މަސައްކަތްކޮށްފިއެވެ. އިންޑޮނީޝިއާގެ ރައީސްކަމުގައި ސުކާނޯ ހުންނެވި ދުވަސްވަރު އޭނާ އަވަހާރަކޮށްލަންވެސް އުޅުނެވެ.
ކޮންގޯގެ ބޮޑުވަޒީރު ލުމުމްބާ އާއި ޑޮމިނިކަން ރިޕަބްލިކްގެ ވެރިޔާ ރަފޭލް ޓްރުޔީއްލޯ އާއި އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ ޚުމައިނީ އާއި ދެކުނު ވިއެޓްނާމުގެ ރައީސް ޑިން ޑިއެމް އާއި އުތުރު ވިއެޓްނާމުގެ ވެރިޔާ ހޯޗީމިން އަވަހާރަކޮށްލަންވެސް ރޭވިއެވެ. އެކަންކަން އެގޮތަށް ތަންފީޒު ނުކުރެވުނީއެވެ. ގޮތްނޭގޭ ގޮތްގޮތަށް އެކި ހާދިސާތަކުގައި އަވަހާރަވެފައިވާ ބައެއް ލީޑަރުންގެ ކަންތައް ނިންމައިލުމުގައިވެސް އެމެރިކާގެ ޖާސޫސީ އިދާރާގެ ދައުރެއް އޮތްކަމަށް ތުހުމަތު ކުރެވެއެވެ. ޕާކިސްތާނުގެ ވެރިޔާ ޖެނެރަލް ޒިޔާއުލް ހައްގުވެސް ހިމެނޭގޮތުންނެވެ. ދާދި އިހަކަށްދުވަހު ޑްރޯން ބޭނުންކޮށްގެން އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލީވެސް ހަމަ އެމެރިކާއިންނެވެ. އެހެންވީމާ ޕުޓިން އަވަހާރަކޮށްލަން އެމެރިކާއިން މަސައްކަތެއް ނުކުރާނޭކަމަށް ބަލަން ޖާގައެއް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ